އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ބަދަލު ކުރަމުން އައި ހަމަލާތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ރޭ ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެފައވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާއަކީ އިންޑިއާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެއީ ޕާކިސްތާނުން ދީފައިވާ ހަމަލާއެކެވެ. އެހެންކަމުން އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ވަނީ ހަރުކަށިފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ.
ދެ ގައުމު ދެމެދުގައިވާ މައި ބޯޑަރު ކްރޮސިންގ ބަންދުކޮށް ވައިގެ ސަރަހައްދުވެސް ބަންދުކޮށް ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައްވެސް ވަނީ ކަނޑާލާފައެވެ.
އަދި މި މޭ މަހުގެ 7 ވަނަ ދުވަހު 80 އެއާރކްރާފްޓް ބޭނުންކޮށްގެން ޕާކިސްތާނުގެ ޓެރަރިސްޓުންނާއި ގުޅުންހުރިކަމަށް އިންޑިޔާއިން ބުނާ، ކޭމްޕްތަކާއި ވަސީލަތްތަކަށް ހަމަލާދީ އިންޑިއާއިން ވަނީ ހަލާކު ކޮށްލާފައެވެ. އެހެންނަމަވެސް ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާއިން ހަމަލާދީފައި ވަނީ ޕަވަރ ލައިންތަކަށާއި މިސްކިތްތަކަށް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ 31 މީހުން މަރާލާފައިވާ ކަމަށެވެ.