އެމްޕީއެލްގެ ބޮޑު ޚިޔާނާތް: ޗެއާމަން ޒަކީގެ އިސްތިއުފާއަކުން ނުފުދޭ

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަން ހިންގާ މުއައްސަސާތަކުގެ ވެރިން ވެސް މުލުންލުހެ މުއައްސަސާތަކުން ބޭރުކުރަން އެބަޖެހޭ!

އެމްޕީއެލްގެ ބޮޑު ވައްކަމުގެ ހާދިސާއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ”ޒީރޯ ޓޮލެރެންސް“ ސިޔާސަތު އިތުރަށް ފަޅައިގެން ގޮސް ކުދިކުދިވެ ބޮޑު ބޭޒާރަކުން ބޭޒާރުވެ ނިމިއްޖެއޭ ނުދެންނެވޭނީ ވައްކަން މުލުން ލުހެލެވިގެންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޮޑު ވައްކަމުގެ ޚަބަރު ހިތްވަރުގަދަކަމާއެކު ދުނިޔެއަށް ބޭޒާރުކުރެއްވީ ކުންފުނީގެ ޗެއާމަން ނަޒާކީ ޒަކީ ކުރެއްވި ޓުވީޓަކުންނެވެ. އެގޮތަށް ޢަމަލުކުރެއްވީ އެކަމުގެ އެންމެ އިސްކޮށްތިބި ބަޔަކު ޒިންމާދާރުކުރަމަށް މެނޭޖުމަންޓުން އަދި ބޯޑުންވެސް އެއްބާރުލުން ނުލިބުމުން ކަމުގައި ޒަކީ ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލްއަކީ އަބަދުވެސް ވައްކަމުގެ ހާއްޔެއްގެ ގޮތުގައި ގިނަބަޔަކު ދެކޭ ތަނެކެވެ.

އެމްޕީއެލްގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި އެމައްސަލަތައް ބަލާ އެފަދަ ވައްކަން އެގޮތަށް ނުހިންގޭނޭ ހަރުކަށި ނިންމުންތައްނިންމުމަށް ބޯޑާއި މެނޭޖްމަންޓުގެ އެއްބާރުން ނުލިބޭކަމަށްވިދާޅުވެ އެކަމާ ހިތާމަކުރައްވައި ކުރެއްވި ޓުވީޓަށްފަހު ބޯޑުގެ ބައެއް ބޭފުޅުންގެ ކޮމްޕްރޮމައިޒް ނުކުރެވޭފަދަ ޢަމަލުތަކުގެ ސަބަބުން ޒަކީ އެމްޕީއެލްގެ ޗެއާމަން ކަމުން ވެސް މިވަނީ އިސްތިއުފާ ދެއްވާފައެވެ.

ޒަކީގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޕީއެލްއަށް ބޭނުންވާ ތެލުގެ ވިޔަފާރިން ޚިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ސަސްޕެންޑު ކުރުމުގައި ނާކާމިޔާބު ވެފައިވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

އެމްޕީއެލްތެރޭގައި ހިނގި މާސިންގާ ބޮޑު ކޮރަޕްޝަނާއި ލަދެއް ހަޔާތެއް ނެތް ވައްކަމުގެ މައްސަލައާ ގުޅިގެން ޗެއާމަން ޒަކީ އިސްތިއުފާދެއްވުމުން އެމްޕީއެލްގެ ޚިޔާނާތާއި ވައްކަމުގެ މައްސަލަ އޮފުކޮށް ރީތިކޮށް ގައުމަށް ހާމަކޮށްދެއްވަން މެނޭޖިން ޑިރެކްޓަރ ސ. ހުޅުދޫ ވާރުގެ، ޝާހިދު ޢަލީ އިސްކޮށް ހުންނަވައިގެން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ.

ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ފަޅާއެރުމުން، ކޮރަޕްޝަނާ ދެކޮޅު މީހުންގެ ހިތްހަމަޖައްސައި ދިނުމަށް ވަރުގަދަ ދެ ނޫސްބަޔާނެއް ޝާހިދު އެމްޕީއެލްއިން ނެރުނެވެ. އޭގެ އިތުރަށް ”ރާއްޖެ ޓީވީ“ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޝާހިދު ވަނީ އެމްޕީއެލްގެ ބޮޑު ވައްކަމުގެ މައްސަލައަށް އޮފުދުއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެކަމަކު އެ ދެ ނޫސްބަޔާނަކުން އަދި ޝާހިދު ”ފަލަ ސުރުޚީ“ގައި ދެއްކެވި ވާހަކައަކުން އެމްޕީއެލްގައި ހިނގި މިލިއަން މިލިއަން ރުފިޔާގެ ވައްކަމުގެ ހާދިސާއަކީ ނުހިނގާ، އަދި ހަގީގަތެއްނެތް، ދޮގު ހާދިސާއަކަށް ނުހެދުނެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި ޗެއާމަން ޒަކީގެ ޓުވީޓަކީ މިސްލީޑިން ސްޓޭޓްމަންޓެކެވެ. އެކަމަކު އެ ޓުވީޓު މިސްލީޑިން ވީގޮތެއް ޝާހިދު ސާފުކޮށް ނުދެއްވައެވެ.

”އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރެއިން ބަޔަކުވަނީ ވަޒީފާގެ މައްސޫލިއްޔަތުން އެކަހެރި ކުރެވިފައި.“ ޝާހިދު ވިދާޅުވެފައިވެއެވެ. ”އެކަން ކުރަނީ ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާއި ގުޅިގެންކަމަށް މުއައްޒިފުން ވަނީ އިއުތިރާފުވެފައި.“

ޝާހިދު ވިދާޅުވިގޮތުގައި ވައްކަންކޮށްގެން އުޅެނީ ފުރަބަންދުގެތެރޭގައި ބައެއް މުއައްޒިފުން އޮފީހަށްނުނެރެ ގޭގައި ބައިތިއްބައިގެން މަދު މުއައްޒަފުންތަކެއް ނެރެގެން މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެއްގައެވެ.

”އާންމުކޮށް އިންނަ ޕްރޮސެސް އެއީ މިސާލަކަށް އެއްޗެއް ލިބިގަންނަ ކަމަށްވަންޏާ އެއަށް ފޮނުވާ ލިޔެކިޔުންތަކާއި އެހުރިހާ އެއްޗެއް ސޮއިކުރުމާއި މީގެ ވަރަށް ގިނަ ކަންތައްތަކެއްވެސް އިލެކްޓްރޯނިކަށް ބަދަލުވި. އެއީ ސްކޭންކޮށްފައި އީމެއިލް މެދުވެރިކޮށް އަޕްލޯޑްކުރުމާއި މިކަހަލަ ޕްރޮސެސްތަކަށް ބަދަލުތަކެއް އައީ ،އައިމަ އެދަނޑިވަޅުގައި އާންމުކޮށް އިންނަ ނޯމަލް ޕްރޮސެސްއަށްވުރެން ޕްރޮސެސްތައް ތަންކޮޅެއް ބަލިކަށިވެގެންދިޔަ، އެކަމުގެ ތެރޭގައި ނާޖާއިޒު ފައިދާ ނެގިދާނެ، އެއީ ޚާއްސަކޮށް ސަޕްލައި ކުރާ ފަރާތާއި ގުޅިއްޖެކަމަށްވަންޏާ ނެގިދާނެ.“ ޝާހިދު ”ރާއްޖެ ޓީވީ“ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.

”އާންމުކޮށް މި ކޮވިޑް-19 ތެރޭގައި މި އޮޕަރޭޝަން ލެވެލްވެސް ތަންކޮޅެއް، ވަރަށް ދަށް، މުދާ އަންނަ ނިސްބަތުން މުދާ އައުންވެސް ވަރަށް ދަށް، އެހެންވީމާ އަސްލު ތެޔޮ މައްޗަށް ގޮސްގެން ނުވާނެކަން އަޅުގަނޑުމެންނަށް ފެނޭ، އެކަމު ކޮންސަމްޕްޝަން ރިޕޯޓުން މި ފެނުނީ ތެލުގެ ކޮންސަމްޕްޝަން މައްޗަށް ގޮސްފައި ހުރިކަމަށް.“

