ކޮފީ ތަށި

Loading

Facebook
Twitter
WhatsApp

ރަނގަޅު ނަތީޖާ ތަކަކާއެކު ކިޔެވުން ނިންމާލާ ހަޔާތުގެ ރާސްތާ ފަށާފައިވާ ޒުވާނުން ތަކެއް އެއްދުވަހަކު އެމީހުންނަށް ކިޔަވާދިން ޕްރޮފެސަރަކަށް ޒިޔާރަތް ކުރިއެވެ.

މި ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ރަނގަޅު ވަޒީފާތައް ލިބިފައިވާ ނުވަތަ ރަގަޅު މަސައްކަތެއްފަށާ، ފެންނަ ފެނުމަށް ވަރަށް ކާމިޔާބު ކުދިންނެވެ.

ޕްރޮފެސަރގެ ގެޔަށްގޮސް، އޭނާ ނިކުމެ އެކުދިންނާ ބައްދަލް ކޮށްލިއެވެ. ކުޑަކޮން ވާހަކަ ދައްކާލަން އިނުމަށްފަހު ޕްރޮފެސަރ ބުންޏެވެ. ދާނީ ކޮފީތައްޓެއް ބޯލައިގެންދޯއެވެ. ހަމަޖެހިލައިގެން ތިބޭށެވެ. މިހެން ބުނުމަށްފަހު އެތެރެޔަށް ވަދެގެން ހިގައްޖެއެވެ.

ޕްރޮފެސަރ އަންނަންދެން ކުދިން ތިބި ގަޑީގައި އެކި ކުދިން އެކި ވާހަކަ ދައްކަމުން ގެންދިޔައެވެ.މަސައްކަތުގެ ދުނިޔެ އަކީ ވަރަށް ހާސްކަމާ ނުތަނަވަސްކަން ގެނުވާ ދުނިޔެއެއްކަމަށް ގިނަ ކުދިން ބުންޏެވެ. ދުވަސްތައް ހޭދަވަނީ ވަރުބަލި ކަމުގައި ކަމަށާ އަރާމު ކޮށްލާ ހަމަޖެހިލާނެ ވަގުތު ނުލިބޭކަމަށް ބުނިއިރު، އެއީ އެކަން އޮންނަން ޖެހޭ ގޮތްކަމަށް ބުނެ ”ހަރު“ ވާހަކަތައް ބައެއްކުދިން ދެއްކިއެވެ. އަދި އަނެއްބައި ކުދިންގެ ހިޔާލު ހުރީ ތަންކޮޅެއް މަޖާ ގޮތަކަށެވެ. އަދި އެހެން ކުދިން ހެއްވާ، އުފާވެރިކަމުގެ މާހައުލެއް ގެންނަން މަސައްކަތް ކުރިއެވެ.

ކުދިން މިފަދަ ވާހަކަ ތަކެއްގައި ތިއްބާ، ޕްރޮފެސަރ ބޮޑު ޓްރޭއެއްގައި ކޮފީ ތަށިތައް އަތުރައިގެން އައެވެ. އޭގައި އެކިވައްތަރުގެ ތަށި ހުއްޓެވެ. ޕްލާސްޓިކް ތައްޓާ،ބިއްލޫރި ތައްޓާ، ސެރަމިކް ތަށީގެ އިތުރުންއައު ތައްޓާ ބައު ތަށި އަދި ކުދި ތަށިވެސް ހުއްޓެވެ. ރީތި ތައްޓާ އެހާ ރީތި ނޫން ތަށި އަދި ތުން ކުޑަކޮން ތެޅިފަ ހުރި ތަށިވެސް ހުއްޓެވެ.

ޓްރޭ ހިފައިގެން އައިސް ކުދިން ކައިރީ ކޮފީ ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު ކޮންމެ ކުއްޖަކު ކޮފީ ތައްޓެއް ނެގުމަށް ޕްރޮފެސަރ އެދުނެވެ. ޕްރޮފެސަރ މިހެން ބުނުމުން ފުރަތަމަ ނެގި ކުއްޖާއިން ފެށިގެން ކޮންމެ ކުއްޖަކުވެސް ބެލީ ޓްރޭގަ ހުރި ތަށިތަކުގެ ތެރެއިން އެންމެ ރީތި ތަށި ނެގުމަށެވެ.

ހުރިހާ ކުދިން ކޮފީތަށި ނެގުމުން އެކުދިންނާ މުޚާތަބް ކޮށް ޕްރޮފެސަރ ބުންޏެވެ. ”ތިކުދިންނަށް ކަމެއް ފާހަގަ ވީހެއްޔެވެ؟ އަހަރެން ތައްޓެއް ނަގަން ބުނުމުން ކޮންމެ ކުއްޖަކުވެސްބެލީ އެންމެ ރަނގަޅު އެންމެ ރީތި ތަށި ނެގުމަށްކަން އަހަރެންނަށް ފާހަގަ ވިއެވެ. ކޮންމެ ކުއްޖަކުވެސް ބެލީ ޕްލާސްޓިކް ތަށި ނޫންނަމަ ބައު، ހަޑި ތަށި ނުނަގާވޭތޯއެވެ.

އަހަރެން ތިކުދިން ކައިރީ އަދިވެސް އެއްވާހަކަ ބުނެ ފާނަމެވެ. ތިޔަކުދިން ތިޔަފެށި އައު ހަޔާތުގައި ”ސްޓްރެސް“ ނުވަތަ ހާސްކަމާ ކަންބޮޑުވުން ގެނުވާ މައިގަނޑު ސަބަބަކީ ”ހަޑިތަށި“ ނުނެގުމަށް މަސައްކަތް ކުރާތީއެވެ. އެހެން ބަހަކުން ބުނާނަމަ ބޭނުންވާ އެތި ނުވަތަ ބޭނުންވާ ކަންތައް ހާސިލް ކުރުމަށް އުޅެވޭ ގޮތް ރަނގަޅު ނޫންވީމައެވެ.

ތިޔަކުދިން މި ވަގުތު ބޭނުންވީ ކޮފީއެއް ބޯލާށެވެ. ކޮފީ އަޅާފަ ހުރި ތައްޓެއް ނޫނެވެ. އެކަމަކު ހަމަޖެހިލައިގެން ކޮފީ ބޯން ފެށުމުގެ ބަދަލުގައި ކޮންމެ ކުއްޖަކުވެސް ވިސްނީ ޖޯޑު ނަވަތަ ތަށީގެ ސިފަޔާއި މެދުގައެވެ.

ބުނަންހެއްޔެވެ. ހަޔާތަކީވެސް މި ކޮފީތައްޓާއި އެއްގޮތް ކުރެވިދާނެ އެއްޗެކެވެ. އަދާކުރާ ވަޒީފާ، ލިބޭ ފައިސާ، ދުއްވާ ކާރު، ބޮޑެތި ގެތައް،އިއްޒަތާއި ޝަރަފު މިއީ ހައްތަހާވެސް ”ތައްޓެވެ.“ ކޮފީއެއްނޫނެވެ. ކޮފީ އަކީ ހަޔާތް ކަމަށް ބަލާށެވެ. ތަށި އޭގެ ޒާތުގައި ކިތަންމެ ރީތިވެފައި އައު ނަމަވެސް ކޮފީގެ ރަހަޔަކަށް އެއްވެސް ބަދަލެއް ނުގެނުވާނެއެވެ.

އަހަރުމެންނަށް ވާގޮތަކީ ތައްޓަށް މާބޮޑަށް ސަމާލުކަން ދެވެނީއެވެ.މިހެން ވުމުން ގަޔާވެގެން ކޮފީ ބޯލަންވެސް ހަނދާން ނުހުންނަނީ އެވެ.

ކޮފީ ތައްޓާ ހަޔާތާ ނިސްބަތްކޮށްލާއިރު އެންމެ ރީތި އަގުބޮޑު ގޭގައި އުޅޭ، އެންމެ ރީތި ކާރު ދުއްވާ މީހާ އެހީ ކޮންމެހެން އެންމެ އުފަލުން ކުރި މީހާ އަށް ވެފައެއްނޯވެއެވެ. އޭގެ ބަދަލުގަ އާދައިގެ ގެޔެއްގައި އުޅޭ މީހާވެސް މާ އުފަލުން ހުންތަން ފެނެއެވެ.

އެހެންވީމާ ތިޔަކުދިންނަށް ދޭނެ ނަސޭހަތަކީ ބޯހިތުން ގަޔާވެގެން ކޮފީތަށި ބޯށެވެ. ކޮންމެ ތައްޓެއްގައި ލިބުނަސް އެވެ. މިބުނީ ލައިފް، ނުވަތަ ދިރިއުޅުން އެއީ އެކަމުން ހިތްހަޖެހުން ތަކެއް ލިބޭ ކަމަކަށް ހަދާށެވެ. އުޅެނީ އެހާ މުއްސަނދި ގެއެއްގައި ނޫންނަމަވެސް އެވެ. އެހެން މީހުންގެ ހަޔާތާ ތިމާގެ ހަޔާތާ އަޅާކިއުން ހުއްޓާލާށެވެ.އެހެންމީހުންނާ އަބަދު ވާދަ ނުކުރާށެވެ.ތިމާއަށް ވުރެ ރަގަޅު ”ތައްޓެއް“ ލިބުނީ ކާކަށްތޯ ބަލަން އަބަދު ވަށައިގެން ހޯދަހޯދާ ނުތިބޭށެވެ.

އެންމެ އުފަލުން ތިބޭ މީހުންނަކީ ކޮންމެ އެއްޗެއްގެ އެންމެ އަގުބޮޑު އެންމެ ރީތި ތަކެތި ލިބިފައިވާ މީހުންނެއް ނޫނެވެ. އެންމެ އުފަލުން ތިބޭ މީހުންނަކީ ލިބިފައިވާ އެއްޗިއްސަކީ އެންމެ ރަނގަޅު އެންމެ ރީތި ތަކެތި ކަމަށް ގަބޫލު ކުރާ މީހުންނެވެ. ތަނަވަސްކަން ލިބޭ ވަރަކުން ތަށި ރަގަޅުކުރެވިދާނެއެވެ.“  

Loading

One Response

Leave a Reply to ހުސެއިން Cancel reply

ފަހުގެ އަޕްޑޭޓް