ކޮވިޑް ވެކްސިނަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއް: ބްރެޒިލްގެ ރައީސް

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވެކްސިން ފައިޒާ ޖެހުމުން އިންސާނުން ކިނބުލަށް ބަދަލުވެ އަންހެނުން ތުނބުޅި ފަޅާފާނެ؟

ކޮވިޑް ވެކްސިނަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއްކަމުގައި ބްރެޒިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯއަކީ ވަރަށް ގިނަ ބަޔަކު ހައިރާންވާފަދަ ވާހަކަތައް ދޭތެރެދޭތެރެއިން ވިދާޅުވާ ބޭފުޅެކެވެ.

ކޮވިޑް-19 އިން ދިފާއުވާނެ ވެކްސިނެއް ނުލިބިގެން ދުނިޔޭގެ އެތައް ބިލިއަން ބަޔަކު ހާސްވެ ކަންބޮޑުވެގެން އުޅެނިކޮށް ވެކްސިންއުފައްދައި އޭގެ ބޭނުން ކުރަންފެށިތަނާހެން ވެކްސިނާމެދު ޝައްކުއުފެދޭ ފަދަ ވާހަކައެއް ރައީސް ވިދާޅުވުމުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

ބުރެޒިލްގެ ރައީސް ވިދާޅުވިގޮތުގައި ކޮރޯނާވައިރަހުން ސަލާމަތްވާން އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިން ޖެހުމުން އިންސާނުން ކިނބުލަކަށް ވެސް ބަދަލުވެދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިޒާ ވެކްސިން ދިނުމުން އަންހެނުން ތުނބުޅިފެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިއަހަރު ކުރީ ކޮޅު މުޅި ދުނިޔެއަށް ކޮރޯނާ ފެތުރި އެތައްލައްކަ ބަޔަކު މަރުވަމުންދިޔަ ހިތާމަވެރި ދަނޑިވަޅު ރައީސް ބޮލްސޮނާރޯ ވިދާޅުވީ ކޮރޯނާއަކީ ނުރައްކައުތެރި ބައްޔެއްނޫންކަމަށާއި އެއީ އާދައިގެ ރޯގާއެއްކަމަށެވެ. އެހެން އޭނާ ވިދާޅުވެފައިވަނިކޮށް ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރި އެންމެ ގިނަ ބަޔަކު މަރުވި ގައުމުތަކުގެ ލިސްޓުގެ ގަދަ ތިނަކުން ބްރެޒިލްއަށް ޖާގަލިބުމުން ގައުމާއި ގައުމުން ބޭރުން ރައީސް ބޮލްސޮނާރޯއަށް ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވިއެވެ.

ބުރެޒިލްގެ ރައީސް ވިދާޅުވިގޮތުގައި އެ ގައުމުގައި ކޮރޯނާ ވައިރަހުން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަކަމަށްވިޔަސް އޭނާ ވެކްސިން ނުޖައްސަވާނެއެވެ.

ކޮވިޑް-19ގެ ވެކްސިން ރައްޔިތުންނަށް ދިނުމުގެ މަޝްރޫޢު މިދިޔަ ހަފުތާއިން ފެށިގެން ބުރެޒިލްގައި ކުރިއަށް އެބަގެންދެއެވެ.

”ވެކްސިން ދިނުމުން ލިބޭ ގެއްލުމަކާ އަޅުގަނޑުމެން ޒިއްމާއެއް ނުނަގާނަން. ވެކްސިން ދީގެން މީހަކު ރާމާމަކުނަކަށް ބަދަލުވެއްޖެއްޔާ އެކަމުގެ ޒިއްމާ ނަގަންޖެހޭނީ ޚުދު އެމީހަކު އަމިއްލައަށް.“ރައީސް ވިދާޅުވިއެވެ.

ބުރެޒިލްގެ ރައީސް ވިދާޅުވިގޮތުގައި ވެކްސިން ޖަހައިގެން މީހަކު ކިނބުލަކަށް ބަދަލުވިޔަސް އަންހެނެއްގެ ތުނބުޅިފެޅިޔަސް އެހެންއަޑަކުން ވާހަކަދައްކަން ފެށިޔަސް އެކަމުގައި ސަރުކާރުގެ ކުށެއް، އަދި ނަގަންޖެހޭ ޒިއްމާއެއް ނޯންނާނެއެވެ.

ރައީސް ވިދާޅުވިގޮތުގައި ބްރެޒިލްގެ ރައްޔިތުންނަށް ވެކްސިން ދެނީހިލެއެވެ. އަގެއްނުނަގައެވެ. އަދި ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއްނޫނެވެ. ބޭނުން މީހަކު ވެކްސިން ޖަހަންވީއެވެ.

ބުރެޒިލްގެ ސްޕްރިމް ކޯޓުން ވެސް ވަނީ ވެކްސިން ދިނުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ކަނޑައަޅާފައެވެ.

މިރޭގެ 10ގެ ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 މިހާތަނަށް ބުރެޒިލްގެ 7213155 މީހުންނަށް ޖެހި އެބަލީގައި186356 މީހުން މަރުވެގެންގޮސްފައިވެއެވެ.

ކޮވިޑް ވެކްސިނަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއްކަމުގައި ބްރެޒިލްގެ ރައީސް ވިދާޅުވިޔަސް އެ ވެކްސިން ޖެހުމުގެ ސަބަބުން އިންސާނުންނަށް ގެއްލުންތަކެއް ލިބުނުކަން އަދި މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް