ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ ދަށުން ވިލުފުށި އެއަރޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓަރމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުއެވެ.
ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ވިލުފުށީ އެއާޕޯޓު ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.