ކޮވިޑްގެ އާ ސްޓްރެއިން އާއި އެކު ސަޢުދީ ބޯޑަރުތަށް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއެއް އިނގިރޭސިވިލާތުން ފެނުމާއި ގުޅިގެން އިއްޔެ ސަޢުދީޢަރަބިއްޔާއިން އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފި އެވެ.

ސަޢުދީޢަރަބިއްޔާގެބޕްރެސް އޭޖެންސީން އެޤައުމުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެޤައުމުން ވަނީ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެޤައުމަށް ދަތުރު ކުރަން އޮތް ބައިނަލްއަގުވާމީ ފްލައިޓުތައް މިހާރު ވަނީ ކެންސަލް ކޮށްފައި ކަމަށެވެ.

މީގެ އިތުރުން ސަޢުދީއިން ވަނީ ވައިރަހުގެ އާ ސްޓްރެއިން ފެނުނު ޤައުމުތަކުން މި މަހުގެ އަށެއްގެ ފަހުން އެޤައުމަށް ދިޔަ މީހުން، އެޤައުމަށް ދިޔަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ކަރަންޓީނުވުމަށް އަންގާފަ އެވެ. މީގެ ކުރިން ސަޢުދީގައި އޮތީ ބޭރު ޤައުމުތަކުން އެ ޤައުމަށް އެތެރެވާ މީހުން ތިން ދުވަހަށް ކަރަންޓީނުވާ ގޮތަށެވެ.

އިނގިރޭސިވިލާތާއި އިޓަލީންވެސް މިހާރު ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ ކުރީގެ ސްޓްރެއިންއަށް ވުރެ ހަލުވި ކަމާ އެކު ފެތުރޭ ވައްތަރެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެޤައުމުގެ ޗީފް މެޑިކަލް އޮފިސަރ ކްރިސް ވިޓީ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫރަޕިއަން މޮލިކިއުލާ ބަޔޮލޮޖީ ލެބޯރެޓަރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިވަން ބާނީ ވިދާޅުވި ގޮތުގައި ކޮވިޑާ ދެކޮޅަށް މިހާރު ތައްޔާރުކޮށްފައިވާ ވެކްސިންތައް ވަނީ ކޮރޯނާވައިރަހުގެ އެކި ސްޓްރެއިންތަކަށް ޓެސްޓުކޮށްފަ އެވެ. އެހެންކަމުން އިނގިރޭސިވިލާތުން ފެނުނު ސްޓްރެއިންއާ ދެކޮޅަށްވެސް ވެކްސިންތައް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެކަމާ ގުޅުން ހުރި އިތުރު ޓެސްޓުތައް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްޓްރެއިންގެ ސަބަބުން އިނގިރޭސިވިލާތަށް ކުރެވޭ ދަތުރުތައް ހުއްޓާލާފައިވާ ޤައުމުތަކުގެ ތެރޭގައި އިޓަލީ، ނެދަލޭންޑްސް، ފްރާންސް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާ، އަޔަލޭންޑް، ރަޝިއާ އަދި ކުވޭތު ހިމެނެ އެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް