އިގްތިސާދީ ކާރިސާގެ ވަގުތުގައި ރާއްޖެއިން ބޭރަށް ކުރާ އަގުބޮޑު ދަތުރުތަކަކީ ފައިދާހުރި ދަތުރުތަކެއްތޯ؟

Loading

Facebook
Twitter
WhatsApp

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ފޮރިން  މިނިސްޓަރުންގެ ކައުންސިލްގެ 47 ވަނަ ސެޝަންގެ ހަވާސާގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާއި ބައްދަލު ކުރެއްވިއެވެ. 

ވަރަށްގިނަ ސަރުކާރުތަކުން ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް، އިސްލާމީ ދުނިޔޭގައި އޯ.އައި.ސީ މަޝްހޫރުވެފައިވަނީ މުސްލިމުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައެވެ. އެ ޖަމްޢިއްޔާ އުފައްދާފައިވަނީ އިސްލާމީ ދުނިޔެ ހުވަފެންދެކިދެކި ތިބޭގޮތަށް ފަރުމާކޮށްގެންނެވެ. މިކަން މިހެން އޮތްއިރު ހަގީގަތަކީ ދުނިޔޭގެ ހުރިހާ ދިމާއަކުންވެސްފެންނަނީ  މުސްލިމުންގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ތަނެވެ. 

ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމުންނަށް ހަމަލާދިން ނަމަވެސް، ނުވަތަ ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަ ކުރިނަމަވެސް، އެކަމުގެ ރުޅިވެރިކަން އިސްލާމީ ދުނިޔޭގައި ފެތުރިގެންދެއެވެ. މުސްލިމުންގެ ދުޝްމަނުންގެ މި ރުޅިވެރިކަމަށްއިންސާފު ހޯދުމުގެ ކުރިން، މުސްލިމުންގެ ހިތުގައި އުފެދިފައިވާ ގާނޫނީގޮތުން ހުއްދަ ރުޅިވެރިކަމުގެ އަލިފާނަށް އޯ.އައި.ސީން ފިނިފެން އަޅައި، އެ އަލިފާން ނިއްވާލައެވެ. ދުނިޔޭގައި އޯ.އައި.ސީއަށް ލިބިފައިވާ މަގާމާއި ހައިބަތު ބޭނުންކޮށްގެން، މުސްލިމުންގެ ރުޅިވެރިކަން މައިތިރިކޮށް، ކޮންޓްރޯލު ކޮށްފައި ބާއްވައެވެ. 

މުސްލިމުންނަށް ދޭ ހަމަލާތައް ކުއްވެރިކުރުމަށް އެމީހުން ވަރުގަދަ ބަޔާން ނެރެ، ވަރުގަދަ ބަސްބުނެ، އަދި މުސްލިމު ގައުމުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ފައިސާވެސް ޚަރަދު ކޮށްފާނެއެވެ. އެހެންނަމަވެސް، ނުފެންނާނެ ކަމަކީ އެކަމަށް ހަގީގީ ފިޔަވަޅެއް އެޅުމެވެ. އެއީ ޢަރަބި ލީގުފަދަ، މުސްލިމުންގެ އަޑު ދުނިއެއަށް އިއްވާކަމަށް މުސްލިމުންނަށް ހީކުރުވުމަށް ބޮޑު ބަސްބުނެ ވާހަކަދައްކާ ޖަމްޢިއްޔާއެކެވެ. އެކަމަކު، މި ޖަމްޢިއްޔާތަކުގެ އެތެރެ އެއްކޮށް ހުހަށް އޮތުމުން، އެއަޑުތައް ވެގެންދަނީ ހުސް އަޑަށެވެ. 

މިހާރަކަށް އައިސް، ސައޫދީ ޢަރަބިއްޔާއާއި އެގައުމުގެ ބައިވެރިން، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިޒުރޭލް ވަނީ ބަލައިގަނެފައެވެ. އެހެންކަމުން، އޯ.އައި.ސީއަކީ މުސްލިމުންނަށް ފައިދާކުރާނެ ޖަމްޢިއްޔާއެއްކަމަށް ގަބޫލުކޮށްގެން ތިބިބަޔަކު މިހާރު ހޭލަންޖެއެވެ. 

އިންޑިއާއިން ކަޝްމީރު އަޅުވެތިކޮށްގެންއުޅޭތީ އެކަން ކުއްވެރިކުރުމަށް ޕާކިސްތާނުން ގޮވަާލުމުން، ސައޫދީ ޢަރަބިއްޔާއިން އެކަމަށް ހުރަސް އެޅިއެވެ. މީގެ އިތުރުން އިންޑިއާއިން އެގައުމުގެ މުސްލިމުންނަށް ކުރާ އަނިޔާތައް ކުއްވެރިކުރުމަށް ކުރި މަސައްކަތަށްވެސް ހުރަސްއެޅިއެވެ. މިއަދު ސަޢުދީ ޢަރަބިއްޔާއާއި އިންޑިއާއަކީ ވަރަށް ގާތް ދެގައުމެވެ. އެއްގައުމުން ހިންގާ ޖަރީމާތައް އަނެއް ގައުމުން ދިފާޢުކުރެއެވެ. 

ދިވެހިރާއްޖޭ މިހާރު ތަޖުރިބާ ކުރަމުން މިދަނީ އިގުތިސާދީ އަދި ސިޔާސީ ކާރިސާގެ ދުވަސްތަކެކެވެ. މިހާރުގެ ސަރުކާރުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވުމާއި، އިގުތިސާދު ހީނަރު ވުމުގެ ސަބަބުން، މި ސަރުކާރު ގެންނަން ވޯޓުލީ މީހުންތިބީ ވަރަށްބޮޑަށް މާޔޫސް ވެފައެވެ. އެހެންނަމަވެސް މިފެނިގެންދަނީ މުސްލިމުންނަށް ނުވަތަ ދިވެހިންނަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެ އޯ.އައި.ސީގެ ބައްދަލުވުންތަކަށް ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަގުބޮޑު ދަތުރުތައް ކުރައްވާ ތަނެވެ

މީގެ އިތުރުން، މިސަރުކާރުން މަސައްކަތް ކުރަމުންދަނީ އާމްދަނީއެއް ހޯދުމަށް ގޭގައި މަސައްކަތްކުރާ މީހުންގެ އަތުންނާއި އޮންލައިންކޮށް އެއްޗެތި ވިއްކާމީހުންގެ އަތުން ވާރު (ޓެކްސް) ނަގައިގެން ސަރުކާރަށް އާމްދަނީ އިތުރުކުރުމަށެވެ. މިފަދަ އިން ދިވެހިންގެ އަތުން ނެގޭ ވާރު (ޓެކްސް) ގެ ފައިސާވެސް ކުރިން ދެންނެވި ފައިދާއެއް ނުކުރާ، ބޭކާރު އަގުބޮޑު ދަތުރު ކުރުމަށް ބޭނުންކުރާނެތޯއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް