ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްތުކުރާ ކަންތައްތައް ހިމެނޭ މަގު ޗާޓު ނުވަތަ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) އަޕްޑޭޓްކުރުން

Loading

Facebook
Twitter
WhatsApp

މިހާރު ކުރިއަށްދާ ”ކްލައިމެޓް އެމްބިޝަން ސަމިޓް“ ގައި، މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހިއްސާކުޑަ އެއް ޤައުމުކަމުގައި ވިޔަސް، ދިވެހިރާއްޖެއަކީ މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ ޤައުމުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މި ހިއްސާ ކުޑަނަމަވެސް، އަޅުގަނޑުމެން މިކަމުގައި ފަސް ނުޖެހޭނެ ކަމަށާއި، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ދައްކަމުން އަންނަ ނަމޫނާ އެންމެ ކުރީސަފުގައި އަބަދުވެސް ދައްކަމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތައް މިގޮތުގައި ލިބެމުންދާނަމަ، ދިވެހިރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030 ގެ ނިޔަލަށް %26 އިންސައްތައަށް އިތުރު ކުރާނެކަމަށް ވިދާޅުވިއެވެ. މިފަދަ ބަދަލުތައް ގެނައުމަށް އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދެއްވާނެކަމަށް ވައުދުވި އެހީ ލަހެއްނެތި ފޯރުކޮށްދިނުމަށްވެސް އެ ޤައުމުތަކަށް ގޮވާލެއްވިއެވެ. އަދި މިފަދަ އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030 ގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓްޒީރޯ ޤައުމަކަށް ހެދުމުގެ އަމާޒުވެސް އެބައޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އެން.ޑީ.ސީ ތައްޔާރުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީއިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށްފައެވެ. އަދި ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅުމުގައި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ހިނގަމުންދާ އަދި ކުރިމަގުގައި ހިންގަން ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް ހިމަނައި އަދި ރާއްޖެއަށް ގެނެވިދާނެ ފަދަ ޓެކްނޮލޮޖީތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތައްވެސް ވަނީ މުރާޖަޢާކުރެވިފައެވެ. ދިވެހިރާއްޖޭގެ މި އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅިފައިވަނީ މިފަދަ އެސަސްމެންޓްތައް ހެދުމަށް އެހެން ޤައުމުތަކުގައިވެސް ބޭނުން ކުރާ އެމިޝަން ރިޑަކްޝަން އެސަސްމަންޓް މޮޑެލްއެއް ކަމަށްވާ ލީޕް (ލޯ އެމިޝަން އެނަލިސިސް ޕްލެޓްފޯމް) މެދުވެރިކޮށް ކުރެވުނު ދިރާސާތަކުގެ އަލީގައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ 2015 ގައި އެއްބަސްވެވުނު ޕެރިސް އެގްރީމެންޓަށް 5 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިސަމިޓުގެ މައިގަނޑު މަޤުސަދަކީ ކްލައިމެޓް އެމްބިޝަން އިތުރުކުރުމާއި އެކު ޕެރިސްއެގްރީމެންޓް ތަންފީޒު ކުރުމުގެ ގޮތުން އެކި ޤައުމުތަކުން ކުރާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމުވެ. މި ސަމިޓުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްދުކުރާ ކަންތައްތައް ހިމެނޭ ގޮތުގެ މަގު ޗާޓެއް ނުވަތަ ނޭޝަނަލީ ޑިޓާރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ވަނީ 2015 ގައި ހުށަހަޅާފައެވެ. އެން.ޑީ.ސީ.ގެ މައިގަނޑު ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ހުރިހާ ޤައުމުތަކުންވެސް ގުޅިގެން މަސައްކަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަގަޅު އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީސެލްސިއަސް އަށް ވުރެދަށުގައި ބަހައްޓައި އަދި 1.5 ޑިގްރީއަށް ގެންދެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޕެރިސް އެގްރީމަންޓްގައި އެއްބަސްވެވިފައިވަނީ ކޮންމެ 5 އަހަރުން އެން.ޑީ.ސީތައް މުރާޖަޢާކޮށް ހުށަހަޅަމުން ގެންދިއުމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ވަރަށްގިނަ ޤައުމުތަކުން އެން.ޑީ.ސީތައް ހުށަހަޅާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް