ނ.ޢ.ޢ.ވ. ޙަސަން ޞާބިރުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި

Loading

July 28, 2025
profile
Facebook
Twitter
WhatsApp

ދިވެހި ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޙަސަން ޞާބިރުގެ ހަށިކޮޅު މިއަދުގެ އަސުރު ނަމާދަށްފަހު، ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުލައިފިއެވެ.

އާލާސްކަންފުޅަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އެމަނިކުފާނު އަވަހާރަވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ.

އެ މަނިކުފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޙަސަން ޞާބިރު ވަނީ 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު އެމަނިކުފާނަށް ދެއްވާފައިވަނީ މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޙަސަން ޞާބިރުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި؛ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދެވި ”ނޭޝަނަލް ޕްލޭނިން އޭޖެންސީ“ގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް 1978ވަނަ އަހަރު ޞާބިރު ހަމަޖެއްސެވިއެވެ. އަދި އެ ދާއިރާއިން އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979ވަނަ އަހަރު އެމެރިކާއަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި 1985ވަނަ އަހަރު ބޯހިމެނުމުގެ މަސައްކަތް ފެއްޓެވިއެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ގެނައީވެސް އެ މަސައްކަތަށެވެ.

ސަރުކާރުން، ނޭޝަނަލް ޕްލޭނިންގ އޭޖެންސީ 1982ވަނަ އަހަރު އުވާލައްވައި، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަޤާމުވެސް ޞާބިރު އަދާކުރެއްވިއެވެ. އަދި އޭގެ އިތުރުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަޤާމުތައް ފުރުއްވާފައި ވެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި 1993ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމު 2004ވަނަ އަހަރު ފުރުއްވާފައެވެ. އަދި އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. އޭގެފަހުން، ސިންގަޕޫރާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ)ގެ ޗެއާރމަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީވެސް ނ.ޢ.ޢ.ވ. ޙަސަން ޞާބިރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް