ހޯރަފުށީ ރަށްގިރުން: ހައްލުނުވެ އޮތް މައްސަލައެއް

Loading

Facebook
Twitter
WhatsApp

ހޯރަފުށީގައި އެއާޕޯޓެއް ހަދައި ވައިގެ ދަތުރުފަތުރުން ހުޅުލެއާ ގުޅާލެވިއްޖެއެވެ. އެއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.

އާބާދީގައި 3500 އެއްހާ މީހުން ދިރިއުޅޭ ހޯރަފުއްޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ހޯރަފުށީ އުތުރުފަރާތުން މިހާރުވެސް ވަނީ ބޮޑުބައެއް ގިރާލާފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ހޯރަފުށީ ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހުމުގެ މަސައްކަތް 9 އޯގަސްޓް 2015 ގައި ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލް ކޮށްފައެވެ. މި ޕްރޮޖެކްޓަކީ 19.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިޔަ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓް ނިމިފައިވަނީ 17 ސެޕްޓެމްބަރ 2017 ގައެވެ.

އުތުރު ފަރާތުން ބޮޑު ބައެއް ގިރާލުމުގެ ސަބަބުން އުތުރު އަވަށު ގޮނޑުގެ ކުނިތައް ވަނީ މޫދާ އެކުވެގެން ގޮސް އެއަވަށުގެ މޫދު އެއްކޮން ކިލަނބުވެ ނުސާފުވެފައެވެ. ކަންމިހެން ވުމުން ކައުންސިލުން ނިންމީ ދެކުނު އަވަށުގެ ގޮނޑު ހަމައެކަނި ގޮނޑެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

ރިވެޓްމެންޓް ޖެހިނަމަވެސް ބައެއް ތަންތާ ހިލަތައް ވެއްޓި ހަލާކުވިއެވެ. އަނެއްކާވެސް ހަލާކުވި ތަންތާ ރިވެޓްމެންޓް ޖަހައި މަރާމާތު ކުރިއެވެ. މިކަން މިގޮތައް ކޮށްފައިވަނީ ވަކި ހިސާބެއްގައި ކަމުން ހިލަ ނުޖަހާ ހިސާބުތައް ގިރާލައި އުތުރު އަވަށު ގޮނޑުދޮށުގައި ހަދާފައި ހުރި ބައެއް ހަޓުތަކާއި އުނދޯލިފަދަ ތަކެތި ވަނީ ހަލާކުވެފައެވެ. މީގެ އިތުރުންވެސް ބައެއް ރުށްތައް ވެއްޓި އަނެއްބައި ގަސްތަކުގެ ދެބައިކުޅަ އެއްބައިހުރީ މިހާރު ގިރަމުން ގޮސް ހާމައަށެވެ.

ހޯރަފުށީ ފަޅުން ބައެއް ހިއްކައި ހޯރަފުށްޓާ އިންވެގެން ހޯރަފުށީ އެއާރޕޯރޓް ހެދިފަހުން މިހާރު ކުރިއަށްވުރެން ބޮޑަށް އުތުރު ފަރާތު ގޮޑުދޮށް ދަނީ ގިރަމުންނެވެ. ނަމަވެސް މިއީ ބިން ހިއްކުމުގެ ސަބަބުން ދިމާވި ކަމެއް ކަމެއްން ޔަގީނެއް ނުކުރެވެއެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމާގުޅޭ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސަމާލު ކަމަށް މިހާރު ވާނީ އެކަން ގެނެސްފައެވެ. އަދި އިތުރަށް ހިމާޔަތް ކުރުމަށް ޕްލޭންކޮށް އެކަންވެސް ވާނީ އެމިނިސްޓްރީ އަށް ފޮނުވާފައި ކަމަށް ހޯރަފުށީ ކައުންސިލް އިން މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ގިރައި، ވޮޑޭ ރަށްތަކެކެވެ. އެކަމަކު، މިފަހުން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށް އާދަޔާ ހިލާފަށް ވަނީ ގިރައިގެން ގޮސްފައެވެ. މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ހޯރަފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ދެ މަޝްރޫޢެއް ހިންގާފައެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ އެ ދެ މަޝްރޫޢުގެ މަސައްކަތްވެސް ކޮށްފައި ވަނީ އެކަށީގެންވާ ދިރާސާތަކެއް ކުރުމެއްނެތިއެވެ.

”އެހެންވެ ރިވެޓުމަންޓު ޖެހިތާ ގިނަދުވަހެއްނުކޮށް އަލުން ގިރަންފަށައިފި.“ ވަޙީދު ވިދާޅުވިއެވެ.

ހޯރަފުށީގެ އުތުރުފަރާތުގެ ގިރާފަށުގައި ތޮށިލުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ހިމަނާފައި ވިޔަސް އެ މަސައްކަތް މިއަހަރު މިހާތަނަށް ވަނީ ނުފެށިއެވެ.

”މަސައްކަތެއް ނުފެށޭ. ދެން މިބަލަނީ 2021ގައި ފެށޭނޭކަމަށް.“ ކައުންސިލްގެ ރައީސު ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް