އީރާނާ ދެކޮޅަށް އެމެރިކާ ނުކުރާނީ ކޮންކަމެއްހެއްޔެވެ؟ އީރާނުން ކޮރޯނާ ވެކްސިން ގަތުމަށް ކުރި މަސައްކަތަށް ވެސް އެމެރިކައިން ވަނީ ހުރަސް އަޅާފައެވެ.
އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިވެވަޑައިގަންނަވާތީ އެކަމާ، އީރާނުން ވަރަށް ބޮޑަށް އުފާކުރާކަމުގައި އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވަނީ ވިދާޅުވެފައެވެ.
ރައީސް ޓްރަމްޕުގެ ދައުރުގައި އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ގޯސްވެގެން ދިޔަކަމަށްވިޔަސް އެމެރިކާއާއި އީރާނުގެ ޑިޕްލޮމެޓިކް ގުޅުން ރަނގަޅު ކުރެއްވުމުގެ އިޝާރާތެއް އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ ދެއްވާފައެވެ. އެއީ އީރާނުގެ އިތުރަށް ދުނިޔޭގެ ސުލްހައަށް ލޯބިކުރާ މީހުންނަށް ލިބުނު ވަރަށް އުފާވެރި އަދި އުއްމީދީ މެސެޖެކެވެ.
އޭއެފްޕީން ޚަބަރުދިންގޮތުގައި ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޙަސަން ރޫޙާނީ ވިދާޅުވީ ޖޯބައިޑެންއަށް އެމެރިކާގެ ރައީސްކަން ލިބިވަޑައިގަތުމުން އީރާނުން ތިބީ ވަރަށް އުފަލުންނޭ ކިޔައިގެން ބައެއް މީހުން އެބަ ވާހަކަދައްކާކަމަށެވެ.
”އެއީ ރަނގަޅު ވާހަކައެއްނޫން. އަޅުގަނޑުމެން އުފަލުން ތިބީ ޑޮނަލްޑް ޓްރަމްގެ ރިޔާސީ ދައުރު ފުރިހަމަކުރައްވައި މަގާމުން ވަކިވެވަޑައިގަންނަވާތީ.“ ރޫޙާނީ ވިދާޅުވިއެވެ.
ރައީސް ރޫޙާނީ ވިދާޅުވިގޮތުގައި ޓްރަމްޕަކީ އަނިޔާވެރި، އިންތިހާއަށް ގޮތްކުޑަ، އަދި ގާނޫނަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ރައީސެކެވެ. އަދި ޓްރަމްޕަކީ ގާތިލެއްކަމަށާއި ނިރުބަވެރިއެއްކަމަށްވެސް ރޫޙާނީ ވިދާޅުވިއެވެ.
”އެފަދަ ބޭފުޅަކު މަގާމުން ވަކިވެވަޑައިގަންނަވަންޖެހޭ ފަހުދުވަސް އައުމަކީ ޝުކުރު ކުރަންޖެހޭ ވަރުގެ ކަމެއް.“ ރޫޙާނީ ވިދާޅުވިއެވެ.
ނޮވެމްބަރ ތިނެއްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑަންކަން އެމެރިކާގެ ކަމާގުޅޭ ރަސްމީ އިދާރާއިން މިހާރު ވަނީ އިއުލާނުކުރައްވާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް އެނަތީޖާ ގަބޫލުކުރައްވައި ބައިޑެންއާ ރައީސްކަން ހަވާލުކުރެއްވުމަށް ކުރައްވަންޖެހޭ ކަންތައްތަކަށް އަދިވެސް މަގުފަހިކޮށް ނުދެއްވައެވެ.
ޖޯބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވާނީ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގައެވެ.
ރައީސް ޓްރަމްޕުގެ ހަތަރު އަހަރުގެ ދައުރުގައި އެމެރިކާއާއި އީރާނުގެ ގުޅުން އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. އެމެރިކާއާއި އިޒުރޭލާއި ގަލްފުގެ ބައެއް ގައުމުތައް ގުޅިގެން އީރާނު ފުނޑުފުނޑު ކޮށްލަފާނެހެން ހީވި، އެތައް އެތައް ދަނޑިވަޅެއް ފާއިތުވެގެންދިޔައެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޒަޢާމަތުގައި އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތައް ގުޅިގެން އީރާނާއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ވަކިވެފައެވެ. އެކަމުގެ ސަބަބުން ދުނިޔެ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދިޔައެވެ. އަދި އީރާނަށް އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގު ތަނަވަސްވެގެންދިޔައެވެ.
އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވިގޮތުގައި އީރާނުން ކޮރޯނާ ވެކްސިން ގަތުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށް ވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހުރަސް އަޅުއްވާފައެވެ.
”އެކަމުން ސާފުކޮށް އެނގި ފާޅުވަނީ ރައީސް ޓްރަމްޕް ހުންނެވީ ހުރިހާ އަޚުލާޤީ މިންގަނޑުތަކުންނާއި އިންސާނީ އުސޫލުތަކުން ބޭރުވެވަޑައިގެންފައިކަން.“ ރައީސް ޙަސަން ރޫޙާނީ ވިދާޅުވިއެވެ.