ރާއްޖޭގެ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ.
އެފަތުރުވެރިޔާ ރާއްޖެ އައުމާއި އެކު މިއަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި ފަސް ލައްކަ ފަތުރުވެރިންގެ ޓާގެޓް މިއަދު ހާސިލްވެ ފުރިހަމަވީއެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ފަސް ލައްކަ ވަނަ ފަތުރުވެރިއާ އަކީ ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ. އޭނާ ރާއްޖެ އައީ މިއަދު ހެނދުނު އެމރޭޓްސް ގެ ފްލައިޓެއްގަ އެވެ.
ކޮވިޑް19ގެ ބަލިމަޑުކަމާއެކު މާރޗް 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ރާއްޖެއަށް ދަތުރު ކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މީގެކުރިން ސަރުކާރުން ލަފާކޮށްފައި އޮތީ 500،000 ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްވާނީ މިމަހުގެ ފަހުކޮޅު ކަމަށެވެ.
ނަމަވެސް މި މަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ފާއިތުވި ދެ މަހާ އަޅާބަލާއިރު ބޮޑުތަނުން ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު އެވްރެޖުކޮށް 2،000 އަށްވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ އާދެއެވެ.
ރާއްޖެއަށް ފަތުރުވެރިންގެ ޑިމާންޑު ބޮޑުވެ އެއާލައިންތަކުގެ ދަތުރު އިތުރުކޮށްފައިވާއިރު އަންނަ އަހަރަކީ ޓޫރިޒަމް އަށް ދިރުން އަންނާނެ އަހަރެއްކަމަށް ލަފާކޮށްފައިވެއެވެ.
އެގޮތުން 1.5 މިލިއަން ޓޫރިސްޓުން އަމާޒަށް އަންނަ އަހަރު މަސައްކަތްކުރާއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި 2019 ވަނަ އަހަރު 1.7 މިލިއަން މީހުން އައިސްފައިވެއެވެ.