ކޮވިޑް-19 ބަލިމަޑު ކަން ނިމުމުގެ ކޮޅުމަތި އެބަ ފެންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި މިހާރު ފެނިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި ފެނިފައިވިނަމަވެސް އެބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އަދި މުޅިން ދޫކޮށްލައިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޮވިޑްގެ ކެންޑިޑޭޓް ވެކްސިންތަކުގެ ދެ ބިލިޔަން ޑޯޒް، އދ. އިން ކަނޑައަޅާފައިވާ ވެކްސިން ޕްރޮގްރާމް، ކޮވެކްސްއަށް ލިބޭނެ ކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ އެއަށް ވުރެ އިތުރަށް ވެސް ވެކްސިންގެ ޑޯޒްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވެކްސްއަކީ ކޮވިޑް-19ގެ ފަރުވާ އާއި ވެކްސިން ހޯދުމަށް ގުޅިގެން މަސައްކަތްކުރަން ޑަބްލިއެޗްއޯ އާއި ޔޫރަޕިއަން ޔޫނިއަން އަދި ބޭސް އުފައްދާ ކުންފުނިތަކާއި ޤައުމުތަކުން އުފެއްދި ފެސިލިޓީއެކެވެ.

މިއީ ބަލިމަޑުކަމުގެ ނިމުން ފެންނަ ހިސާބަށް އައިކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވީ ވަގުތު ކަމަށާއި އެހެން ނަމަވެސް ރައްކާތެރިވާން ކުރާ މަސައްކަތް ހުއްޓައިނުލަން ފަރުވާތެރިވާން ޖެހޭނެކަމަށެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އެހެން މީހުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމުގެ ޒިންމާ އަޅުގަނޑުމެން އުފުލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮވެކްސްއަށް ދެ ބިލިޔަން ޑޯޒްގެ ވެކްސިން ލިބޭނެ ކަން ކަށަވަރުކުރެވުމުގެ މާނައަކީ، ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި، އެ ފެސިލިޓީގައި ބައިވެރިވެފައިވާ 190 ގައުމަށް ވެސް އަންނަ އަހަރު ވެކްސިން ލިބޭނެކަން ކަށަވަރުން ކަމަށާއި، އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޤައުމުތަކަށް ވެކްސިން ގެންދަން ފެށޭނެ ކަމަށް ވެސް އެ ޖަމްޢިޔާއިން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ލަފާކުރައްވަނީ އަންނަ އަހަރު ނިމޭ އިރު ހުރިހާ ޤައުމެއްގެ ވެސް އާބާދީގެ 20 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިން ދެވޭނެ ކަމަށެވެ. އަދި ދެން ތިބި މީހުންނަށް 2022 ވަނަ އަހަރު ވެކްސިން ދީ ނިންމާލެވޭނެ ކަމަށެވެ.

ކޮވިޑަށް ވެކްސިން ހޯދަން ކުރި މަސައްކަތްތައް ކާމިޔާބުވުމާއި އެކު ގިނަ ޤައުމުތަކުން ވަނީ ފިޔަވަޅުތައް ލުއިކޮށްފަ އެވެ. މިހާރު ވެސް ދެ ވެކްސިނަކަށް އެމެރިކާ އިން ވަނީ ހުއްދަ ދީފަ އެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް