މިއަދަކީ ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު އަންހެންމީހާ އިންޑިއާގެ ޖިޔޯތީ ކިސާންޖީއަށް 27 އަހަރު ފުރުނު ދުވަހެވެ.
އޭނާގެ އިސްކޮޅުގައި ހުންނަނީ އެންމެ ދެފޫޓު ދިގުމިނެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ކުރު އަންހެނާކަމަށް ރަސްމީގޮތުން ކަނޑައެޅީ 16 ޑިސެމްބަރ 2011ގައެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ.
ޖިޔޯތީގެ ކުރު އިސްކޮޅުގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު އަންހެނާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމަނާފައެވެ. އޭނާއަށްވުރެ ކުރު އެހެން އަންހެނަކު މިވަގުތު ދުނިޔޭގައި ދިރިހުރިކަމަކަށް ނުވެއެވެ.
ޖިޔޯތީ ދުނިޔޭގެ ފެންވަރުގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތީ 2009 ގައި ޓީވީ ޝޯއެއްގައި ބައިވެރިވުމުންނެވެ. އޭނާ ވަރަށް މަޝްހޫރު ޓީވީ ޝޯތަކެއް ކުޅެފައިވެއެވެ.
ގީނިސް ބުކް އޮފް ރެކޯޑްސްއިން ހާމަކުރިގޮތުގައި ޖިޔޯތީގެ ބަރުދަނުގައި ހުންނަނީ އެންމެ 5.4 ކިލޯގްރާމެވެ. އޭނާ ދުނިޔެއަށް އުފަންވީފަހުން އިތުރުވެފައިވަނީ އެންމެ ހަތަރު ކިލޯގެ ބަރުދަނެވެ.
ދުނިޔޭގެ އެންމެ ކުރު އަންހެނާގެ މަގާމު ލިބުނުފަހުން ވޯލްޑް ރެކޯޑުފޮތަށް މައުލޫމާތު ދެމުން ޖިޔޯތީ ބުނީ ދުނިޔޭގެ ރެކޯޑު ލިބުނުފަހުން އޭނާއަށް ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭކަމަށެވެ. އަދި އޭނާއަކީ މުހިއްމު އަދި މަގުބޫލު އަންހެނެއްކަމުގައި ގަބޫލުކުރެވޭކަމަށް ވެސް ބުންޏެވެ.
ޖިޔޯތީގެ މަންމަ ރަންޖުނާ ބުނިގޮތުގައި އޭނާގެ ދަރިފުޅު އިސްކޮޅުންދިގުނުވީ ކުޑައިރު ޖެހުނު ބައްޔެއްގެ ސަބަބުންނެވެ. އެ ބައްޔާބެހޭ މައުލޫމާތެއް އޭނާ ބަޔާންކޮށްނުދެއެވެ.
ނޭޕާލުގެ މަޝްހޫރު އިސްކޮޅުންކުރު ފިރިހެނެއްކަމުގައިވާ ޗަންދަރު ބަހާދަރު އާއި ޖިޔޯތީ ވޯލްޑް ރެކޯޑް ފޮތުގެ 57 ވަނަ އަދަދުގައި ޖަހަން އެކުގައި ފޮޓޯއެއް ނަގާފައިވެއެވެ.
ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު އަންހެނާއަށް ވުމުގެ އިތުރުން ޖިޔޯތީ ދުނިޔެއަށް މަޝްހޫރުވެގެންދިޔައީ ބައެއް ފިލްމުތަކުގައި މުހިންމު ބައިތަކެއް އޭނާ އަދާކޮށްފައިވާތީއެވެ.