ވައިގަދަވާނެ ކަމަށް ލަފާ ކޮށް ހަވީރުގެ ވަގުތު ތަކުގައި ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ.
ސްރިލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެ، ރާއްޖެ އަށް ވެސް އަސަރުކުރަމުން އަންނާތީ މިއަދު ހަވީރުން ފެށިގެން ކަނޑުދަތުރުތައް ނުކުރުމަށް މުސޫމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކުރައްވައިފިއެވެ.
މުސޫމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ބުރެވި ތޫފާނު ޓްރިންކޮމަލީ އާއި 240 ކައިރިއަށް ޖެހިފައިވާކަމަށެވެ. އަދި މިއަދު މެންދުރުފަހު އެ ޠޫފާނު ލަންކާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަން ފަށާފައިވާކަމަށާއި، އެގޮތުން މިހާރު މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިލާތައް ރާއްޖެ ސަރަޙައްދަށްވެސް ޖަމާވާން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް މިއަދު ދައުލަތުގެ މީޑިއާ ”ޕީއެސްއެމް“ އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.
ބުރެވި ޠޫފާނު ވައިގެ އަސަރު މިހާރު ރާއްޖެއަށް ކުރަމުން އަންނަކަމަށާއި، އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގައި މިހާރުވެސް ވައި ގަދަވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ބުރެވި ޠޫފާނު އަސަރު ރާއްޖެއަށް ހަވީރު ކުރާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިތޫފާނާ ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.