މާލެ ސަރަހައްދުގެ ގޭބީސީތަކުން ދަންވަރު ކުނި ނެރެން ޖެހޭގޮތަށް ހަދަން ނިންމައިފިއެވެ.
މިކަން މިގޮތަށް ނިންމީ މުޅި ދުވަހު މަގުތަކުގައި ކުނި ކޮތަޅުތައް ހުންނަ މައްސަލައަށް ހައްލު ގެނައުމަށްޓަަކައެވެ.
ކޮވިޑް 19 އާ ގުޅިގެން ގޭގެގައި އުކާލާ ކުނި ބަންދުކުރުމަށްފަހު މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބޭލުމަށް ކުރިން ވަނީ ވެމްކޯއިން އަންގާފައެވެ.ނަމަވެސް ކުނިތައް މަގުތަކުގައި ނުނެގި ގިނަ އިރުތަކެއް ވެގެންދާތީ ގިނަ ބަޔަކު ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. ޢަދި ގިނަ އިރު ވަންދެން ކުނިތައް މަގުތަކުގައި ހުރުމުގެ ސަބަބުން މަގުތަކުގައި ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކުނި ކޮތަޅުތައް މަގުތަކުގައި މުޅި ދުވަހު އޮންނަ އޮތުން ބަދަލުކޮށް ފަތިސް ވަގުތަށް މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލާއި ވެމްކޯއިން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިގޮތުން މިހާރު ކުނި ނެރެންޖެހޭ ގަޑިއަކީ ރޭގަނޑު 10:00 ކާއި 12:00 ދެމެދު ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.