ކަޝްމީރާއި ފަލަސްތީނާއި މެދު ގުޅިފައިވާ ނިންމުމެއް ނިންމަން ޕާކިސްތާނުން ބޭނުންވެއްޖެ.

Loading

Facebook
Twitter
WhatsApp
World News

ދިގު ދެމިގެންގޮސްފައިވާ ކަޝްމީރާއި ފަލަސްތީނުގެ މައްސަލައާއިމެދު ގުޅިފައިވާ ނިންމުމެއް ބަލައިގަންނަން މުސްލިމު އުއްމަތަށް  ޕާކިސްތާނުން އަންގާރަދުވަހު ގޮވާލައިފިއެވެ. އިސްލާމް އާބާދުގައި ބޭއްވި ބައިނަލް އަގުވާމީ ވެބިނަރ އެއްގައި ވާހަކަފުޅު ދައްކަވަމުން، ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ، މުސްލިމް އުއްމަތުގެ ކިބައިން އެދިވަޑައިގަތީ ހުޅަނގަށް ބަރޯސާވުން ދޫކޮށް، އިހްތިރާމް ލިބިގެންވާ ބައިނަލްއަގުވާމީ ބާރަކަށް ވުމަށްޓަކައި، ކަޝްމީރާއި ފަލަސްތީނުގެ މައްސަލަ ފަދަ ނާޒުކު މައްސަލަތަކާމެދު ގުޅިފައިވާ ނިންމުމެއް ނިންމައި، އެގޮތަށް އަމަލު ކުރުމަށެވެ.

އިންޑިއާގެ މުސްލިމުންނާއިމެދު އިންޑިއާ ސަރުކާރުން ޢަމަލުކުރާގޮތާއި، ކަޝްމީރުގެ މައްސަލާގައި، ވަރަށް ފަހުން މީސްމީޑިއާއި ކޮންވެންޝަނަލް މީޑއާގައި ޢަރަބި ގައުމުތަކުން ޝުއޫރު ފާޅުކޮށްފައިވާތީ، އެއީ ރަނގަޅު ނިޝާނެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.  

އިސްލާމް އާބާދުގައި ހުންނަ ”ތިންކް ޓޭންކް“ އެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ޕޮލިސީ ސްޓަޑީޒް (އައި ޕީ އެސް) އިން އިންތިޒާމްކޮށްގެން ބޭއްވި މި ވެބިނަރގައި ބްރިޓިޝް ހައުސް އޮފް ލޯޑުގެ މެންބަރު ލޯޑު ނާޒިރު އަޙްމަދާއި، ބްރިޓިޝް ޕާލިމެންޓް މެންބަރު ޚާލިދު މަޙްމޫދާއި، ތުރުކީގެ ބޮޑުވަޒީރަށް ލަފާއަރުވާ ބޯޑު ފޯރ ހިއުމަން ރައިޓްސްގެ ޑރ. ހަމިތު އެރްސޯއިއާއި، މިސުރުގެ ނޭޝަނަލް ކޮންސްޓިޓިއުޝަނަލް ކޮމިޓީގެ ނާއިބު ރައީސް ކަމާލް ހަލްބަވީއާއި، އިސްތަންބޫލް ޔުނިވަރުސިޓީގެ ޕްރޮފެސަރު ޑރ. ހަލިލް ތޮކަރާއި، އަދި ގަޠަރު ޔުނިވަރުސިޓީގެ ޕްރޮފެސަރު ފަރުހާން މުޖާހިދު ޗަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ލޯޑު އަޙްމަދުގެ ވާހަކަފުޅުގައި، އިންޑިއާއަކީ މިހާރު ސެކިއުލަރ ގައުމެއް ނޫންކަމަށް ވިދާޅުވެ ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އިންޑިޔާގެ ސިޔާސީ ނިޒާމް ކޮންޓްރޯލް ކުރަނީ ހިންދޫންގެ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، ”އިންޑިއާގެ ބައިމަދު މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހި ކޮށްނުދޭ“ ކަމަށް ވަނީ ވިދާލުވެފައެވެ. 

”ސެކިއުލާރ ޑިމޮކްރަސީގެ ނަމުގެ ފަހަތުގައި ފޮރުވިގެން އެތައްދުވަހަކު މަސައްކަތްކުރި  ހައްދުފަހަނަޅާފައިވާ އިންޑިއާގެ ހަގީގަތް“ ޢަރަބި ގައުމުތަކަށް ފެންނަން ފެށީތީ އެކަން ބަލައިގަންނަކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ބާރުތަކަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވުމަށް، ކަޝްމީރުގެ މީހުންގެ މެދުގައި ހުރި ތަފާތުތައް ނައްތާލުމަށް ބްރިޓިޝް އެމްޕީ މަހްމޫދު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ލަދެއްނެތި ޖެނީވާ މުޢާހަދާއާއި ދެކޮޅުވުމަށްފަހު، ބައިނަލް އަގުވާމީ ޖިނާއީ ކޯޓް (އައި ސީ ސީ)އަށް މައްސަލަ ގެންދިއުމަށް މުސްލިމުން ގައުމުތަކަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ. 

ކަޝްމީރުގެ މީހުންނަށާއި އިންޑިއާގެ މުސްލިމުންގެ އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާތީ، އިގުތިޞާދީގޮތުން އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށްވެސް މަޙުމޫދު ގޮވާލެއްވިއެވެ.  

ތުރުކީގެ ޕްރޮފެސަރ އެރުސޯއި ފާހަގަކުރެއްވިގޮތުގައި، އިންޑިއާއި، އެމެރިކާއާއި، އިޒުރޭލުން ގުޅިގެން ދަނީ މުސްލިމް އުއްމަތާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި މުސްލިމުންގެ ބިންތަކަށް ވެރިވެގެންތިބި ފަރާތްތަކުގެ ކިބައިން އެބިންތައް މިނިވަންކުރުމަށް މުސްލިމުން ކުރާ ޖިހާދަކީ ނިރުބަވެރި ކަމެއްކަމުގައި ދެއްކުމަށްދަނީ މަސައްކަތް ކުރަމުންނެވެ. 

”އެމީހުން އެގޮތަށް އެ މަސައްކަތްކުރަނީ މުސްލިމުންނަކީ ނުރައްކާތެރި ނިބުރަވެރިްންގެ ގޮތުގައި ދުނިޔެއަށް ދައްކައި، މުސްލިމުންގެ މައްޗަށް ނަފްރަތު އުފައްދައި، މުސްލިމުންނަށް އަނިޔާވެރިވެ، މުސްލިމުންގެ ބިންތައް ހިފުން އިތުރުކުރުމަށް ބަހަނާދެއްކުމަށް“. އޭނާ އިތުރަށް ވިދާޅުވިއެވެ. 

ނަފްރަތު އުފެއްދުމުގެ ސަބަބުން، އިންޑިއާގައި ހިންގާ ޖަރީމާތަކުގެ %76 އަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައްކަން އޭނާ ފާހަގަކުރެއްވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް