”ސްކިލްސް ފޮރ ބިލްޑިންގ އިމޯޝަނަލް ސްޓްރެންތު“ ގެ ނަމުގައި ސްކޫލުތަކުގެ ކައުންސެލަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ތާޖުއްދީން ސްކޫލުގައެވެ.
މި ވޯކްޝޮޕް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި, ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް (އެންސީއެމްއެޗް) އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.
އަދި އެ ވޯކްޝޮޕްގެ ސެޝަންތައް ނަގައިދީފައި ވަނީ އެންސީއެމްއެޗްގެ ފަރާތުން, އެ ދާއިރާގެ މާހިރުންނެވެ.
މި ވޯކްޝޮޕްގައި މާލޭ ސަރަޙައްދުގެ އެކި ސްކޫލުތަކުން ޖުމްލަ 25 ކައުންސެލަރުން ބައިވެރިވެފައި ވެއެވެ.
މި ވޯކްޝޮޕްގެ މަޤްޞަދަކީ ސްކޫލް ދަރިވަރުންނަށް އުނދަގޫ އިހްސާސްތަކާ ކުރިމަތިލުމަށާއި، ތަޢުލީމީ މާޙައުލުގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދިނުމަށްޓަކައި ކައުންސެލަރުންގެ ހުނަރު އިތުރުކުރުން ކަމަށް އެޑިޔުކޭޝަނުން ހާމަކުރެއެވެ.
”މި ވޯކްޝޮޕްގެ ބައިވެރިންވަނީ ބަޔޯ-ސޯޝަލް މޮޑެލް ދިރާސާކޮށް، އިހްސާސްތައް ދެނެގަތުމާއި، އިހްސާސްތައް ކޮންޓްރޯލްކުރުމުގެ ހުނަރުތަކާއި، ނަފްސާނީ ގޮތުން އުނދަގޫވާ ޙާލަތްތަކާ ކުރިމަތިލުމަށް ބޭނުންކުރެވިދާނެ ސްޓްރެޓެޖީތައް ދެނެގަތުމާ ގުޅޭ އެކި ޙަރަކާތްތަކުގައި ބައިވެރިވެފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިިނިސްޓްރީން ބުނީ ބައިވެރިން ވަނީ އެ ހުނަރުތައް ކްލާސްރޫމްތަކުގައި ބޭނުންކުރެވޭނެ އެކި ގޮތްތަކަށް ތަމްރީނު ކޮށްފައި ކަމަށެވެ.