ޝާހިދުގެ ވާހަކަތަކުން އޭނާ އެތަނުގެ އެންމެ އިސްވެރިއެއްގެގޮތުގައި ހުރެ ކޯވިޑުގެ ތެރޭގައި އެމްޕީއެލްގެ ހިންގުމަށް އޭނާ ގެނައިބަދަލަކީ ވަރަށް ދޯދިޔާ ބަދަލެއްކަމާއި އެކަމަކީ ވައްކަންކޮށް ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީސްމީހުންނަށް ހުޅުވައިލެވުނު ދޮރެއްކަން ވަރަށް ރަނގަޅަށް ދޭހަވާފަދަ ޢިބާރާތަކުން ވިދާޅުވެދެއްވިއެވެ.

އެހެންކަމަށްވާނަމަ އެކަމުގެ ޒިންމާ ޝާހިދު އާއި އެމްޕީއެލްގެ ސީނިއަރ މެނޭޖްމަންޓުން ނަގަން ނުޖެހޭ ހެއްޔެވެ؟ ހަމައެކަނި ކުންފުނީގެ ޗެއާމަން އެމްޕީއެލްގެ ވައްކަން ފަޅާއަރުވާލެއްވުމަށްފަހު، އެކަމާ ގުޅިގެން ކުންފުނީގެ އިސްބޭފުޅުންގެ ޢަމަލުތަކާމެދު ހިތްޕުޅާނުވެގެން ކޮރަޕްޝަނާ ދެކޮޅަށް އިސްތިއުފާ ދެއްވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒީރޯ ޓޮލެރެންސް މިގައުމުގައި ގާއިމު ކުރެވޭނޭ ހެއްޔެވެ؟

ޝާހިދު ވިދާޅުވިގޮތުގައި ޚިޔާނާތުގައި ގެއްލިފައިވާކަމަށް ތުޙުމަތު ކުރެވޭ 8 މިލިއަން ރުފިޔާގެ އަދަދު އިތުރުވުމަކީ ނުވަތަ މަދުވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

އެމްޕީއެލްއިން މުއައްޒަފުން މަދުކޮށްގެން މަސައްކަތް ކުރުވީ ވައްކަން ކުރަން ބާވައެވެ! ވައްކަމަށް މަގުފަހިކޮށް ވައްކަން ކުރުވަން ބާވައެވެ! އެތަނަކީ ކުރިންވެސް ވައްކަމުގެ ހާއްޔެއްކަމާއި އެތަނުން ވެފައިވާ ބޮޑެތި ޚިޔާނާތްތަކާއި ވައްކަމުގެ ތަފުސީލު ޝާހިދަށް ވަރަށް ރަނގަޅަށް އެގޭނެއެވެ.

އެމްޕީއެލްގެ މުއައްޒަފުންތަކަކާއި އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުއައްޒިފުންތަކެއް ގުޅިގެން ކިތަންމެ ރަނގަޅަކަށް ވެސް ވައްކަންކޮށްފިއޭ ބުނެވިދާނެއެވެ. ޝާހިދު ދެއިރު ދެދަޅައަށް ޓީވީގައި ވާހަކަފުޅުދެއްކެވިއަސް ހެނދުނު ނޫސްބަޔާނެއް ރޭގަނޑު ބަޔާނެއް ނެރުއްވިއަސް އެ ވައްކަން ނުކުރާކަމަކަށް ނުވާނެއެވެ.

ޒަކީ ވިދާޅުވިގޮތުގައި މީގެ ހަމަސް ދުވަސް ކުރިން ވެސް ވާނީ ޝެއިޚު ޢިމްރާނުގެ އަރިހުގައި އިސްތިއުފާގެ ވާހަކަ ދަންނަވާއި އިސްތިއުފާ ހުށަހަޅައި ފައެވެ.

”އެއީ އެތަނުން ގެއްލިފައިވާ ބޮޑެތި ޚިޔާނާތުގެ ފައިސާ ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ޚިޔާނާތްތައް ހުއްޓުވުމަށް ވަޒީފާގެ ޒިންމާ އަދާނުކުރެވޭތީ. އަޅުގަނޑު އެވަޒީފައިގައި ހުންނަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައިކަމުން ޢިމްރާން އަރިހުގައި ދެންނެވީ. ޢިމްރާން ވިދާޅުވީ އަދި މަޑުކޮށްލުމަށް.“ ޒަކީ ވިދާޅުވިއެވެ. ”ދެން 24 ނޮވެމްބަރުގައި މިޙާދިސާ ހިނގީ. އަޅުގަނޑަށް ވައްކަން ހިންގި ޑިޕާޓުމެންޓުގެ މެނޭޖަރު ވައްކަމުގެ ތަޙުގީގު ނިމެންދެން އެކަހަރިކޮށްލަން އެއްބާރުލުން ނުދިން.“

އެމްޕީއެލްގެ އިސްމަގާމުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރައްވާ ބޭފުޅުން ތިއްބެވިކަމަށް ޗެއާމަންއަށް ގަބޫލުކުރެއްވޭތޯ ދެންނެވުމުން ޒަކީ ވިދާޅުވީ ”މި ތެލުގެ ވައްކަމުގެ ޙާދިސާއާ ގުޅިގެން އެބޭފުޅުންގެ ޢަމަލުތައް ހުރިގޮތުން މިހާރު ޔަގީންވެއްޖެ. ކުރީގެސަރުކާރުން މިތަން ހިންގިއިރުވެސް ވަރަށް ބޮޑެތި ޖަރީމާތައް ހިންގައިފާވޭ. ކުރީގެ ވާހަކަ ދައްކައި މިހާރު ކަމެއް ރަނގަޅަށް ނުކުރެވި، މުސާރަ ލިބޭތީ ގޮނޑިކޮއްކޮ ހެދިގެން ހުރުމަކީ އެއީ އަޅުގަނޑުގެ ގޮތެއްނޫން!“ ޒަކީ ވިދާޅުވިއެވެ.

ޗެއާމަން ޒަކީ ޓްވީޓްކުރެއްވި ފަހުން އެމްޕީއެލުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވަނީ އެތެރޭގެ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން މިހާރު އެ މައްސަލަ އޭސީސީ އާއި ފުލުހުންގެ އިތުރަށް އޮޑިޓަ ޖެނެރަލްއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

”ކޮރަޕްޝަންގެ މައްސަލަތަކަކީ މި ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެވެ. މިފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާ މެދު މި ކުންފުނިން ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،“ އެމްޕީއެލްގެ ބަޔާނުގައި ލިއެފައިވެއެވެ.

އެމްޕީއެލްއިން ނޫސްބަޔާން ނެރެގެންނާއި ޝާހިދު ލައިވް ޝޯތަކުގައި މަސައްކަތް ކުރައްވާފައިވަނީ އެމްޕީއެލްގެ ޗެއާމަން ޒަކީ ކުރެއްވި ޓުވީޓަކީ ދޮގެއްކަމަށް ހައްދަވާށެވެ. އެކަމަކު އެކުރައްވާ މަސައްކަތުން ހާމަވެގެންދަނީ އެމްޕީއެލްގައި ބޮޑެތި މައްސަލަތަކެއް ހުރިކަމެވެ.

އެމްޕީއެލްއަކީ ތެލުގެ ވައްކަމުގެ ސަގާފަތެއް ގެންގުޅޭ ކަމުގެ ތާރީޚެއް އޮތް ކުންފުންޏެކެވެ. ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް އަޑު އުފުލަމުން އައި ސަރުކާރުގެ ދެވަނަ އަހަރުގައި ފަޅާއެރީ އެމްޕީއެލްގެ ޚިޔާނާތްފަދަ ވައްކަމާއި ޚިޔާނާތުގެ ކިތައް މައްސަލަތައްބާވައެވެ! ކިތައް މައްސަލަ އިންސާފުވެރިކޮށް ތަހުގީގުކޮށް ފިޔަވަޅު އެޅިފައިވޭބާވައެވެ! ކިތައް ވެރިން ޒިންމާ ކުރުވިއްޖެތޯ ނުވަތަ އެކަހަރި ކޮށްލެވިއްޖެތޯ މިއީ މިއަދު ރައްޔަތުން ކުރާބޮޑު ސުވާލެވެ.

