މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މިފްކޯ އޮތީ ވަރަށް ޙާލުގައި ކަމަށާއި މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ޒަހާ ވިދާޅުވެއްޖެއެވެ.

ވަޒީރާ ޒަހާ މިހެން ވިދާޅުވެފައި މިވަނީ މަސްކިރާ އަގު ދައްވެ މަސްވެރިނަށް މަސްކިރުމުގައި ދިމާވަމުންދާ ދަތިތަކާއި މެދު ހިތްހަމަ ނުޖެހި ޅ ފެލިވަރުގައި މަސްވެރިން އިހްތިޖާޖްކުރުމުން އެމަސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރާ ޒަހާ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފްކޯ ވެސް އެހާ ހާލުގައި އޮވެ، އަދި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ފެލިވަރަކީ މިފްކޯގެ މަސް ކާރުހާނާ ހުންނަ ރަށެވެ. މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް ވަޒީރާ

ވިދާޅުވި އެވެ.

މިފްކޯއިން ފެށުނީއްސުރެ ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވީ މަސްވެރިންނަށާއި މުޅި ދާއިރާ އަށް ކުރިއެރުން ލިބެން އޮތީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށެވެ.

 

މިފްކޯ ފައިދާވާ ކުންފުންޏަކަށް ނުވަންޏާ މަސްވެރިކަމަށް ވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، ސަރުކާރުން ނުއަގުގައި ވިޔަފާރި ކުރަންޏާ އެހެން ވިޔަފާރިތައް ވެސް ދެކޮޅެއް ނުޖެހޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ވިދާޅުވުއެވެ.

ޒަހާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތި ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހިފައި ވަނީ މަސްވެރިން އެކަނި ނޫން ކަމަށެވެ. ޓޫރިޒަމް ދާއިރާގެ އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، އެހެން ރައްޔިތުންނަށް ވެސް މިއީ ދަތި ދުވަސްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ހާލަތުގައި މަސްވެރިން ބޭނުން އަގެއްގައި މަސް ގަންނަން ވެއްޖެ ނަމަ އެ ހަރަދު ވެސް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސ ވަޒީރާމ ވިދާޅުވި އެވެ.

ފެލިވަރުގައި މުޒާހަރާ ކުރި މަސްވެރިން ވަނީ ލުއި ފަސޭހަކޮށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ޑިމާންޑްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޒަހާ ވިދާޅުވީ މަސްވެރިކަމާ ބެހޭ، ސަރުކާރުގެ ސިޔާސަތު އިއުލާންކޮށް، ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުގައި ހަތް އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތާއި ގިނަ ދޯނިފަހަރުގައި ވެސް ޕްލާންޓްތައް ބެހެއްޓުމުގެ މަޝްރޫއުތައް ކުރިޔަށް ދާނެ ކަމަށް ވަޒީރާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ އިއްޔެ އެކަމަނާ ވާހަކަ ދެއްކެވި މަސްވެރިން ބޭނުންފުޅުވަނީ [މަޝްރޫއުތައް ނިމޭނެ] ސީދާ ދުވަހެއް ބުނަން ކަމަށާއި އެއީ ވަރަށް ދަތިކަމެއް ކަމަށެވެ. އަދި އެއީ ރީޒަނަބަލް ވާހަކައެއް ނޫން ކަމަށާއި އެކަމުގައި އޮންނަ މަރުހަލާތައް ނިމޭ ވަރަކުން އެކަން ހިނގާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވީހާ ވެސް އަވަހަށް ނިންމާނެކަމަށް ވަޒީރާ ޒަހާ ވިދާޅުވި އެވެ.

.

ފެން ނުލިބޭ މައްސަލާގައި މަސްވެރިން ކުރަމުން އައި ޝަކުވާތަކާ ގުޅޭ ގޮތުން ވަޒީރާ ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް މިފްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޭނުން ވަރަކަށް ފެން ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ދޯނިތަކުން ވެސް އެ ހިދުމަތް ބޭނުންވާނެތީ، އެންމެނަށް ލިބޭނެ މިންވަރަށް ހިފެހެއްޓިގެން އުސޫލެއްގެ މަތިން އެކަން ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔ ކުރި މުޒާހަރާގެ ބައިވެރިއަކު މިއަދު ބުނި ގޮތުގައި ވަޒީރާ ޒަހާއާއި ފޯނުން ބައްދަލު ކުރެވޭ ގޮތް ހަމަޖެހުނީ ފުލުހުން މެދުވެރިކޮށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކާ ގުޅޭ ގޮތުން ދެ ދުވަހެއްގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމުގެ ޔަގީންކަން ޒަހާ ދެއްވި ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު ރޭގެ ވަގުތެއްގައި ފުލުހުންގެ އިންޒާރާ އެކު މަސްވެރިން ކުރަމުން އައި އިހުތިޖާޖު ނިންމާލި ކަމަށް ވެސް އޭނާ ބުންޏެވެ.

Loading

2 Responses

  1. ދެން މަސްވެރީންނަށް ރަނގަޅުގޮތް ހަދައިނުދިނަސް މޮޅުގޮތްތަށް ހަދާދެނެކަމުގެ ވާހަކަ ދައްކާނީ 2022 ފެށުނީމާހެން ވަރަށް ހީވޭ. ހަވާމެންދުރު ރައްޔަތުންނަށް ދައްކާފަ މޮޔަސޮޮރު ނޫނީ ވަގުކަލޭގެ ކާމިޔާބުހޯދާނެ އެ ވަޢުދުތަކުގެ މޮޔަހައްލައިގެން. ކާކު ކޮންވެރިއެއްތޯ މަސްވެރީންނަށް ރަނަގަޅުގޮތެއް ހަދާދިނީ. މައުމޫނު އިރުގައި އޭނާގެ ޅިޔަނު އިލްޔާސް ލައްވާ މާރީގެ ފިރިމީހާ ސަޓޯއާއި އެކު އެފްޕީއައިޑީ އިން ބޮޑުވެގެންވާ ބޮޑު ވައްކަމެއްކޮށް އެންމެނަށް ބައިއަޅާފަ ސަލާމްވެގެން އެތީބީ. ދެން ދެން ޖެހިގެން އައިމިހިން ވައްކަން ކުރީ. ދެން ދެން ޖެހިގެން އައިބައިގަނޑު
    އެމްއެމްޕީއާރސީ ދަވާލީ. ރައްޔަތުން ފަޅުބިން ވިއްކާއިގެން އެދިޔައީ. ދެން މިއައީ މިތިބަ މީހުން. ޖަޒީރާ ވަންތަ ޖަޒީރާ ރާއްޖެ. އަހާ ސަހަރޯ؟!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް