ކުރީގެ މެޖަރ ޖެނެރަލް ޝިޔާމަށް ދަޢުވާ ކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އޭސީސީއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން ވިދާލުވެފައިވަނީ، ދައުވާ ކުރަން ފޮނުވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި ދިރިއުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިންކަމަށެވެ.

ޝިޔާމް ގެ މައްޗަށް ކުރަން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީއިން ވިދާޅުވި ގޮތުގައި ވީއައިޕީ ފެސިލިޓީގައި ޝިޔާމްގެ ބައްޕަ އުޅުއްވީ 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށެވެ. އެތަނުގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެތަނަކީ އާންމުންނަށް ދިރިނޫޅެވޭނެ ތަނެއް ކަމަށް އޭސީސީއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތްކަމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތް ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވެފައި ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކު ވީއައިޕީ ފެސިލިޓީގައި ދިރިއުޅެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ. އަދި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

އަދި ޝިޔާމްގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީއިން ބުންޏެވެ.

ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

މީގެ ކުރިން އޭސީސީއިން ވަނީ އެ މައްސަލަ ބަލައި ނާޖާއިޒު ފައިދާއެއް ހޯދައިނުދޭ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ އަލުން ބެލީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަންގަވައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް