ހަނދުއޮއްސޭ ގާނޫނު ގާނޫނަކަށްވާނަމަ !

Loading

Facebook
Twitter
WhatsApp

އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި ލިއުއްވި ލިއުއްވުމެއްގެ ތަރުޖަމާ، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ މިހެންކިޔާފޮތުގެ 159 ވަނަ ޞަފްހާގައި އެބައޮތެވެ.

އަންހެނަކު ވެރިކަމުގައި ވަޑުވައިގެން ފިރިހެނުންތަކެއް ދައުލަތުގެ އެކިކަންކަމަށް ވެރިވެގެން އޭރު އުޅުނު ގޮތް ސަފްޙާ އަކަށްވުރެ ކުރެވެ. އެކަމަކު ލިބިދިން ފިލާވަޅު ބޮޑެވެ. ސިންގާސަނާގެ ހަރުއަޑަށްވުރެ ބާރަށް ބައެއްފަހަރު ފަނޑިޔާރުމަނިކުފާނު އަޑުލައްވާކަން ބަޔާންވެ އެނގެން އެބައޮތެވެ. އެކަމަކު ރަނިކަމާ އެބޭކަލަކަށް ދެއްވި ތިންފަޅުރަށް އޮތްވާހަކަ ހަމައެބަޔާނުގައި އޮތުމުން ތިންފަޅުރަށުގެ ގޮޔާއި ދެކޮޅަށް، ފަނޑީޔާރު ކަލޯއަށް ލެއްވޭނީވެސް ކޮން އަޑެއްތޯ؟ އެއީ އުފެދުނު ސުވާލެކެވެ. ޝަރީޢަތްކުރައްވަން އިންނަވަނީވެސް ގަނޑުވަރުތެރޭ ފަތުރާފައި އޮންނަ ދޫލަ އެއްގެމަތީގައެވެ. މިއީ އެޢިބާރާތް ހަމަ އޮތްގޮތެވެ.

ރަސްކަމުގެ ރަސްމީ ދީވާނުނިމި ދެން ފެތުރެނީ ބޮޑުކިބަލުން ވަތް ކޮށްގެންގެންނަ ފަރީއްކޮޅުތަކުގެ ސުފުރާއެވެ. އެމީހެއްގެ ދަރަޖައިން އެމީހެއްގެ ސުފުރާ ފެތުރިފައިހުންނާނެއެވެ. ރަންއިލޮށިން ކަދުރު ފަރިއްކުޅުއްވާ ބޭފުޅުންނާ ދޮށީކުރިން ބަތްޕެން ބައްލަވާ ބޭކަލުންނާއި، ފުންއިނގިލިން މަސްކާށިކާ މީހުން އެއްސުފުރާއެއްގެ ދޮށުގައި ތިބޭ ހަމައެކަނިދީވާނަކީ ދިވެހި ރަސްކަމުގެ އެތެރެ ކޮއިލު ކަމަށްނުވާތީ އެއީ އެއްވެސްމީހަކު އެކަމާ ޝަކުވާއެއް ބަންނަންޖެހޭ ކަމެއްކަމަކަށް ގަމުތެރެއަކުނުދެކެތެވެ.

އެހެން އޮވެ ރަސްކަން އުވި، އެއްގަސްވީރުންގެ ޖުމްހޫރިއްޔަތުތައްވެސް އުފެދި އުވިގޮސް މިހާރު މިއޮތީ ޑިމޮކްރެސީއަށް ވެފައެވެ. މަރްޙޫމް ފަތަށްސީލާ ދޮހޮއްކޮމެން، ފަތަރާސީންނަށް ހަދައިގެން އޭރު ކިޔާއުޅުނު އަންބާއަށް ކަޑިއިތުރުކުރާ ގޮތަށް ގާދޮށު ފާނަޔަށާ ދަލޭކައަށް ނިސްބަތްވާގޮތަށް އެޒާތަށް ކިޔައިފިއްޔާ އެއޮތީ ޑިމޮކްރެސީއަށް ކަޑިއެއް އިތުރު ކުރެވިފައެވެ. ”މައުމޫނާ، ގައިދުރުގައި“ މިވެސް ކަޑިއެކެވެ.

ދާދިމިދާކަށްދުވަހު އުފަންވި ސަންސެޓް ގަނޫނަކީވެސް ޑިކޮކްރެސީގެ އާކަޑިއެކެވެ. ކޮވިޑޭ ކިޔާ، ބަޔަކު ގަންނައިކުރެއްވި ބިރަކުން އުޅެއުޅެ ހަނދުއޮއްސުނީމާ އެހަނދު އަލުން އަރުވާންވެގެން، އިރުއޮއްސުވައިލިއެވެ. ގަތްއަނދިރިކަމުގައި ކަނުޖެހިގެން ދާއިރުވެސް ސަންސެޓް ގާނޫނަކަށް އަދި އަލިވިލޭކަށް ނެތެވެ.

އެގާނޫނުގެ ސަބަބުން ޙިމާޔަތްވެ އޮތީ ނަގައިގަތް ކައުންސިލަރުންގެ ބަނޑުމުސާރަ އެކަންޏެވެ. އެއީ އެހެން ކަމަކަށް ހެޔޮ ގާނޫނެއްނޫނެވެ. އަބޫތާލިބުގެ ޝިއުބުގައި ހައްޔަރުގައި ތިބި ބާގައިގެ މީހުންނާ ދެކޮޅަށް، ގެފުޅުގައި އެލުވި ފަތެކޭ އެޔެކޭ އެއްގޮތެވެ. ޙިމާޔަތުގެ ނަމުގައި ނިހާޔަތަށް، އެއްކޮޅަށްޖެހި ވަކިބައެއްގެ ބަނޑުފުރާނަ މުއްތިކޮށްދޭން ގާނޫނު ހަދައި ހިންގާއިރު ވިސަނައިލަންވެސް ވާނެތާއެވެ. ނަގައިގަތް ކަތީބުންނާއި މުދިމުންވެސް މިމުޖްތަމައުގައި ތިބޭނެތެވެ. އަދި މަހުޖަނުންނަށް ވޮޑެދިނީމާ ހަކުރު ބޮލިއްސަކާއި ކާށި ކިބައެއް ދިއްކޮށްލާފައި ދެން ތިޔަވަރުން ފުއްދާލާށޭބުނެ ފޮނުވާލާފައި ތިބި އެތައްބައިވަރެވެ. ހަނދުއޮއްސޭ ގާނޫނެއް އުފަންކޮށްގެންވިޔަށް އެންމެންނާ އެއްހަމައަކުން އަޅައިލެވޭނެގޮތެއް ހަދަން އެބަޖެހޭނޫންތޯއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް