ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތް: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ”ކާމިޔާބު 40“ ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކަމަށެވެ.

”އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިންގ މިނިސްޓްރީ އާއި ޓްރާންސްޕޯރޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައި. އަޅުގަނޑުމެންގެ އެއް ވިސްނުމަކީ، މިމަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުން.“ ރައީސް ވިދާޅުވިއެވެ. ”އަޅުގަނޑުގެ އުންމީދަކީ، މިކުންފުނީގެ (އެމްޓީސީސީގެ) ތަޖުރިބާއާ އެކީ، މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް ވެގެން ދިއުން.“

މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

”މާލެ، ހުޅުލެ އަދި ހުޅުމާލޭގައި މިހާރު ބަހުގެ ޚިދުމަތް ދެމުން މިއަންނަނީ، އެމް.ޕީ.އެލް. އާއި އެމް.ޓީ.ސީ.ސީ.ން. މީގެ ތެރެއިން އެމް.ޓީ.ސީ.ސީ.އަކީ ދަތުރުފަތުރުގެ ޚިދުމަތަށް ޚާއްޞަ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ ވިސްނުމަކީ، މިސަރަޙައްދުގެ ބަހުގެ ޚިދުމަތްވެސް، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން.“ ރައީސް ވިދާޅުވިއެވެ.

މީގެ 40 އަހަރު ކުރިން، ރައީސް މައުމޫންގެ ސަރުކާރުން އެމްޓީސީސީ އުފެއްދީ، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އޭގެ ތެރެއިން ވެސް، އެމްޓީސީސީއިން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މަސައްކަތަކީ، ލަފާފުރުމުގައި ރަށްރަށަށް ދިމާވެފައި ހުރި ދަތިކަން ޙައްލުކޮށްދިނުމުގެ މަސައްކަތެވެ.

މިއަދު ރާއްޖޭގެ ރަށްރަށުން ފެންނަ ޖާގަ ތަނަވަސް ބަނދަރުތަކާއި، ރަށްރަށުގައި ލާފައިވާ ކަނޑު ތޮއްޓާއި އެއްގަމު ތޮށިތަކާއި، ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ އެމްޓީސީސީގެ މަސައްކަތްތަކެވެ. ރަށްރަށުގެ ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތަކީ، އެމް.ޓީ.ސީ.ސީ.ގެ ވަރަށް ޅަފަތުގައި ކުރަން ފެށި މަސައްކަތެކެވެ. އަދި މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސައްކަތެކެވެ.

ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ ތެރެއިން، ބަނދަރު ހެދުމާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތަކީ، އެމްޓީސީސީން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކެވެ. އަދި އެކަމުގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏަކީ ވެސް އެމްޓީސީސީއެވެ. މަގުހެދުމާއި އެއާޕޯޓްތައް ހެދުމާއި، ޔުޓިލިޓީގެ ޚިދުމަތްތައް ޤާއިމުކުރުމަކީވެސް އެމްޓީސީސީގެ މުހިއްމު މަސައްކަތްތަކަކަށް މިއަދު ވަނީ ވެފައެވެ.

މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގައިވެސް، މިދިޔަ 40 އަހަރުގެ ތެރޭގައި އެމް.ޓީ.ސީ.ސީއިން އަދާކޮށްފައިވަނީ ވަރަށް މުހިއްމު ދައުރެކެވެ. މަސްދޯނިފަހަރަށް ބޭނުންވާ އިންޖީނާއި، އިންޖީނުގެ ސްޕެއަރޕާޓްސް ފޯރުކޮށްދިނުމުގެ ޚިދުމަތަކީ، ވެސް އެމްޓީސީސީއިން ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ ޚިދުމަތެކެވެ.

”އަޅުގަނޑު ދެކޭ ގޮތުގައި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމް.ޓީ.ސީ.ސީ އިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް.“ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި މިއަހަރު އެކުންފުންޏަށް ހުރިހާ ޚަރަދެއް ކަނޑައި 200 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެއެވެ. ނަމަވެސް އޭގެ ކުރީ އަހަރު އެމްޓީސީސީއަށް ވަނީ 33 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް