ކޮވިޑް19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ހުށަހަޅައިފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ލަންކާ ސަރުކާރަށް އަންގާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން މައުލޫމާތު ދީފިއެވެ.

ކޮވިޑްގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާ ސަރުކާރުން އެދިފައި މިވަނީ އެގައުމުގައި ކޮވިޑު ބަލީގައި މަރުވާ މުސްލިމުން، އެމީހުންގެ އާއިލާގެ ނުގަބޫލުގައި އަންދަމުންދާ މައްސަލަ ބޮޑުވެފައިވައިވާ ދުވަސްވަރެއްގައެވެ. ކޮވިޑް ބަލީގައި މަރުވާ މީހުން އެންދުމަށް ލަންކާއިން ނިންމުމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިޔާލު ތަފާތުވުންތައް އުފެދި އިތުރުވެފައެވެ. އަދި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލަ ބޮޑުވެ، ހައްލުނުކުރެވިފައިވަނިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ލަންކާ ސަރުކާރަށް ރަސްމީކޮށް އަންގާފައެވެ.

ދިވެހި ސަރުކާރުގެ މި ހުށަހެޅުމާއެކު، އެކަން ކުރެވިދާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލަން ލަންކާގެ ހެލްތު މިނިސްޓްރީން އަންގާފައިވާކަމަށް ލަންކާގެ ޕަބްލިކް ހެލްތު ސާވިސަސްގެ ޑިޕިއުޓީ ޑިރެކްޓާ ޖެނެރަލް ޑރ. ހޭމަންތަ ހޭރަތު ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާރ އޮންލައިން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ”މިކަން ކޮށްދޭން ރާއްޖޭން ހުށަހަޅާފައިވަނީ، އެއީ ޖަޒީރާ ގައުމަކަށްވެފައި، އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލަ ރާއްޖެއަށް ދިމާނުވާތީ. މަރުވެފައިވާ މީހުންގެ ހަށިތައް ވަކި ރަށެއްގައި ވަޅުލައި ދޭން ދިވެހި ސަރުކާރުން ހުށަހަޅާފައި ވަނީ.“ ޑރ. ހޭރަތު ވިދާޅުވި އެވެ.

ނަމަވެސް ވަކި ގޮތެއް ނިންމޭނީ، އެކަމުގައި ހުރި އަމަލީ ކަންތައްތައް ބެލުމަށްފަހު ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މި މައްސަލަ ތަކާއި ގުޅިގެން ލަންކާގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުން އަންނަ މި ދަނޑިވަޅުގަައި އެ ޤައުމުގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ މިދިޔަ ހަފްތާގައި ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި މިކަމަށް ހައްލެއް ހޯއްދެވުމާގުޅޭ ގޮތުންް މަޝްވަރާކުރައްވާފައެވެ.

އަދި މީގެ އިތުރުން އެޤައުމުގައި އިއްޔެ ވަނީ އާއިލާގެ ނުރުހުމުގައި އަންދާލި މުސްލިމުންގެ ހައްގުގައި ސުލުހަވެރި މުޒާހަރާއެއްވެސް ކޮށްފައެވެ.

ލަންކާގެ ބައިމަދު މުސްލިމުންނާމެދު ސަރުކާރުން ކަންތައް ކުރަމުންދާގޮތާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

 

Loading

One Response

  1. ލަންކާގައި މިވީ ގަރުތަކުގައި އުޅުނު މުސްލިމުންގެ ގަބުރު އެކްސްޕޯޓު ކޮށްފައެއް ނުވެއެވެ. ވީއިރު އެތަނުގައި ހިކިފަސް ބިންނެތިއެއް ނުދާނެއެވެ. މިއީ ވަރަށް ނުބައިރޭވުމެކެވެ. އަދި މިދިޔަ އިލެކްޝަންގައި މުސްލިމުންގެ ވޯޓު ހޯދުމަށްފަހު ޕަކްޝާތަށް މުސްލިމު ކޮމިއުނިޓީއަށް ދޭ ޙަމަލާއެކެވެ. މީދެން މީހަކު މޮޔަވާވަރުގެ ކަމެއްނޫންތޯއެވެ. ލަންކާގައި ޑްރައި ލޭންޑް ނެތިގެނޯ! އެހެން؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް