އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑެންގެ އަމާޒު: 100 ދުވަހުން 100 މިލިއަން މީހުންނަށް ވެކްސިން ދިނުން

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ގެ އަމާޒަކީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެތެރޭގައި އެމެރިކާގެ 100 މިލިއަން މީހުންނަށް ވެކްސިން ލިބޭނޭގޮތް ހައްދަވައިދެއްވުމެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި އެމެރިކާއަށް ފެތުރެމުންދިއުމެވެ. ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގައި އެއްދުވަހުގެތެރޭގައި 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ އެއްލައްކައަށްވުރެ ގިނަ އެމެރިކާ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައެވެ. އެއީ ވެސް ރެކޯޑެކެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ހުކުރު ދުވަހުގެ ހެނދުނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާއިން 291،929 މީހުން މަރުވެފައިވެއެވެ. އަދި އެމެރިކާގެ 15،586،978 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ.

އެމެރިކާގެ ތަޖުރިބާކާރު ސައިންސްވެރިޔާ އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި އެމެރިކާ މީހުން މިދުވަސްވަރު ޗުއްޓީގައި ވެސް ބޭރަށް ނުގޮސް ތިބެންވީ ގޭގަގައެވެ. އަދި މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ޚާއްޞަ ސަލާމާލުކަމެއް ދޭންޖެހެވެ.

ފައުޗީ ވިދާޅުވިގޮތުގައި ކޮރޯނާވައިރަހުގެ ކަންތަކުގައި އެމެރިކާ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

”އެހެންވެ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ.“ އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައްޔިތުންނަށް ވެކްސިންދިނުން ފެށުމާގުޅޭ ގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން މިއަދު މުހިއްމު ނިންމުންތަކެއް ނިންމާނެއެވެ. އަދި މި ޑިސެމްބަރު މަހުގެ ތެރޭގައި ވެކްސިން ދޭންފަށާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް