ޒިކުރާ މިސްކިތް: މައްޗަންގޮޅީ ކުނިގޮނޑު އަދި މަދިރި ހާލި

Loading

Facebook
Twitter
WhatsApp

ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ސަރުކާރުން ބަޔަކާ ޙަވާލުކޮށް 30 މިލިޔަން ރުފިޔާ އެޑްވާންސަށް ދިންކަން އެންމެންނަށް އެނގެއެވެ. އެ މިސްކިތް އިމާރާތެއް ނުކުރެވެއެވެ. މިއަދު ޒިކުރާ މިސްކިތް ވަނީ ކުނިގޮނޑަކަށްވެފައެވެ. މައްޗަންގޮޅީ ޒިކުރާ މިސްކިތް ކުނިގޮނޑަކަށްވީ، މަދިރި ހާއްޔަކަށް ބަދަލުވީ ކާކުގެ އިހުމާލުން، ކީއްވެގެން ހެއްޔެވެ؟

ޒިކުރާ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 9 ޖުލައި 2018 ގައެވެ.

އެ މަޝްރޫޢު ކުރިއަށްގެންދަން ރާވައިފައި އޮތީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. ސަރުކާރުން 30 މިލިއަން ރުފިޔާ ދިނުމުން 10 ބުރިއަށް އެސްޖޭ ކޮންސްޓްރަކްޝަނުން މިސްކިތް އަޅައިދޭގޮތަށެވެ. ބާކީ 100 މިލިއަން ރުފިޔާ ހަރަދުކުރަން ހަވާލުކުރީ އެސްޖޭ ކޮންސްޓްރެކްޓަރއެވެ. ހަތް ފަންގިފިލާ 10 އަހަރަށް ކޮންޓްރެކްޓާއަށް ލިބޭގޮތަށެވެ. ބާކީ ފަންގިފިލާތައް މިސްކިތަށާއި އިސްލާމިކް މިނިސްޓްރީގެ ބޭނުމަށެވެ.

އެންމެރަނގަޅެވެ. ކަރަޕްޝަން އެކުލެވޭގޮތަށް އެމިސްކިތް ހެދުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންނަށްދީފައި އޭރުގެ ސަރުކާރުގެ ބަޔަކު ކަޓުނެގީއެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ވިދާޅުވި ގޮތުންނަމަ އެތަން އުސޫލުން ބޭރުން އިމާރާތްކުރަން ބަޔަކަށް ދިނީއެވެ.

ކަޓުގެ މައްސަލަ އިހަށް ބާއްވާނަމެވެ. ބުނާތީ އަޑުއިވެނީ އެބިން ޙަވާލުނުކުރާތީ ނުވަތަ ބިމުގެ މައްސަލައެއް އުޅޭތީ އެ މިސްކިތް ނުހެދި ލަސްވީ ކަމަށެވެ.

ކަންބޮޑުވާންޖެހެނީ ރައްޔިތުންގެ ގިނަބަޔަކު މާތް ﷲއަށް ކުއްތަންވެ އަޅުކަންކުރަމުންދިޔަ ﷲގެ ގެކޮޅެއް ތަޅައި ސުންނާފަތިކޮށް ކުނިގޮޑަކަށާއި އެއަވަށުގެ މަދިރިހާއްޔަކަށް ބަދަލުވީ ކީއްވެ، ކާކުގެ އިހުމާލުންތޯއެވެ؟ އެމިސްކިތް އަޅައި އެތަނުގައި ނަމާދު ކުރެވޭނީ ކޮން ދުވަހަކުން ބާވައެވެ!

އެސްޖޭ ކޮންސްޓްރަކްޝަނަށް ރައީސް ޔާމީނުގެ ވެރިކަމުގައި ޒިކުރާ މިސްކިތް އަޅަން ދިނުމުން އެކަންވީ ކޮރަޕްޝަނަކަށެވެ. އެހެންވެ ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުގެ ކަމާބެހޭ ފަރާތުން އެގްރިމެންޓު ބާޠިލުކުރީއެވެ. އެއްބަސްވުމާއެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ އެއްބަސްވުން މިދިޔަ އަހަރުގެ މޭމަހު ވަނީ ބާތިލުކޮށްފައެވެ.

އެގްރިމެންޓު ބާތިލުކުރުމުން ސަރުކާރަށް ކުރިމަތިވީ މާ ބޮޑު ބިރުވެރިކަމަކާއެވެ. ކުންފުނިން ދައުވާކުރީ އެގްރިމެންޓު ބާޠިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާށެވެ. ހޯދަން އެދުނު ބަދަލު މިސްކިތް އަޅަން އެއްބަސްވި 130 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ދައުވާ ކުރީ 141 މިލިއަން ރުފިޔާ ހޯދާށެވެ. މައްސަލަ އޮތީ ކޯޓުގައެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ވާހަކަ ވަނީ ދެކެވިފައެވެ. ބަދަލު ދޭން ޖެހިއްޖެނަމަ 141 މިލިއަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަނަށް ދޭން ސަރުކާރުން ނެރޭނީ ކޮންތާކުން ހެއްޔެވެ؟

ފަނާކޮށްލާފައިވާ ޒިކުރާ މިސްކިތާއި ގޯތިތެރެ ނުބަލަހައްޓައި، ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވެރިރަށް މާލެ ގެންބިފައިވާއިރު، މަދިރި ފަނިއުފައްދަން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެއްގެ ގޮތުގައި ޒިކުރާ މިސްކިތުގެ ގޯތި ބާއްވައިފައިއެވަނީ ފަރުދީޒިންމާ ކާކު ނުނަންގަވައިގެންތޯއެވެ؟

ހަމަތެދެކެވެ. އަޖައިބުން އަންތަރީސްވާވަރުވެއެވެ. ޒިކުރާ މިސްކިތަކީ މަޖީދީމަގުން ދާއިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ތަނެކެވެ. ބަނގްލަދޭޝްގެ ވަގު ލޭބަރުން ގަންނާނެބާ! ގަންނާނެބާ! އޭ ގޮވައި، ދުވަހު ކުއްޔަށް މަނަގާށޭ ގޮވަގޮވާ އެތަނުގެ ބޭރުފުރެންދެން ތިބޭތަން ކޮންމެދުވަހަކު ލޮލުން ނުދެކޭ ބަޔަކު ނުތިބޭނެއޭ، ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި 10 ބުރިއަށް އަޅަން ކުންފުންޏަކާ ހަވާލުކުރި ޒިކުރާ މިސްކިތް، އިމާރާތް ކުރަން ދީފައި ވަނީ އުސޫލުން ބޭރުންނޭ ބުނެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެގްރިމެންޓު ބާޠިލު ކުރުމުން ސަރުކާރާއި ރައްޔިތުންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައެވެ. ސަރުކާރު ވަނީ އަމިއްލައަށް ޖެހި މަޅީގައި ބެދި، ބަނދެވި ސަލާމަތް ނުވެވިފައެވެ. ޒިކުރާ މިސްކިތުގައި ދެން ބަންގި ގޮވާނެ ފަތިހެއް އަންނާނީ ކޮން އިރަކުން ކަމެއް ސަރުކާރަކަށް، އިސްލާމިކް މިނިސްޓަރަކަށް ވިދާޅުވާކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެއް ނެތްކަމުގައިވިޔަސް ހަމަގައިމުވެސް ސިއްޙީ ފަރާތްތަކުންވެސް މިމުސީބާތުގެ ވާހަކަ ބޮޑުންގެ އަރިހުގައި ދަންނަވައިގެން ޒިކުރާ މިސްކިތުގެ މައްސަލަ ކޮޅެއްގައި ޖެހެންދެންވެސް އިންސާނުން އުޅޭ މާލޭ ސިޓީގެ މިކުނިގޮނޑު އަދި މަދިރިހާލި ސާފުކޮށް ބަލަހައްޓަން ޖެހިފައިވާކަން ޔަގީނެވެ.

 

Loading

2 Responses

  1. މިސްކިތް ތަޅާލައި އަލުން ޢިމާރާތް ނުކުރެވުނީ ޔާމީނުގެ ސަރުކާރުން އިޙުމާލުވީމަ. އެބިން ކުނިގޮނޑަކަށް ވީ މިސަރުކާރުގެ އިހުމާލުން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް