ޗައިނާގެ ސިނޮފަރމް ކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހުއްދަދީފިއެވެ.
ޔޫއޭއީއިން ސިނޮފަރމްގެ ވެކްސިނަށް ހުއްދަ ދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެގައުމުން ވަނީ އެގައުމުގައި ކުރިއަށް ގެންދިޔަ ސިނޮފަރމް ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާއި އެ ވެކްސިނަކީ ކޮވިޑް-19 އަށް 86 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށްބުނެފައެވެ.
ޔޫއޭއީއިން ވަނީ ސެޕްޓެމްބަރ މަހު ސިނޮފަރމްގެ މިވެކްސިން އެމަޖެންސީކޮށް އެގައުމުގެ ބޭނުންކުރުމުގެ ހުއްދަވެސް ދީފައެވެ.
ސިނޮފަރމްގެ މި ވެކްސިންގެ ދެ ޑޯޒް ދޭއިރު، ދެ ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖަހާތާ 21 ދުވަސް ފަހުންނެވެ. އެގޮތުން ވެކްސިނަށް ހުއްދަދެވިގެން ދިއުމަކީ އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޔޫއޭއީގެ ހެލްތު މިނިސްޓްރީއިން ފާހަގަކުރެއެވެ.