މަސްވެރިންގެ އިހުތިޖާޖު: މަސްވެރިންނަށް އޮޅުވާލުން ހުއްޓާލާ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އުތުރުގެ ގިނައަދަދެއްގެ މަސްވެރިން ފެލިވަރަށް ގޮސް އަންގާރަދުވަހު އިހުތިޖާޖެއްކޮށްފިއެވެ.

މަސްދޯނިފަހަރުގައި ފެލިވަރަށްގޮސް މަސްވެރިން ހެނދުނުފެށި އިހުތިޖާޖުގައި އެދުނު އެއްކަމަކީ ސަރުކާރުން މަސްވެރިންނަށް އޮޅުވައިނުލުމަށެވެ. އިހުތިޖާޖުކުރި މަސްވެރިން ބުނަމުންދިޔައީ ވެރިކަމަށް އަންނަން ބޮޑެތި ވައުދުތަކެއް ސިޔާސީ ލީޑަރުން ކުރެއްވިކަމަށާއި ނަމަވެސް ވައުދުތައް ފުއްދެވުމުގެ ބަދަލުގައި މަސްވެރިންނަށް ދެރައާއި ގެއްލުން ދެއްވަމުންދާކަމަށެވެ.

ފެލިވަރަށް 17 ވަރަކަށް ދޯނީގައި އަރައިތިބި މަސްވެރިން އަންގާރަދުވަހު އެދުނު އެއްކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެންމެ ފަސް މިނެޓެއްހާ އިރަށް ނަމަވެސް ކޮންފަރެންސް ކޯލަކުން ވާހަކަދައްކައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ހިއްސާކުރުމަށެވެ. ވަރަށް ހެނދުނާ ފެށި އިހުތިޖާޖު ދިގުދެމިގެންގޮސް އިރުއޮއްސުނުއިރުވެސް މަސްވެރިންގެ އެ އެދުން ހާސިލު ކުރެވޭ ގޮތެއްނުވިއެވެ.

އިހުތިޖާޖުކުރަން ނިކުތް މަސްވެރިން އެދުނު އެހެން ކަންތައްތަކުގެ ތެރޭގައި މަހުގެ އަގު ކިލޯއެއް 20ރ އަށްވުރެ ކުޑަނުވާނޭހެން ހަމަޖެއްސުމަށާއި ފެލިވަރުން މަސްވެރިންނަށް ލުއިފަސޭހަގޮތެއްގައި އައިސް ލިބޭނޭ ގޮތެއް ހަމަޖައްސައިދިނުމަށާއި ދުވަހުންދުވަހަށް މަސްކިރޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށާއި މިފްކޯގެ ދަށަށް ކީކިމިނި ގެންދިއުމަށެވެ. މަސްވެރިން ގަބޫލުކުރާގޮތުގައި އެކަންތައްތަކަކީ މަސްވެރިންގެ ހައްގުގައި ފަސޭހައިން ކުރެވިދާނެ ކަންތައްތަކެކެވެ. ނަމަވެސް އިރުއޮއްސިގެން ދިޔައިރުވެސް މިފްކޯއިން އުއްމީދީ ޖަވާބެއްނުދެއެވެ.

ހެނދުނު ފެލިވަރުގައި ތިބި ފުލުހުންގެ އިތުރަށް ފެލިވަރަށް މެންދުރުފަހުން އިތުރު ފުލުހުންނާއި މުޒާހަރާ ރޫޅާލުމަށް ބޭނުންކުރާ ސާމާނު ގެންދިޔަފަހުން ފުލުހުންނާއި މަސްވެރިންނާދެމެދު މަސްރަހު ހޫނުވެގެންދިޔައެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުންދިޔަ ދުވަސްވަރު މަސްވެރިންނަށް މަހުގެ ހަމައަގު ހޯދައި ދޭނޭކަމަށް ވައުދުވި އެމްޑީޕީ ކޯލިޝަނަށް މަސްވެރިންގެ ހައްގުގައި އެކަށީގެންވާ ކަމެއް ކުރެވުނުކަމަކަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ.

ފެލިވަރުގެ އިހުތިޖާޖުގައި ބައިވެރިވި ޒުވާނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ފޯނުކޮންފަރެންސެއް ބާއްވަން ބޭނުންކަމަށެވެ.

”އަޅުގަނޑުމެންނަށް ވަރަށް ގިނަ ވައުދު ކުރައްވައިގެން އަޅުގަނޑުމެން ވޯޓު ދީގެން ގެނައި ސަރުކާރެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ. ކޮންމެ ގަޑިއެއްގައިވެސް މަސްވެރިންނާއި ގުޅޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައި. އަޅުގަނޑުމެން ބޭނުން ފޯނުންނަމަވެސް ރައީސާ ވާހަކަދައްކައި މަޝްވަރާކުރަން.“ އޭނާ ބުންޏެވެ.

މަސްވެރިންގެ ހުވަފެނުގައި ކުލައެއް ނުޖެހުނެވެ. ޖީބު ފުރައެއްނުލެވުނެވެ. ކޮވިޑުގެ ހާލަތުގައިވެސް އިގުތިސާދު ކުރިއަރުވަން އަތްވާއި ވާރޭގައި ބުރަ މަސައްކަތްކުރީ މަސްވެރިންނެވެ. އޭގެ އަގު ލިބުނުކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. ޒުވާނުން ގަބޫލުކުރަނީ މަސްވެރިން ނިކަމެތިވަމުންދާކަމަށެވެ.

މަސްވެރިންގެ ދުވަހުގައިވެސް މަސްވެރިންގެ ގިނަބަޔަކު ނިކުމެ އިހުތިޖާޖުކޮށްފައިވެއެވެ. އޭގެތެރޭގައި ގިނައީ ބޮޑުކަންނެލީގެ މަސްވެރިންނެވެ.

މައްސަލަތައް ހައްލުކުރަން ކޮންމެ ފަހަރަކު މުޒާހަރާކުރަން ނިކުތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މަސްވެރިންނާއި އެމީހުންގެ އާއިލާއިން ގަބޫލެއް ނުކުރެއެވެ.

މަސްވެރިން ގޮވަމުންދަނީ ބާނާމަސް ވަގުތުން ކިރޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި މަހަށް ހަމައަގުލިބޭނޭ ގޮތް ހަމަޖައްސައިދިނުމަށެވެ.

މިއަދު އިހުތިޖާޖުކޮށް މުޒާހަރާކުރީ އުތުރުގެ މަސްވެރިންނެވެ. އެހެން ސަރަހައްދުތަކުގެ މީހުން އެ އިހުތިޖާޖުގައި އަމަލީގޮތުން ބައިވެރި ނުވިޔަސް ރާއްޖޭގެ ހުރިހާ މަސްވެރިންގެވެސް އެދުމަކީ އެމްޑީޕީން ބުނަމުންދިޔަ ހަމައަގު މަސްވެރިންނަށް ލިބުމެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ފުރިގެންދިޔައިރުވެސް ވައުދެއް ނުފުއްދުނެވެ. ކުރިމަތިވަމުންދަނީ ދަތި އުނދަގުލާއެވެ. ނިކަމެތިކަމާއެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މަސްވެރިންނަށް އޮޅުވާލުން ހުއްޓާލާށޭ ގޮވަމުންދިޔައީ އެހެންވެގެންނެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރުގެއްލުމުންކަމަށެވެ.

”އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ. މަސްވެރިން ހާލުގައި ޖެހުމަކީ ގައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން.“ ޑރ. ޖަމީލުގެ ޓްވީޓުގައި ލިއުއްވާފައިވެއެވެ. ”ހުރިހާބާރެއް ލިބުމުން ހަމައަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން.“

 

Loading

One Response

  1. ގައުމުގެ ޙާލަތު ދުލިން ބަޔާން ނުކުރެވޭހާ މީހުންގެ ފެންވަރު ދަށްވެއްޖެއެވެ. ގޭބުޑަށް އައިސް ދޮގުބަސްތަކުން ހަދަހަދައިގެން ހިތްހަމަ ޖައްސައިގެން ވޯޓުހޯދުމަށްފަހު ދެނީ ދޯކާނޫންތޯއެވެ. ދެންވެސް ހަމަ އެދޮގުތަކަށް ހެއްލޭނެއެވެ. ރައްޔަތުންނަށް ޙައްގުމިންވަރު ލިބޭނީ އެފަދަ ޙައްގުމިންވަރު ބޭނުންގެވެން ވިސްނާ ފިކުރުކޮށް މަސައްކަތްކުރާ ބަޔަކަށެވެ. ވޯޓުވިއްކާ މެޖޯރެޓީއަކަށް އޮންނާނީ ކޮން ޙައްގުމިންވަރެއްތޯއެވެ. މިހާރު ތިބެނީ އެ ޙައްގުމިންވަރުކަމަށް ވެދާނެ ނޫންތޯއެވެ. ވަރަށް ދެރަވަރު .

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް