ރައީސް ޞާލިޙް ދެބިލެއް ތަޞްދީޤް ކުރަށްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ދެބިލެއް ތަސްދީޤް ކުރަށްވައިފިއެވެ.

 

މިއަދު ރައީސް ތަސްދީޤް ކޮށްދެއްވި ބިލަކީ ލާމަރުކަޒީ ޤާނޫނު އަދި މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ހިމެނޭ ބިލެވެ.

ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލަށް އިސްލާހު ގެނައީ ޑިސެމްބަރު ހައެއްގައި ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅަމުން ވިދާޅުވެފައި ވަނީރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިސްލާހު ގެންނަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިތުރަށް ބާރުވެރިކޮށް ކެޕިޓަލް މާކެޓް ފުޅާކުރުމަށް ކަމަށެވެ.

އެ އިސްލާހާ އެކު ސެކިއުރިޓީޒް މާކެޓަށް ތައާރަފް ކުރެވޭނެ އާ ސެކިއުރިޓީޒްތައް ދެނެގަނެ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ގޮތަށް ހެދުމަށް ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރެއަށް އިތުރުވާނެ އެވެ.

އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރެއަށް

ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އެ ކަންކަމާމެދު އާންމުން އަހުލުވެރިކުރުވުން ވެސް އިތުރުވެގެންދާނެއެވެ.

ހަމައެއާއެކު، އެ ޤާނޫނަށް ގެނައި އިސްލާހުގައި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެ އެވެ. އޭގެ އިތުރުން، ހިއްސާގެ ބާޒާރެއް ގާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް މިއަދު ދެން ތަސްތީޤު ކުރެއްވި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައިވެ އެވެ.

ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދަން ވާނީ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އޭގެއިތުރުން، އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ޤާނޫނާއި ޤާނޫނުގެ މަގުސަދުތަކާ ތައާރުޒުވާ ޤާނޫނުތައް ފާހަގަކޮށް ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ޤާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ވެސް ބުނެފައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް