ވެމްކޯއިން ގޭގެއިން ކުނި ނަނގާ ގަޑި ބަދަލުވަނީ

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި ހިމެނޭ ގޭގެއިން ކުނި ނަގާ ގަޑި އަންނަ ޖެނުއަރީ މަހުން ފެށިގެން ރޭގަނޑަށް ބަދަލުކުރާ ގޮތަށް ވެމްކޯ އިން ހަމަޖައްސައިފި އެވެ.

 

ވެމްކޯގެ މުވައްޒަފުން މިހާރު ގޭގެ އިން ކުނި ނަގަނީ ދުވާލުގެ ވަގުތުތަކުގައެވެ. ކުނި ނަނގާ ގަޑިއަށް ގެންނެވި ބަދަލާއި ގުޅިގެން ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އެކަން ރޭގަނޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ގޭގެއިން މިހާރު ކުނި ނަގަނީ މެންދުރު 2:30 ގެ ފަހުންނެވެ.

އާދަމް ވިދާޅުވީ، ގޭގެއިން ކުނި ނެގުން ރޭގަނޑަށް ބަދަލުކުރަން ނިންމެވީ، އަންނަ މަހު އަލުން ސްކޫލުތައް ހުޅުވުމާ އެކު، މާލޭގެ މަގުތަކުގެ ޓްރެފިކް ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ.

ސްކޫލުތައް ފެށުމުން މާލޭގެ މަގުތައް ތޮއްޖެހުމާ އެކު ވެހިކަލްތަކަށް މޫވްކުރަން އުނދަގޫވާނެ ކަމަށާއި، އެހެންވެ މިހާރު މަޝްވަރާ ކުރައްވަނީ ރޭގަނޑު 10:00 އިން 12:00 އަށް ކުނި އުފުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް އާދަމް ވިދާޅުވި އެވެ.

އާދަމް ވިދާޅުވިގޮތުގައި، ކުނި އުފުލުމުގައި ވެމްކޯ އިން 30ހަކަށް އުޅަނދު ބޭނުން ކުރާއިރު އެވްރެޖްކޮށް 140 ޑަސްބިން މަގުމަތީގައި ގެންގުޅެ އެވެ. މިއާ އެކު މަގުތައް ތޮއްޖެހި، ވެހިކަލްތައް ދުއްވުމަށް އުނދަގޫތަކާ ކުރިމަތިވެގެންދެއެވެ.

ކޮވިޑް-19 މާލެ އަށް ފެތުރިފައިވާތީ، ވެމްކޯ އިން މިހާރު ގޭގެ އިން ކުނި ނަގަނީ ގްރައުންޑް ފްލޯ އިންނެވެ. ވެމްކޯގެ މުވައްޒަފުން ކުނި ނަގަން ދާންވާއިރަށް ކުނި ތިރިއަށް ބޭލުމަށް ވެމްކޯ އިން އޮތީ ކުރިއްސުރެ އެދިފަ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލަންދެން މިގޮތުގައި ކުރިއަށް ގެންދަން ވެމްކޯ އިން ވަނީ ނިންމައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް