ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ، އިންސާނީ އެތައް ޙައްޤަކުން މަޙްރޫމްވެފައި: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް އިންސާނީ އެތައް ޙައްޤަކުން މަޙްރޫމްވެފައިވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ބުރާސްފަތި ދުވަހު ރައީސް އިބްރާހީމް ދެއްވި ޚިޠާބުގައި ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ޙައްޤުތައް ލިބިފައި ނެތް އެތައް ބަޔަކު، މި ރާއްޖޭގައިވެސް އެބަތިބި ކަމަށެވެ.

”ރަނގަޅު ކާނާއާއި ސާފު ބޯފެން ލިބުމާއި، ބޭސްފަރުވާ ކުރުންފަދަ، ދިރިހުރުމުގެ ޙައްޤާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުން މަޙްރޫމްވެފައިވާ އެތައް މިލިޔަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބައުޅޭ.“ ރައީސް އިބްރާހީމް ވިދާޅުވިއެވެ. ”ދިވެހިރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން މި އަންނަނީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި. ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހި ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން މި އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި. އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދެމުން.“

ރައީސް ވިދާޅުވިގޮތުގައި ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުމެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން އެތައްހާސް ދިވެހީންނާއި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ވަޒީފާ ގެއްލި އާމުދަނީ ލިބޭނެ ދޮރުތައް ބަންދުވެ ދިވެހީންނާއި ބިދޭސީންގެ އެތައް ބަޔަކު ރާއްޖޭގައި ކާބޯތަކެއްޗަށް ސަލާމް ޖަހަމުން އެބަގެންދެއެވެ.

”މިއަދު އަޅުގަނޑުމެން އެންމެންވެސް މިތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައި. މިއީ ޢާއިލާގެ މެންބަރުންގެ މެދުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ދުވަސްވަރެއް. ކޯވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖުތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވޭ.“ ރައީސް ވިދާޅުވިއެވެ. ”މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ.“

ބުރަ މަސައްކަތެއްނުކޮށް ސިޔާސީ މަގާމުތައް އަދާކުރަމުންދާ މީހުންނާއި މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން އާދަޔާ ޚިލާފު ބޮޑު މުސާރައެއް ހޯދަމުންދާއިރު ރާއްޖޭގެ އެތައް ހާސް ބަޔަކު އާމުދަނީއެއް ހޯދާނެ ގޮތެއް ނޭނގިގެން ”ގަނޑުވެފައި“ އެބަތިއްބެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް