ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު:ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ.“ ރައީސް ވިދާޅުވިއެވެ. ”އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ.“

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި އަންގާރަ ދުވަހުގެ ރޭ ވީޑިއޯ މެދުވެރިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއްކަމަށެވެ.

”ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް.“ ރައީސް ވިދާޅުވިއެވެ. ”ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން.“

ރައީސް ވިދާޅުވީ މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުންކަމަށެވެ. ނުވަތަ އެ ނޫސްވެރިއަކު ޝައުޤުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗަރއެއް ލިޔެލުންކަމަށެވެ.

”ނަމަވެސް ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާ، ނޫސްވެރިންގެ ޒިންމާވެސް އެއަށްވުރެ މާބޮޑު. އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީވެސް، ނޫސްވެރިންގެ ޒިންމާއެއް.“ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުލުގައި ވިދާޅުވިއެވެ. ”މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ.“

ނޫސްވެރިކަމުގެ އެކިދާއިރާއަށް ކުރިމަތިލީ ފަރާތްތަކުގެތެރެއިން މިދިޔަ އަހަރުގެ މޮޅު ނޫސްވެރިންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވީ ޓީވީއެމްގެ ސްޓޫޑިއޯގައެވެ.

ތިރީގައި އެވަނީ އެކިއެކި މަގާމުތަކަށް ހޮވުނު ނޫސްވެރިންނާއި ނޫސްވެރިން މަސައްކަތްކުރާ ދާއިރާތަކެވެ.

• ސިޔާސީ ދާއިރާ: މުހައްމަދު ވިސާމް (އަވަސް އޮންލައިން)

• ވިޔަފާރި އާއި އިގްތިސާދީ ދާއިރާ: މުހައްމަދު އަފްރާހު ( އަވަސް އޮންލައިން)

• ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ: އީމާން އަންވަރު (އަވަސް އޮންލައިން)

• ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ: މުހައްމަދު މުޒައްޔިން ނާޒިމް (ސަން އޮންލައިން)

• ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ދާއިރާ: ޝަފްނާ ހުސައިން (ސަން އޮންލައިން)

• ޝަރުޢީ އަދި ޤާނޫނީ ދާއިރާ: މުއިއްޒު އިބުރާހިމް (މިހާރު އޮންލައިން)

• ކުޅިވަރުގެ ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު އޮންލައިން)

• ބްރޯޑް ކާސްޓިން ދާއިރާ: ސިމާހާ ނަސީރު (ރާއްޖެ ޓީވީ)

• ފީޗާ ރިޕޯޓް ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު އޮންލައިން)

• ފިޗާ ބްރޯޑްކާސްޓިން ދާއިރާ: ޝުރުފާ މުހައްމަދު (ވީޓީވީ)

• ފޮޓޯ ޖާނަލިސަމް ދާއިރާ: ނިޝާން އަލީ (މިހާރު އޮންލައިން)

• ވީޑިއޯ ޖާނަލިޒަމް ދާއިރާ: ޝުރުފާ މުހައްމަދު (ވީޓީވީ)

• އެންމެ އުންމީދީ ނޫސްވެރިޔާ: މުހައްމަދު މުޒައްޔިން ނާޒިމު (ސަން އޮންލައިން)

މިނިވަން ނޫހުގެ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބުދުﷲ ގެ އާއިލާއާގެ ބޭފުޅަކާ، ހަނދާނީ ޚާއްޞަ ފިލައެއް ހަވާލުކުރެވުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް