ތުރުކީގެ އިސްތަންބޫލް ގައި މިހާރު ކުރިއަށްދާ ރަޝިޔާއާއި ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާގައި ޔޫކްރެއިން ބިމުގެ ބޮޑު ހިއްސާއެއް ރަޝިޔާއަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އަދި ޔޫކްރެއިން މިލިޓްރީގެ ސައިޒްވެސް ކުޑަކުރަން ޖެހޭނެ ކަމަށް ރަޝިޔާއިން ޑިމާންޑް ކުރަމުން އެބަ ގެންދެއެވެ. އެކަމަކު ރަޝިޔާގެ މި ޑިމާންޑް ގަބޫލު ނުކުރާނެކަމަށް ޔޫކްރެއިނުންވަނީ ބުނެފައެވެ.
ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ލަކުޑި ޖިފުޓިތަކުގައި ފޮރުވައިގެން ގެންގުޅޭ ޑްރޯންތަކުން ރަޝިޔާއަށް ހަމަލާދީގެން އެގައުމަށް އެހީތެރިވެދެމެންގެންދާ ބައިވެރިންގެ އިތުބާރު މިހާރު ހޯދިފައިވާ ކަމަށާއި އަމާންދީގެން ހަނގުރާމަ ހުއްޓާލަން ބޭނުންނުވާ ކަމަށެވެ.
އިސްތަންބޫލްގެ މަޝްވަރާތަކުގެ އުސް އަލިތަކަށް ބަލާއިރު އެ ހަނގުރާމަ ހުއްޓާލައި ދެފަރާތުންވެސް ގޮތްދޫކުރަން ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލުންތަކަށް މޮސްކޯއިން ދެނީ ބީރު ކަންފަތެކެވެ.
2022 މާރޗްގެ ފަހުން މި 2 ގައުމުގެ މެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމަށް އިސްތަންބޫލްގައި ހޭދަވެގެން ދިޔައީ އެންމެ ގަޑިއެއްގެ އިރެވެ. މި ވަގުތުކޮޅުގެ ތެރޭގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމާ ބެހޭގޮތުންނެވެ. އެންމެ ފުރަތަމަ އެންމެ ޒުވާން އަދި އެންމެ ބޮޑަށް ޒަޚަމް ވެފައިތިބި އަސީރުންނާއި މަރުވެފައިވާ 12000 ސިފައިންގެ ހަށިގަނޑުތައް ފޮނުވާދިނުމުގެ މައްޗަށެވެ.
ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ރަޝިޔާއާއި ޔޫކްރެއިން ސުލްހަ ކުރުވުމުގެ މަސައްކަތް އިސްތަންބޫލްގައި ފަށައިގަތުމުގެ ފުރުސަތު ލިބުމުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕްއާއެކު ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީވެސް އިސްތަންބޫލަށް ވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މޮސްކޯއިން ބުނަނީ އެމެރިކާއާއި ޔޫރަޕުން އެދޭގޮތަށް ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސް ނުވެވޭނެ ކަމަށެވެ. މޮސްކޯ އިން ބޭނުންވަނީ ދާއިމީ ގޮތެއްގައި ހަނފުރާމަހުއްޓާލައި ސުލްހަވެރި ވެއްޓެއް ގާއީމް ކުރުމެވެ. ރައީސް ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައިވަނީ ރަޝިޔާއާއި ޔޫކްރެއިނުން ހެޔޮ ނިޔަތެއްގައި ހަނގުރާމަ ހުއްޓާލައި ސުލްހަ ވުމަށް ނޭދޭނަމަ އެ ދެމެދުގައި އެ މަނިކުފާނު ނުހުންނަވާނެ ކަމަށެވެ.
ރަޝިޔާއާއެކު ޔޫކްރެއިނުން ކުރަމުން ގެންދާ މަޝްވަރާތަކުގައި ޔޫކްރެއިންގެ ފަރާތުން އެންމެ އިސްބޭފުޅަކަށް ހުންނެވި ދިފާއީ ވަޒީރު ރުސްތަމް އުމަރޯވް ވިދާޅުވެފައިވަނީ ޔޫކްރެއިނުންވެސް އެގައުމުގެ އަމިއްލަ މަގުޗާޓެއް އެކުލަވާލާފައިވާ ކަމަށާއި އެކަމަކު ރަޝިޔާގެ ހުށައެޅުން ދިރާސާ ކުރައްވާނެ ކަމަށެވެ. ޖޫންމަސް ނިމުމުގެ ކުރިން އިތުރު ބައްދަލުވުންތައް ބޭއްވޭނެ ކަމަށާއި އެހެންނަމަވެސް އެއްބަސްވުމަކަށް ނާދެވޭ ބޮޑެތި މައްސަލަތަކުގައި ފައިސަލާއެއް ކުރައްވަން ރައީސް ޒެލެންސްކީއާއި ރައީސް ޕޫޓިން ބައްދަލުކުރައްވާނެކަމަށް ގަބޫލު ކުރަމެވެ. ދިފާއީ ވަޒީރު ރުސްތަމް އުމަރޯވް ވިދާޅުވިއެވެ.
ޔޫކްރެއިންގެ 400 ކުޑަކުދިން ރަޝިޔާއިން ގެންގޮސްފައިވާކަމަށް ރައީސް ޒެލެންސްކީ ވިދާޅުވަމުން ގެންދަވާއިރު ރަޝިޔާއިން ބުނަނީ އޭގެތެރެއިން އަނބުރާ ޔޫކްރެއިނަށް ފޮނުވޭނީ ހަމައެކަނި 10 ކުދިން ކަމަށެވެ. ދެންތިބި ކުދިންނަކީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުން ގެނެވިފައިވާ ކުދިން ކަމަށްވީތީ އެ ކުދިން މިހާރު އަނބުރާ ނުފޮނުވޭނެ ކަމަށެވެ.
މިހާރު ކުރިއަށްދާ ރަޝިޔާ-ޔޫކްރެއިންގެ މަޝްވަރާތަކަށް ރަޝިޔާއިން ހުށައަޅާފައިވާ މެމޯރަންޑަމް ވަނީ އިންޓަރފެކްސް ނިއުސް އޭޖެންސީގައި ޝާއިއުކޮށްފައެވެ. އޭގައި ބުނެފައިވާގޮތުން 2014 ގައި ރަޝިޔާއިން އެނެކްސް ކުރި ކްރީމިއާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބައިނަލް އަގްވާމީގޮތުން ބަލާގަންނަން ޖެހޭނެއެވެ. އަދި އެ ސަރަހައްދުގައިތިބި ޔޫކްރެއިންގެ ހުރިހާ ސިފައިން ފައިބަންވެސް ޖެހޭނެއެވެ.
ދެވަނަ ކަމަކަށް ފާހަގަ ކުރެވިފައިވަނީ ޔޫކްރެއިނަކީ ވަކިފަރާތަކަށް ނުޖެހޭ ގައުމަކަށް ވާންޖެހޭނެއެވެ. ޔޫކްރެއިނަށް ނޭޓޯގެ މެމްބަރކަން ލިބިގެން ނުވާނެއެވެ. ޔޫކްރެއިންގެ ރަސްމީ ބަހެއްގެ ގޮތުގައި ރަޝިޔާގެ ބަސް ވެސް އިތުރުކުރަން ޖެހޭނެއެވެ. އަދި ރަޝިޔާބަހުން ވާހަކަދައްކާ ޔޫކްރެއިންގެ ރަށްވެހިންނާދޭތެރޭ އެއްވެސް ކަމެއްގައި ތަފާތު ކޮށްގެން ނުވާނެއެވެ.
ހަނގުރާމަ ހުއްޓާލުމަށްފަހު ސުލްހަވެރިކަން ގާއިމް ކުރުމަށްޓަކައި 2 ޝަރުތެއް ރަޝިޔާއިން ހުށައަޅާފައި ވެއެވެ.
ފުރަތަމަ ޝަރުތަކީ ލޫސަންކް އާއި ޑޮނެސްކް އާއި ޒަޕޯރިޒާ އާއި ކާރސޯން ސަރަހައްދުގައި ތިބި ޔޫކްރެއިންގެ ސިފައިން އެއްކޮށް ފައިބަން ޖެހޭނެއެވެ. އެއަށްފަހު ލުހާންސްކްގެ މުޅި ސަރަހައްދު އޮންނާނީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ބާކީހުރި ތަންތަނުގެ %70 އޮންނާނީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
ދެވަނަ ޝަރުތަކީ އެއްވެސް ބޭރުގެ ގައުމަކާއެކު ޔޫކްރެއިނުން މިލިޓްރީ ގުޅުން ބާއްވައިގެން ނުވާނެއެވެ. އަދި ބޭރު ގައުމުތަކުން މިލިޓްރީ އެހީއާއި ސެޓެލައިޓް ކޮމިއުނިކޭޝަނާއި ސިއްރު މައުލޫމާތުގެ ލިބުމުގެ ވަސީލަތްތައް ހޯދައިގެންވެސް ނުވާނެއެވެ. އަދި 100 ދުވަހުގެ ތެރޭގައި ރިޔާސީ އަދި ޕާރލަމެންޓްގެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ހަމައެއާއެކު ގައުމުގައި ނަޒީންގެ ފިކުރު އަށަގަންނުވަން މަސައްކަތްކޮށްގެން ވެސް ނުވާނެއެވެ.
ރަޝިޔާގެ ވަފުދުގެ އެންމެ އިސްވެރިޔަކަށް ހުންނެވި ލަޑިމިއަރ މެޑިންސްކީ ވިދާޅުވެފައިވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ރައްދުކުރުމަށްޓަކައި ދެ ތިން ދުވަހަށް ހަނގުރާމަ ހުއްޓާލެވިދާނެ ކަމަށެވެ.
ރޮއިޓާރސް އަށް ލިބިފައިވާ ޔޫކްރެއިންގެ މަގުޗާޓަށް ބަލާއިރު ސުލްހައިގެ އެއްބަސްވުން ގާއިމްކުރުމަށްފަހު ޔޫކްރެއިންގެ މިލިޓްރީގެ ބާރު އޮންނަންޖެހޭ މިންވަރާކާ ދޭތެރޭ އެއްވެސް ހައްދެއް ކަނޑައަޅައިގެން ނުވާނެއެވެ. އަދި މޮސްކޯގެ ބާރުގެ ދަށަށް ގެންދެވޭ ޔޫކްރެއިންގެ ސަރަހައްދުތައް އެއީ ރަޝިޔާގެ މިލްކުގައި ހިމެނޭ ތަންތަން ކަމުގައި ވެގެންވެސް ނުވާނެއެވެ.