އެމްޕީއެލްގެ ޗެއާމަން ޒަކީގެ އިސްތިއުފާއަކީ ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ. އެކަމަކު ގައުމުން ކޮރަޕްޝަން ފޮހެލަން ހަމައެކަނި އެފިޔަވަޅުން ނުފުދެއެވެ. ކޮރަޕްޝަން ހިންގާ އެހެން މުއައްސިސާތަކުގެ ވެރިންވެސް ކޮރަޕްޝަނާ ދެކޮޅަށް ތެދުވެވަޑައިގަންނަވަން އެބަ ޖެހެއެވެ.

އެނގެންޖެހޭ ޙަގީގަތަކީ ވައްކަން މިކުރަނީ ދައުލަތުގެ ޚަޒާނާއިންކަމެވެ. ދައުލަތުގެ ޚަޒާނާއަކީ ރައްޔަތުމީހާގެ މުދަލެވެ.

ސަރުކާރު އައިސް ގޮސް ދައުރު ކުރާނެއެވެ. ސަރުކާރަކަށް ވާނެ ގެއްލުމެއްނެތެވެ. ސަރުކާރުގައި ހޭކިލެވުނީމާ މުއްސަދިވާން ބައެއް މީހުންނަށް ފުރުސަތުލިބެއެވެ. އަދި ފުރުސަތު ހޯދާވެސް މެއެވެ. މިއަދުގެ ސިއްރު ލިޔުމުން އެފެނުނީ އިއްޒަތްތެރި މެމްބަރު ޝަރީފާއި އިއްޒަތްތެރި މެމްބަރު އިލްހާމުގެ އިއްޒަތެވެ. މާދަމާ އެވެނި މިވެނި އިއްޒަތްތެރީންނެވެ. ވީމާ ކޮރަޕްޝަން ހިންގާ މުއައްސަސާތަކުގެ ވެރިންނާއި އެފަދަ ޢިއްޒަތްތެރި ”ވަގުން“ ވެސް މުލުންލުހެ މުއައްސަސާތަކުން ބޭރުކުރަން އެބަޖެހެއެވެ.

 

 

 

Loading

6 Responses

  1. ދެރަކަމެއް. އެމިއްލަކުންފުނިން ވައްކަން ކުރިނަމަ ޝާހިދު އެގޮތަށްވާހަކަ ދައްކާލަދައްކާލާ ހުންނެތޯ ނޫނީ ތިބުނާ ޑިޕާޓުމެންގެ ހެޑް އެކަހެރިނުކޮށް ހުންނާަނެތޯ؟ އަމިއްލައަށް ދާ އޮހޮރުވައިގެން ލިބިފައިވާ މުދަލަކަށް އެމްޕީއެލް ނުވީމަ އޭނައަށްވެސް އަދި ގިނަ މީހުނަށްވެސް މާބޮޑުކަމަކަށް ނުވަނީކަމަށް ފެނެއެވެ. އެހެނަސް #ޒީރޯޓޮލަރެންސް ދަށުން ކިރިޔާ އެކަމުގައި އުނގުޅިކަމަށް ޝައްކު ކުރެވޭ އެންމެން ތަޙުގީގު ނިމެންދެން ގެއަށް ފޮނުވާލަން ޖެހެއެވެ. އެފަދި ސަސްޕެކްޓުން ބައިތިއްބައިގެން އެމީހުން ލައްވާ ކޮން ތަޙުގީގެއް ކުރުވޭނީ؟ މިހާރު ދެން ހެކިނައްތާލުމުގެ މަސައްކަތުގައި ތެޅިފޮޅޭނީ. މެނޭޖުމަންޓުގެ ހެޑް ޝާހިދުވެސް ބޭރުކޮށްލައިގެން ތިކަމުގެ އެންމެ ފުންމިނަށް ދެވޭނީ. އެންމެކުޑަމިނުން އޭނާ ޒިންމާނަގާ ސޮރީއޭ ދެން އެފަދަ ގޮތަކަށް ވައްކަން ނުހިންގޭނޭ ބުނާނެ ނަމަވެސްދޯ. އޭގެ ބަދަލު ގަނޑުކޮށް ވައްކަން ކުރީމަވެސް އެއީ މާބޮޑުކަމަކަށްނުވެގެން މިހެންވެގެން އެހެންވެގެނޭ ވައްކަން ކުރެވުނީކިޔައިގެން އުޅުމަކީ ދެރަވަރުކަމެކެވެ.

  2. އެމީހުންްވެސް ކުރީ ވައްކަން މިވެރިންވެސް ހަމަ ވައްކަން. ދެން ދޯ، ލަދެއްވެސް ނުގަނޭ!

  3. ޒަކީ އާއި ޝާޑު ކޭކު ފަޅުއްވާ އިރު ކައިރީގައި ތިބި ބައެއް ”ބޯވަ“ ތައް ފެނުމުން ތަނަށް ހެޔޮ ބަދަލު ގެނެސް ވައްކަން ހުއްޓުވޭނެ ގޮތަކާއި މެދު ސުވާލު އުފެދޭ.

  4. ޚިޔާނާތާއި ވައްކަން އޮތީ ސަރުކާރުގެ ވަކި ހިސާބެއްގައޭ ނުބުނެވޭނެއެވެ. ކޮންމެދުވަހަކު އިވޭ އަޑަކަށް ވީމާ އަޑުއިވޭމީހުންނަށްވެސް ބީރު ކަންފަތެއް ނުދެވޭނެއެވެ. އަޅުގަނޑަކީ މަންމަނެކެވެ. އަޑެއް ނީވެއެވެ. ލޮލަށްފެނެއެވެ. އެކަމަކުވެސް މިހެންބުނެލުން ފިޔަވައި އެއްވެސް ކަމެއްނުކުރެވޭނެއެވެ.

  5. އެހެނަސް ރިޕެއަރ ކުރަން ތިލަފުށްޓަށް އެހެލާފާ އަހަރުދުވަހަށްވުރެވެސް ގިނަދުވަހު ހުރި އެއްދެއްސައް ތެޔޮއަޅާފައި ފައިސާ ދޫކުރާއިތު މެނޭޖްމަންޓް އެއްޗެއް ބޮވިފާތަ؟ ސާޑު ވަރަށް މޮޅުވާނެ ބޮޑުންއަރިހު ގޭމްޖައްސަން. މާ އެމްޑީޕީވެގެން އުޅޭނީ އެހެނަސް ކފ ބޯނީ ޕޕއެމް މީހުނާއެކު.

  6. އަސްލު މެނޭޖްމަންޓުގެ ހެޑް އުފުރާލައިގެން ތިކަހަލަ ވައްކަން ހުއްޓުވޭނީ. ތި ޝާޑް އައްޑޫ އެމްޕީ އިއްލިގެ ބޯޔަށްވީމާ ރައިސްމީހާއަކަށްވެސް ނުކެރޭން ފިޔަވަޅުއަޅާކަށް، ޒަކީ ތިހެދީ ރަނގަޅަށް . އޭނާގެ ވައްކަމުގެ ކިއްލާގައި ހުރުމުގެ ބޭނުމެއްނެތް. ޒީރޯޓޮލެރެންސް އެއީ ސަރުކާރުން ކިޔާފަރިއްސެއް. ނިޔަތެއްނެތް. ތި ޝާޑްު އެސްޓީއޯގައި ހުރެގެންވެސް އެމްއެމްއެކްސްޕޯޓު މުއްސަދިކޮށްދިނީ. ހުޅުމާލޭ އަޅަންފެށީ ހޮޓާ ފުލޮޕް. 30 މިލިއަން ޑޮލަރުން ކީއްތަކުރީ. މިކަހަލަ ފޮނި ބޮޑާ ޒިންމާނުނަގާ ވެރިން ތަންތަނަށްލައިގެން ދައުލަތް ދަރަނިވެރިކޮށް އެދަރަނި ފޫބައްދަން ރައްޔަތުމީހާގެ ޖީބުކަނޑާ ޓެކްސްނެގުން ސަރުކާރުގެ ހޭބުއްދިއަކީ. ސަހަރޯހީވެއްޖެއެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް