ބޮނޑު ނިގުލާ ބެހޭ ވާހަކައެއް

Loading

Facebook
Twitter
WhatsApp
Vaahaka

ބޮނޑަކީ ރާއްޖޭގައި އުޅޭ ކުޑަ ވަރެއްގެ ޖަނަވާރެކެވެ. އިހުގައި، މާލޭގެ ގޭގޭގައި ގޯއްޗާއި ގަސްގަސް ހުރިއިރު، މާލެއިން ވެސް ވަރަށް ގިނައިން ފެންނަ ޖަނަވާރެކެވެ. އެދުވަސްވަރު ގޭގޭގެ ގޯތިތެރޭ ގަސްތަކުތެރޭގައި ބޮނޑު އުޅެއެވެ. ނަރުން، ދުނި ތައްޔާރުކޮށް، ފަޅޯ އޮނުން ހޮޅު ލޮންސި ހަދައި، އޭގެ ތެރެއިން ނަރުދުނި ފޮނުވައި، ބޮނޑު ’ޝިކާރަކުރުމަކީ‘ އެ ދުވަސްވަރު، މުނިފޫހިފިލުވަން ކުދީން ކޮށްއުޅުނު ކަމެވެ. ދިވެހި ބައެއް މުހާވިރާ ބަސް، ދިވެހި މާހައުލާ ގުޅިފައިވާ މިފަދަ އާންމު އެއްޗިއްސަށް އިޝާރަތްކޮށް އުފެދިފައި ވެއެވެ. އެގޮތުން، އުފެދި، ބޭނުންކުރާ މުހާވިރާއަކާ އެމުހާވިރާއާ ގުޅޭ ވާހަކައެއް ލިޔެލަން ގަސްދުކުރަމެވެ.

އެ މުހާވިރާ ބަހަކީ ’ބޮނޑު ނިގުލަށް ކަންކަން ދިޔުމެވެ‘. ބޮނޑު ފެނިފައިވާ މީހުންނަށް ބޮނޑުގެ ނިގޫ އޮންނަ ގޮތް އެނގޭނެއެވެ. ބޮނޑުގެ ނިގޫ އޮންނަނީ އޭގެ ބުޑު، އާދެ، ނިގުލުގެ ހަށިގަނޑާ ގުޅިފައިވާ ކޮޅު، ފަލަކޮށް، އޭގެ ނިމޭކޮޅު ވަރަށް ހިމަކޮށެވެ. ކަމެއް ފޯރިއާއެކު ފަށައި، އެކަމުގެ މަގުސަދު ހާސިލު ނުވަނީސް، ކުޑަ ދުވަސް ކޮޅަކުން އެކަމުގެ ފޯރި ކެނޑި، މަޑު މަޑުން ގޮސް، އެކަން ހުއްޓުމަކަށް އައުމުން، އެކަންތައް ބޮނޑު ނިގުލަށް ދިޔައީއޭ ބުނެއެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން، ކޮންމެ ދުވަހަކުއޭ ބުނެވޭ ފަދަ ގޮތެއްގައި، އިވެމުންދިޔަ ވާހަކައަކީ، ހަގީގަތް ނޭނގި އޮތް މަރުތަކުގެ ހަގީގަތް ހޯދުމުގެ ވާހަކައެވެ. މަރްހޫމް އަފްރާޝީމާއި މަރުހޫމު ރިޟުވާނާއި މަރުހޫމު ޔާމީނުގެ މަރު ފަދަ މަރުތަކުގެ ތަހުގީތައް ކުރުމުގެ ވާހަކައެވެ. އެއިރު އޮތް، އެކަމާ ބެހޭ ފަރާތްތަކަށް އެކަންތައް ނުކުރެވޭ ވާހަކައެވެ. ނުވަތަ ކުރަން ބޭނުން ނުވާ ވާހަކައެވެ. އަދި، މިފަދަ ވާހަކަތައް ދައްކާ މީހުންގެ އަތް މައްޗަށް ވެރިކަމުގެ ބާރު ފުރޮޅިގެން އަތުވެއްޖެ ނަމަ، ދާދި ކުރު މުއްދަތެއްގެ ތެރޭގައި މިކަން ތަހުގީގުކޮށް، މިކަމުގެ ހަގީގަތް ހޯދައި، އެ ގަތުލުތަކުގެ ޖަރީމާތައް ހިންގި މީހުންގެ ޝަރީއަތްކޮށް، އެމީހުންނަށް  ހައްގު އަދަބު ދެވޭނޭ ވާހަކަ ވެސް، ކޮންމެ ދުވަހަކުހެން، އިވެމުން ދިޔައެވެ.

ދެން، މީގެ އަހަރެއްހާ ދުވަސް ކުރިން، އެ ވާހަކަތައް ދެއްކި މީހުން އެދުނު ގޮތަށް އެމީހުންގެ އަތް މައްޗަށް ވެރިކަމުގެ ބާރުއައެވެ. އަދި، މިދެންނެވި މަރުތަކުގެ ހަގީގަތް ހޯދުމުގެ އަމަލީ މަސައްކަތް ފެށުނެވެ. އެކަން ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އުފެދި، އެ ތަހުގީގުތައް ކުރިއަށް ގެންދެވުނެވެ. ވަރަށް ވެސް ރަނގަޅުކަމެކެވެ. ނަމަވެސް، އެ ތަހުގީގުތައް ނިމި، ރިޕޯޓު ނެރެވި ދިޔަ އިރުވެސް، އެކަމުގެ ޝަރީއަތްކޮށް، އެ ޖަރީމާތައް ހިންގި މީހުންނަށް ހައްގު އަދަބު ލިބޭތަން ފެނިގެން  ނުދެއެވެ. ކަރުދާހެއްގައި ލިޔެވި ދިޔަ އެއްޗަކުން ހުރިހާ ކަމެއް ނިމުނީ ކަހަލައެވެ. ދެން، މިހާރު، މިކަމުގެ ވާހަކަ މެދުކެނޑިފައި އޮތުމަށް ފަހު، އެންމެ ފަހުން އިވުނީ މިކަން އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަހަލަ ވާހަކައެކެވެ. މިވާހަކަ އިވުމުން، އަނެއްކާ މިކަން ވެސް، ބޮނޑު ނިގުލަށް ގޮސް ނިމުނީބާވައޭ ހިތަށް އަރައެވެ.

’މިކަން ވެހޭ‘ މިނަންގަތީ މިއީ އާ ކަމަކަށް ނުވާތީއެވެ. ރާއްޖޭގައި އުފެދުނު ބައެއް އާންމު ކުންފުނިތައް ވެސް އުވި، ވީނުވީ ނޭނގި ނިމިދިޔައެވެ. ދިވެހި ދައުލަތުގެ އެއާރލައިނަކާއި ދައުލަތުގެ ބޮޑު ޝިޕން ކުންފުންޏެއް ވެސް އުވި ދިޔައެވެ. ބޮޑެތި ޚިޔާނަތުގެ މައްސަލަތައް ވެސް ފެންމަތިވެއެވެ. މީގެ ތެރެއިން ބައެއް ކަންކަމީ ’ބޮނޑު ނިގުލަށް ވުމުގެ ފުރުސަތު ވެސް ނުލިބި‘ އެއްގޮތަކަށް ވެސް އެކަންކަމާ މެދު ތަހުގީގެއް ނުކުރެވުނު ކަންކަމެވެ. އަނެއްބައި ކަންކަމީ ކޮންމެ ވެސް ވަރަކަށް، އެކަމުގެ ވާހަކަތައް ދެކެވި، ނުވަތަ، ނަމުގައި ތަހުގީގެއް ކުރެވި، ފަހުން އަޅާ ނުލެވި، ބޮނޑު ނިގުލަށްވެދިޔަ ކަންކަމެވެ. އެހެންވީމާ، ކަންކަން ބޮނޑު ނިގުލަށް ނިމި ދިޔުމަކީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކޭ ވެސް ބުނެވިދާނެ ކަންނޭނގެއެވެ. އެފަދަ މުހާވިރާ ބަހެއް އޮންނަނީ އެހެންވެތާއޭ ވެސް ހިތަށް އަރައެވެ. ދެން ހިތަށް އަރާ ސުވާލަކީ، ކަންކަން، ވަކިން ޚާއްސަކޮށް، ކުރިން ނަންގަތް ފަދަ މީހުން މެރުމުގެ މައްސަލަތަކާއި ދެންމެ އިޝާރަތްކޮށްލި ޚިޔާނަތާ ގުޅޭ މައްސަލަތައް، އެއްގޮތަކަށް ވެސް ނުބަލައި ނޫނީ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައި އެކަން ނުނިންމައި ’ބޮނޑު ނިގުލަށް‘ ދަނީ ކީއްވެ ބާވައެވެ؟ ކުރިން މިނަންގަތް ގަތުލުގެ މައްސަލަތައް ތަހުގީގުކޮށް، ހަގީގަތް ހޯދުމުގެ ވާހަކަ ދެކެވުނުއިރު، ހީވީ ހަމަ ދެންމެ ދެންމެ، އެކަމުގެ ހަގީގަތް އާންމުންނަށް ހާމަވެގެން ހިގައިދާނޭ ހެންނެވެ. އަދި، އެކަމުގައި ކުށްވެރިވާ މީހުން އެމީހުންގެ ކުށުގެ ޒިންމާ ނަންގުވާނޭކަމެވެ. އެވާހަކަތަކުން މިކަމުގެ ޔަގީންކަން ލިބި ހިތަށް ފިނިކަމެއް ލިބުނެވެ. ނަމަވެސް، އެކަމެއް ނުވެއެވެ. މިފަދަ، އެހެން ކަންކަން ވެސް ނިމޭފަދައިން، ހަމަ ބޮނޑު ނިގުލަށް ގޮސް ނިމުނީ ބާވައޭ ހިތަށް އަރައެވެ. އާދެ، ސުއާލަކީ މިހެން ވަނީ ކީއްވެ ބާވައެވެ؟

މި ސުއާލުގެ އެންމެ އެކަށީގެންވާ ޖަވާބުދޭން އެނގޭނީ ހަމަ ކަމާ ބެހޭ ފަރާތްތަކަށެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، ކަންކަމާ ބެހޭ ގޮތުން، ކޮންމެ މީހަކަށް ވެސް އެއްޗެއް ބުނުން ހުޅުވިފައި އޮންނަ ދުވަސް ވަރެއްގައި، ޚިޔާލާތުތަކުގެ ފުން ވަޅުގެ ތެރެއަށް އަޅުނގަޑުގެ ދާނިވެސް ބާނައި، ފެން ފޮދެއް ނަގައި، އޭގެ ކުލަ ބަލާލުން އެންމެ ރަނގަޅު ކަމެއް ކަމަށް ދެކި، އެއްޗެއް ބުނަމެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ގަސްދުކުރާއިރު، އަނެއްކާ ވެސް ހަނދާނަށް އަންނަނީ ވާހަކައެކެވެ. މަޝްހޫރު ޖުހާގެ ވާހަކައެކެވެ.  އަޅުގަނޑު ދެކޭ ގޮތުގައި، ކަންކަން ފެށުމަށް ފަހު، ބޮނޑު ނިގުލަށްވެ، އެކަންކަން ހުއްޓިދަނީ ކީއްވެގެންކަން، މިވާހަކައިން ސާފުވެއެވެ. އެހެންވެ، ޖުހާގެ މިވާހަކަ ލިޔެލާނަމެވެ.

އެއްދުވަހަކު، ޖުހާއަށް އިވުނީ ފަނޑިޔާރުގޭގެ ހުސްވެފައިވާ އިސް ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރަކު އިސްކުރައްވަން ވެގެން، ރަސްގެފާނު މީހަކު ހޯއްދަވަން މަސައްކަތް ކުރައްވާ އަޑެވެ. އަދި މިކަމަށް އިސްކުރައްވާނީ ކަމަށް އެކަށީގެންވާ ގާބިލު މީހެއްކަމާއި އަދި ވަރަށް ވެސް ހިތްތިރި މީހެއްކަން ވެސް ރަސްގެފާނު ވިދާޅުވިއެވެ. ރަސްގެފާނުގެ ރާއްޖޭގައި ކަމަށް ގާބިލު މީހުން ވަރަށް ވެސް ގިނައެވެ. ރަސްގެފާނާއި ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލަކާއި ނުވަތަ ރަސްގެފާނުގެ އަރިސް ބޭކަލެއްގެ އަރިސް ބޭކަލަކަށް ވުމުން، ކަންކަމުގެ ހުނަރާއި ކުޅަދާނަކަމާއި އެކަށޭނަކަން، ރަސްގެފާނުގެ ރާއްޖޭގެ މީހުންނަށް، ލިބޭތީއެވެ. ނަމަވެސް، މިފަދަ ގާބިލު މީހުން ހޯދަން ފަސޭހަވީ ކަމުގައި ވިޔަސް، ރަސްގެފާނުގެ ރާއްޖޭގައި ހިތްތިރި މީހުން ވަރަށް ވެސް މަދެވެ. އެހެންވެ، މިފަދަ މީހަކު ހޯދުންވީ ނުލާހިކު އުނދަގޫ ކަމަކަށެވެ. ކޮންމެއަކަސް މިފަދަ މީހަކު ހޯދުމުގެ ބުރަ މަސްއޫލިއްޔަތު ހަވާލުކޮށްފައި ރަށު ތެރެއަށް ކަމުވޮށިވެގެންވާ ބަޔަކު ރަސްގެފާނު ފޮނުއްވިއެވެ.

ކޮންމެވެސް ގޮތަކުން ޖުހާއަށް މިކަން އެނގިއްޖެއެވެ. ދެން، ބާވެ، ހަސްވެފައި އޮތް ގަމީހަކާއި މުންޑެން އަނދެގެން، ކޮނޑު މަތީ މަސް ދޮށްޓެއް ބާއްވައިގެން، މައި މަގުގެ އެއް ފަރާތެއްގައި ޖުހާ އިށީނދެލައިގެން އިނެވެ. އެހެން އިންދައި، ފަނޑިޔާރުކަމަށް އިސްކުރާނޭ މީހަކު ހޯދުމުގެ މަސައްކަތުގައި ނިކުމެ އުޅުއްވި ބޭކަލުންގެ ލޯފުޅުގައި ޖުހާ އަޅައިގަތެވެ. ދެން، އެބޭކަލުން ޖުހާ ގާތަށް ވަޑައިގެން، ޖުހާއަކީ ކާކުތޯ، ޖުހާއާ ސުއާލުކުރައްވައި އޮޅުންފިލުއްވިއެވެ. ޖުހާ އެބޭކަލުންނަށް ދެންނެވިއެވެ. ތިމަންނާއަކީ ގާނޫނު ކިޔަވައިގެން ހުރި މީހެކެވެ. ނަމަވެސް، ތިމަންނާއަކީ ވަރަށް އާދައިގެ ނިކަމެތި ދަރިފަސްކޮޅަކުން އައިސް ހުރި މީހެއް ވެސް މެއެވެ. ތިމަންގެ ބައްޕައާއި ކާފައިންނާއި މާފައިންނާއި ބާފާނުއިންނާއި (ބަފައި ފުށުގެ ބޮޑުބޭބެމެން) މާފާނުއިންނާއި (މައިފުށުގެ ބޮޑުބޭބެމެން)، މިއެންމެންނަކީ ވެސް ހަމަ މަސްވެރިންނެވެ. ސާފު ސީދާކޮށް، ދަންނަވާ ނަމަ، ތިމަންނައަކީ ހަތަރު ފުށް، މަސްވެރި، އާދައިގެ ނިކަމެތި މީހެކެވެ. ގާނޫނީ ގޮތުން ކިޔަވައި، މިހާރު ތިމަން މޮޅުވެފައި ހުރިކަމުގައި ވިޔަސް، ތިމަންގެ އަސްލަކީ ކޮބައިކަން ތިމަން އަބަދުވެސް ހަނދާން ކުރަން ބޭނުންވެއެވެ. އެހެންވެ، ތިމަން، ދާ ކޮންމެ ތާކަށް ވެސް، އަބަދުވެސް، ތިމަން ދަނީ ބައްޕަމެންގެ މަސް ދޮށްޓެއް ހިފައިގެންނެވެ. އަދި، ބައެއް ފަހަރު، މަގުމަތީ އެންމެންނަށް ފެންނަހެން، މިހެން، މަސްދޮށި ހިފައިގެން، އިންނަމެވެ. ތިމަންގެ އަސްލު އޮޅި، ބޮޑާވެ، ކިބުރުވެރިވެ، ބޮޑުވެ ނުގަތުން އަދައިގެންނެވެ.

ކޮންމެ އަކަސް، ޖުހާގެ ވާހަކަތައް އައްސަވައި، ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރަން މީހަކު ހޯދައްވަން ނިކުމެ އުޅުއްވި ބޭކަލުން ވަރަށް ވެސް އުފާކުރެއްވިއެވެ. އަދި، ރަސްގެފާނުގެ ދަރުބާރަށް އެނބުރި ވަޑައިގެން، ރަސްގެފާނު އަރިހުގައި ޖުހާގެ ވާހަކަ ދެންނެވިއެވެ. ދެން، ރަސްގެފާނު ވެސް އުފާކުރައްވައި، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޖުހާ އިސްކުރެއްވިއެވެ.

ދުވަސް ކޮޅެއް ފަހުން، ފަނޑިޔާރަކު ހޯއްދަވަން ނުކުމެ އުޅުއްވި ކަމުވޮށިގެންވީ ބޭކަލުންގެ ތެރެއިން ބޭކަލަކު ފަނޑިޔާރުގެއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އިއްޒަތްތެރި ޖުހާ ފަނޑިޔާރުމަނިކުފާނާ ބައްދަލުކުރެއްވިއެވެ. ފަނޑިޔާރުމަނިކުފާނު ޖުހާ އަތްޕުޅުގައި އަބަދުވެސް އޮންނަކަމަށް ވިދާޅުވި މަސް ދޮށި ފެންނަން ނެތުމުން، މަސް ދޮށި ކޮބައިތޯ އެ ބޭކަލަކު ފަނޑިޔާރުމަނިކުފާނު ޖުހާ އަރިހު ދެންނެވިއެވެ. ޖަވާބުގައި ފަނޑިޔާރުމަނިކުފާނު ޖުހާ ވިދާޅުވިއެވެ. ’ބުޅީގައި މަސްގަނެ، ބޭނުންވި މަސް މިހާރު ބޭނިއްޖެއެވެ. އެހެންވެ، ދޮށީގެ އިތުރު ބޭނުމެއް މިހާރަކު ނެތެވެ.‘

އާދެ، ކަންކަން ބޮނޑު ނިގުލަށް ނިމޭ ސަބަބަކީ، ފަނޑިޔާރުމަނިކުފާނު ޖުހާ ވިދާޅުވިފަދައިން، ބުޅީގައި މަސްގަނެ، މަސް ބޭނި ދިޔުމެވެ. ކަންކަން ކުރުމުގެ ވާހަކަ ދައްކަނީ، އެކަންކަން ކުރުން އެދިގެން، އިޚުލާސްތެރި ނިޔަތެއްގައެއް ނޫނެވެ. މުޅިން އެހެން މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައެވެ. ބޭނުންވާ މަގުސަދު ހާސިލުވުމުން، ފަނޑިޔާރުމަނިކުފާނު ޖުހާ ވިދާޅުފަދައިން، ’ދޮށީގެ ބޭނުން‘ ނެތި ދިޔައީއެވެ. ހަމަ އެފަދައިން، އެ ދެއްކި ވާހަކައެއް ދެއްކީ ވަކި ލަނޑުދަނޑިއެއް ހާސިލު ކުރުމުގެ ބޭނުމުގައެވެ. ކޮންމެހެން މައްސަލަ ހައްލުކުރާކަށް ނޫނެވެ. އެހެންވެ، ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުން، އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުން ނެތެނީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް