ރައްޔިތުން ދެކެ ދެނެތިބީ މިވެރިކަމަކީ ދިވެހިންގެ މައްޗަށް ފޮނުއްވި އިލާހީ ރަޙުމަތެއް ކަމުގައެވެ.

Loading

September 3, 2025
profile
Facebook
Twitter
WhatsApp


ކުރީގެ ރައީސް ޔާމީނު ވިދާޅުވެފައިވާ ފަދައިން ދިވެހިރައްޔިތުން ހީކުރީ މިހިނދު ރާއްޖެއަށް އައިސްފައިވާ ވެރިކަމަކީ އިލާހީރަޙުމަތެއް ކަމުގައެވެ. އެހެން ހީވެދާނެ ތާއެވެ.
މި ވެރިކަން ފެށުނު އިރުވެސް ގައުމުއޮތީ އިގުތިޞާދީ ގޮތުން ނޭވާ ހޮޅިއަށް އެޅިފައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެހެނަސް ރައީސް މީހާ ވަޢުދުވަމުން ގެންދެވީ އޭނާ އެހުރިހާ ދަތިކާމެދު ގައި އެއްވެސް ހާސް ކަމެއް ނެތްކަމަށެވެ. އެކިގައުމުތަކުން އެހީތެރި ކަމުގެ ކުލަ ކުލައިގެ ފެހި ސިގުނަލްތައް ލިބިފައިވާ ކަމަށެވެ.
ޢަރަބިން ކައިގެން ތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެން ކަން ރައްޔިތުން ނަށް އޮތީ އަންގާދީފައެވެ. ޢަރަބިންގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުގައި އަޅާނެއެވެ. ރައްޔިތަކަށް ލިބެން ޖެހޭ އެއްވެސް އަސާސީ ޙައްގަކަށް ހުރަހެއް ނެތެވެ. ކުރިއަށްވުރެ މާރަނގަޅަށް ރައްޔިތުންނަށް ކަން ކަން ކޮށްދެއްވާނޭ ކަމަށް ތަކުރާރު ކޮށް ވަޢުދު ވިއެވެ.
ފަސްދޮޅަސް ހާސް ފުލެޓްއަޅައިދޭނޭ ކަމަށްވެސް ވަޢުދު ވެފައިވެއެވެ.
އިލާހީ ރަޙުމަތެއް އަންނާނީ މިކަހަލަ ގޮތަކަށްތާއެވެ. އަދި ރާއްޖޭގައި ފަށާފައިވާ އެއްވެސް މަޝްރޫޢެއް ހުއްޓާ ނުލައްވާ ކުރިއަށް ގެންގޮސް ނިންމަވާ ދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އިހަވަން ދިއްޕޮޅުގައި ތެލުގެ ބަންކަރިންގ ގެ މަޝަރޫޢެއް އިފުތިތާޙުކޮށްދެއްވާ ތިންހަތަރު ބޮޑު ކަޅުހަން ދޯންޏެއްގެ ތައްޓަމުމަތީ ބަހައްޓައިގެން ފެންވެސް އަޅުއްވާދެއްވި މަންޒަރު ދިވެހިންނަށް ފެނިގެން ދިޔައެވެ. އެއީވެސް އަހަރަކު ހަސަތޭކަ މިލިއަން ޑޮލަރު ރާއްޖޭގެ އިގުތިޞާދަށް ވަދެގެން ދާ ދޮރެއްކަނުގައި ޢިއުލާން ކުރެއްވިއެވެ. އުފަލުގެ ކޮޅެއް ނެތެވެ!
އެހެން ކަމާއެކު ދިވެހިންގެ ގިނަބަޔަކު ތިބީ އުފަލުންގޮސް ބަސް ހުއްޓި އަނގައިގެ ދެމިޔަކަނުން ސޮނިފައިބާފައެވެ. އުފަލުން ގޮސް ޔާމީނަށް ޓިކެޓް ނުލިބުނު ކަން ނަސީބޭ ބުނާ ބަޔަކުވެސް ފާޓްފުޅާކޮށް އުޅުނެވެ. އެހެނީ މިއީ ހުވަފެނަކުން ފެންނާނޭ ކަމަށް ރައްޔިތުން ކުރި އުންމީދެއް ނޫން ވިއްޔާއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް ހަތްސަރޭކައަށް ވުރެ މަތި ނުކުރައްވާނެ ކަމަށާއި ކިޔަވައިގެން ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުން ބާކީ ނުކުރައްވާ އެފަދަ ޢިލްމީ ތަޖުރިބާކާރު ބޭފުޅުން ނޫނީ ދައުލަތް ހިންގުމަށް ސަރުކާރުގެ އިސްމަގާމުތަކަށް އައްޔަން ނުކުރައްވާނޭ ކަމަށް ވެސް ވަޢުދުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތައް ރަންޒަމާން ގެނުވައިދޭނޭ ކަމަށާއި މަސްކިލޯއެއް އޭރު ގަންނަމުން ދިޔަ އަގު ތިރި ނުކުރައްވާ މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިން ބާނާ މަސް ފިނިކޮށް ރައްކާކުރެވޭނޭ ކޯލްޑްސްޓޯރޭޖް އިތުރުކުރައްވާ މަސްދޯނި ފަހަރުގައިވެސް މަސްފިނިކޮށްފައި ބެހެއްޓޭނެ ޒަމާނީ ވަސީލަތްތައް ގާއިމް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
އަސްލުވެސް އިލާހީ ރަޙުމަތެއްވެސް އަންނާނީ މިކަހަލަ ގޮތަކަށްތާއެވެ؟ އެހެން ކަމުން ރައްޔިތުން ތިބީ އުފަލުން ފޮޅި ބައެއ ރައްޓެހިން ދިމާވީމަ އުފަލުން 32 ދަތް ދައްކާފަވެސް ވެއެވެ. 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ ޕާޓީއަށް ރައްޔިތުން ދީފިނަމަ އޭރު ގާނޫނުތަކުގައި ހުރި ރައްޔިތުންގެ ޙައްގުތަކަށް ހުރަސް އެޅޭ ބާގަނޑުތައް ބައްދައިދީ ރައްޔިތުންގެ އަސާސީ ޙައްގުތައް ލިބިދޭނޭ ގާނޫނީ ޕްލެޓްފޯމެއް ގާއިމް ކޮށް ދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތަކަށް ލިބެން ޖެހޭ އެއްވެސް އެއްޗެއް ނުވަތަ ޙައްގެއް ނުލިބިގެން ރައްޔިތުން ތިބެން ނުޖެހޭނެ ކަމުގެ ޔަގީންކަމަށްވެސް ތަކުރާރުކޮށް ވަޢުދުވިއެވެ.
ގައުމީވަންތަކަން ރައްޔިތުންނަށް އިޙުސާ ވެގެން ދިޔައީ މިސަރުކާރު އައުމުންނެވެ. މިނިވަން ވަޔާއެކު ފަޒާގައި ވިހުރެމުންދިޔަ ދިވެހިންގެ ގައުމީދިދަޔާ މުޚާބު ކުރައްވާ ގައުމުގެ ލޮބުވެތި ރައީސް ދެއްވި ތަގުރީރުގެ ކީރިތިކަމާއި މޫރިކަމުގެ ސަބަބުންނެވެ.
ކޮންމެ ދިވެހި ފަރުދަކުވެސް ގައުމީ ޖޯޝުން ހިތްފުރި ބަންޑުވެގެން ދިޔަ ކަހަލައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންނަށް ދައުލަތުގެ ތައްގަނޑުޖައްސަވާ ޙަވާލު ކުރައްވާފައިވާ ގޯއްޗާއި ފުލެޓްތަކަށް އެއްވެސް އުނިއިތުރެއް ނުގެނެސް އެ ސަރުކާރުން ތައްޔާރު ކުރައްވާފައިވާ ލިސްޓްގައި ބަޔާން ކުރެވިފައިވާ އޭގެ ޙައްގުވެރީންނަށް ނަމޫނާ ދައްކަވައި އެލިސްޓް ފުރިހަމަކޮށް ދެއްވާނޭކަމަށް ވެ ވަޑައިގެންނެވި ވަޢުދަކީވެސް ރައްޔިތުންގެ ހިތްތަކަށްޝިފާ ލިބިގެން ދިޔަ ވަޢުދެކެވެ. އަދި އެފަދަ ރަޖިސްޓަރީތައް ގޭގައި ތިއްބާ ކަމާބެހޭ އޮފީހުން އެގެއަކަށް ގޮސް ޙަވާލުކުރެވޭނެ ކަމަށްވެސް ވަޢުދުވެފާ ވެއެވެ.
އުފާނުވާނީ ކާކުތޯއެވެ. ކޮންފަދަ އިލާޙި ރަޙުމަތެއްތޯއެވެ؟ ދެން ދަތިހާލުގައި އުޅެންޖޭނެ ރައްޔިތަކު މިރާއްޖެއަކު ނުހުންނާއެވެ. އެއީ ޢަރަބީން ތިބީ ކަލިޔާބިރިންޖީއާއި ޢަރަބި ބިރިޔާނީ ފަރިއްކުޅުއްވައި ގަހުވަ ހިއްޕަވައިގެން ކަން ރައްޔިތުން ޔަގީންވާތީއެވެ. ޢަރަބިން ކައިގެން ތިބިއްޔާ ރާއްޔިތުން ބަޑަށް ނުޖެހޭނެ ވިއްޔާއެވެ. އަދި ކައްކާގޭސް ރާއްޖެއިން ނަގައި ގޭގޭގެ ބަދިގެތަކުގެ ފުޅިތަކާ ގުޅާލެވޭނެ ވަގުތު ޖެހިއްޖެކަން ރައްޔިތުންނަށް އެނގުމުން ވީ އުފަލާއި ލިބުނު ހިތްހަމަޖެހުމަކީ ވެސް ”އިލާޙީ “ ރަހުމަތެކެވެ. އަދި ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު މަތިވާތީ ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ލިބޭނީ ނުހަނު ކުޑަފީއެއް ރައްޔިތުމީހާ ދައްކާގޮތަށް ސޯލާސިސްޓަމެއްގެ ތެރެއިންކަން ރައްޔިތުންނަށް ކަށަވަރުވުމުން ލިބޭ އުފަލަކީވެސް ކުޑައުފަލެއް ނޫންތާއެވެ. ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފަޚުރުވެރި ޑެސްޓިޝަންކަމުގައި ވުމަކީވެސް ކުޑަ އުފަލެއް ހެއްޔެވެ. އެގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުއަޑީގައި ގާއިމް ކުރެވޭ ބިއްލޫރި އަންޑަރވޯޓަރ ޓަނަލްވެސް އޮތީ ރާއްޖޭގައި ކަމުން މިއަދު ރައްޔިތުން މިތިބީ މިގައުމަށް ފޮނުއްވި އިލާޙީ ރަޙުމަތަށްޓަކާ އެއިލާޙަށް ޙަމްދު ކުރުންމަތީގައެވެ. ގައުމުގެ ހުންގާނުގައި ހުންނެވި
މުރަނގަ ގަސްދޮށު މާލިމީއަކީ ހަނދުވަރު މަތީގައި ތަރިއަށް ފިލާ އަޅުއްވައިގެންވިއަސް ގައުމީ ނަވް މަންޒިލަށް ބަނދަރުކުރަން އެނގިވަޑައިގަންނަވާ އަދި ގައުމީ ނަވުގައި ކޮށްތާއި ދަރުފެންނެތަސް މޮޅު މާލިމީއެއްކަން ރައްޔިތުންނަށް މިހާރު މިވަނީ އެނގިފައެވެ. ބުނެވޭނީ މިއީ ހަމަ “ އިލާޙީ “ ރަހުމަތެކެވެ. ވެ ވަޑައިގެންނެވި ވަޢުދުތަކާއި ޢަހުދު ތަކުގެ ރިޕޯޓު އަތަށް ފަތްލިބޭ ދުވަހު އެފަތުގައި ލިޔެފައި ވާނެއެވެ. ދޮގު ހެދުމުގައި ވެސް ހައްދެއް އޮންނަ ވާނެތާއެވެ. ދޮގުތައް ހަދާ ރައްޔަތުމީހާ ބޯލްކަން އުޅޭއިރު ތިމާ މީހާގެ ބަފަޔަކީ ކާކުކަންވެސް ހިތުގައި ބާއްވާނެއެވެ. އަދި އެ ހަދަމުން ގެންދާ ދޮގުތަކާއި މަކަރުވެރި ރޭވުންތައް ގެއްދެވި ފަރާތް ދެކެ ދެނެވޮޑިގެން ވާނެކަން ވެސް ހަނދާންކޮށް ލެވުނުނަމަ މިބޭޒާރެއް ނުވީސްކަން ކަށަވަރުވެ.

Loading

4 Responses

  1. ޝުކުރިއްޔާ! ދޮގެއް ފޮންޏެއްވެސް ނެތް. ތެދި ހަގީގަތް. މިކަންވެސް ނިމޭނެ. މާދަމާ އަންނާނެ. ތާރީޚް އޭގެ އަސްލަށް ރުޖޫޢަ ވުމަކީ ހަމަކަށަވަރުކަމެއް! ވަރަށް ސަލާމް!

  2. ދެންކޮކޭ ބުނާނި، ހަމަ ތެދެކެވެ. ހަމަ ވަޢުދުތައް އަންނަމުން ދިޔައީ ތިގޮތަށެވެ. އާއެކެވެ. އަހަރެންވެސް ތިހެން ގޮތައް އެރިއެވެ. އިލާޙީ ރަޙުމަތެއް ކަމަށެވެ. ﷲ ހެކިވެ ވޮޑިގެން ވެތެވެ. ހާދަ ދޮގެކެވެ.

  3. ހިންގާ ރައީސްއަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރަމާ. އަނެއްކާ މުއިއްޒު ނޫންގޮތެއް ޖައްސާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އޭނަވެސް ދެން މިވަރަށް ދޮގުހެދުން ހުށްޓަލަންވެއްޖެއެވެ.

  4. ހަމަ ވަރަށްވެސް ފުރިހަމަ ، އުނި އިތުރެއްނެތް ތެދު ހަގީގަތް ،!!!!
    މިނޫން ދުވަހެއް ދައްކަވާތޯ ދުޢާކުރާހިސާބަށް ހިގައްޖެ ދެއްތޯ؟

Leave a Reply to ހަސަން ފިކުރީ Cancel reply

ފަހުގެ އަޕްޑޭޓް