ރިޓަޔަރކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ، އަދި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބިދޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދު އިސްލާހުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރަށް ވަކި ޚާއްޞަ ޢިނާޔަތެއް ދޭންޖެހޭގޮތަށް، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދުގައި މިހާރު ކަނޑައަޅާފައެއް ނޯވެއެވެ.
ނަމަވެސް، އުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަޒީފާއިން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވާ ފަނޑިޔާރުންގެ ތެރޭން ރިޓަޔަރކުރައްވާ ފަނޑިޔާރުންނަށް ޢިނާޔަތް ދެވޭނީ 10 އަހަރު ޚިދުމަތްކުރައްވާފައި ވާނަމައެވެ.
މިހާރުގެ ގަވައިދުގައި ވާގޮތުން، ރިޓަޔަރކުރައްވާއިރު އެއްފަހަރާ ދޭ ޢިނާޔަތް ހިސާބުކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރެއްވި ތާރީޚުން ފެށިގެން ރިޓަޔަރކުރެއްވުމާ ދެމެދު ޚިދުމަތްކުރެއްވި މުއްދަތެވެ.
އަދި މަހުން މަހަށް ދޭ ޢިނާޔަތް ހިސާބުކުރާނީ ފަނޑިޔާރުކަމުގައި ކުރިން ޚިދުމަތްކުރައްވާފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަންކުރެއްވި މުއްދަތު ގުޅުވައި، ރިޓަޔަރކުރެއްވުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ޚިދުމަތްކުރެއްވި ޖުމުލަ މުއްދަތަށެވެ.