މަސްވެރިންގެ ދުވަސް: ގޮތްހުސްވެފައި ތިބި މަސްވެރިންގެ އުދާސްތައް!

Loading

Facebook
Twitter
WhatsApp

ހިނގަމުންމިދާ ދުވަސްތަކަކީ މަސްވެރިކަން ތިޔާގި، އެތައް ޓަނެއްގެ މަސް، މަސްވެރިން ކޮންމެ ދުވަހަކުވެސް ބާނަމުން އަންނަ ދުވަސްތަކެކެވެ. ނަމަވެސް ހިތާމަޔަކީ މަސް ބޭނުމުން ލިބޭ ހިތްހަމަޖެހުން ފިޔަވާ، މިއަދު މަސްވެރިންނަށް ލިބޭނެ އިތުރު އުފަލެއް ނެތްކަމެވެ.

”މަސްވެރިކަމުގައި މުޅި އުމުރު ހޭދަކުރެވުނު އިރު، މަސްވެރިންނަށް މިހާ ހިތްދަތި ދުވަސްތަކެއް ދުވަހަކުވެސް އަދި ނާދޭ. އެންމެ ކުރީގައިވެސް މަސްކިރާ ތަނަކުން އެހަފްތާގެ ހުކުރަށް އެންމެ ލަސްވެގެން ލާރިކޮޅު ހިފައިގެން އަންނާނެ. މިހާރު ދެ ދުވަހު ރަނގަޅަށް މަސް ބެވިއްޖާ، އަނެއް 10 ދުވަހު މި އޮންނަން ޖެހެނީ ނައިފަރު ފަޅުތެރޭ ދުވަސްތައް ގުނަ ގުނާ. އެހާ ދިގު އިންތިޒާރެއް ކޮށްގެން މަސްކޮޅު ކިރީމައިވެސް އަތައް ދެނީ ބިލް ކޮޅެއް. މަސް ދެމަސް ވާއިރުވެސް ބިލަކަށް ލާރިއެއް ނުލިބޭ. ލާރިކޮޅު ނުލިބި ގޮތް ހުސްވެގެން އުޅުނު އަހަރެންވެސް ދޯނީގެ އެތައް ކުދިންނަކަށް ލޯނު ދީފައި ހުންނާނެ.“ ހއ. ހޯރަފުށީ ދޯންޏެއްގެ އުމުރުން ދުވަސްވީ މަސްވެރިޔަކު ކިޔައިދިނެވެ.

މިވަގުތުވެސް 1000 ހާ ޓަނުގެ މަސް ފެލިވަރަށް މަސްކިރަން ކިއު ޖެހިފައިވާ ދޯނި ތަކުގައި އެބަ ހުއްޓެވެ. މި ދޯނިތަކުގެ ތެރެއިން ބައެއް ދޯނިތައް ނައިފަރު ފަޅުތެރޭގައި ކިއު ނަންބަރު ނަގައިގެން ތިބޭތާ 10 ވަރަކަށް ދުވަހަށް ވުރެން ގިނަ ވެއްޖެއެވެ. މަސްކޮޅު ހިފައިގެން އޮންނަން ޖެހޭ ކޮންމެ ދުވަހަކީ އިތުރު ޚަރަދުތަކެކެެވެ. ފަޅުވެރިންނަށް ލިބޭ ލާރިކޮޅުން މަދުވާ މަދުވުމެކެވެ.

މިފްކޯއިން ބުނާގޮތުގައި ފެލިވަރަށް މަސްކިރުމަށް 66 ދޯންޏަށް ކިއު ނަންބަރު ދޫކޮށްފައި ވާނެއެވެ. މި ދޯނިތަކުގައި 960 ޓަނު މަސް ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ. އާއްމުކޮށް މީގެން ދޯންޏެއްގައި 20 އަކަށް ޓަނު މަސް އެބަ ހުއްޓެވެ.

ބައެެއް ދޯނިފަހަރުން މަސްކޮޅު ނުބައިވެގެން އުކާލަން ޖެހިފައިވެސް އެބަ ހުއްޓެވެ. އެހެންނޫންނަމަ 2-3ރފ އަށް މަސްކައްކާ ހިއްކާ ފަރާތްތަކަށް މަސްކޮޅު ވިއްކާލަނީއެވެ. މިއީ ވެސް ”އުކާލުމެކެވެ.“ އެލިބޭ ލާރިން ދޯނީގެ ޚަރަދުވެސް ފޫ ނުބެއްދެއެވެ.

މަސްވެރިންނަކީ ޤައުމުގެ މައިގަނޑު އެއްތަނބޭ ބުނެވިދާނެއެވެ. ފަތުރުވެރިކަން ހުއްޓީ ޤައުމު އަޑި އަޅާލި ހިނދު މުޅި ޤައުމު ހިފަހައްޓާލީ މަސްވެރިންނެވެ. މަސްވެރިކަން ކުރާ ޒުވާނުންގެ އަދަދު ގިނަވަމުން ދާއިރު މަސްވެރިންނަށް މިނޫން ގޮތެއް ހޯދައިދޭން ޖެހެއެވެ. މަސްވެރިންގެ ދުވަހެއް ފާހަގަ ކުރަމުން ދާއިރު މަސްވެރިންގެ އުއްމީދަކީ ޖީބަށް ސީދާ ”ޑޮލަރު“ ލިބި، މަސްކިރާ އަގު ”ޑަބަލް“ ތިރި ނުވެ ދެގުނަ މައްޗައް ޖެހޭނެ ދުވަހެއް ފެނުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް