އިދިކޮޅުން ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު ”ވިސްނާ“ގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފައިވާ ކަމަށް އެކޯލިޝަނުން ބުނެފިއެވެ.
ޖަލްސާ ބާއްވަނީ ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ.
އެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ބޭއްވުމަށް އެދި ހުއްދަ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން އުންމީދުކުރަން މިފަހަރު މި ސަރުކާރަށް މިކަން ކުރަން ކެރޭނެކަމަށް،“ ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމަށް އިޝާރަތް ކުރައްވައި ޝުޖާއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސްތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށެވެ.
އެ ޖަލްސާގައި ވަރަށް ”ސަޕްރައިޒިން“ ކަންތަތައްތަކަށް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ކުރިއަށްދާނީ ގައިދުރުކަން އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާޢު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް އިދިކޮޅު އެއްވުންތައް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެތަށް ފަހަރަކު އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ހުއްދަ ދީފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ރަށްތަކުގައި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ ރޭ ޅ. ނައިފަރު އަދި ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިގިލީގައި އޮންލައިން ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
One Response
ބައިވެރިންގެ އެންމެނަށް ކޮވިޑް މާސްކު ބަހަން ހަދާންކުރައްވާތި. ތި އެއްވުމުގެ ސަބަބުން އިތުރަށް ބަލިފެތުރެއްޖިއްނަމަ ޒިންމާނަގާނީ ކާކު؟ ޢަބުދުއްރަޙީމު ތޯއެވެ؟ ވިސްނާފަ ކަންކަން ކުރައްވާށެވެ.