ޖޯ ބައިޑަން "އެސްޓަބްލިޝްމަންޓު" ކެންޑިޑޭޓަކަށް ވީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

ޓްރަމްޕަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނުއިރު، ޓްރަމްޕަކީ އަޅުގަނޑުމެން  މިކިޔާ ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓެއް ނޫނެވެ. އަދި  ސިޔާސީ ބޭފުޅެއްވެސް ނޫނެވެ. ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓަކީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ސިޔާސީ މަގާމުތަކުގެ ތަޖުރިބާ ލިބިފައިވާ، ވޯޓުލާންތިބި މީހުންނާއި ރަނގަޅަށް  މުޢާމަލާތުކޮށް ހެޔޮގޮތް ވިސްނައިދިނުމުގެ ގާބިލުކަން ހުންނަ ސިޔާސީ ބޭފުޅުންނެވެ. އެހެންނަމަވެސް، އެބޭފުޅަކު ބާރުލިބިދޭ މަގާމަކަށް ވަޑައިގެންނެވުމުން، އެބޭފުޅަކު މަސައްކަތް ކުރައްވަނީ ބޮޑެތި ކުންފުނިތަކާއި، ބޭރުގެ މިލިޓަރީ ބާރުތަކުގެ އެދުންތަކާއި އެއްގޮތަށެވެ. ނުވަތަ  އެބޭފުޅުން ބަދަލުވެގެންދަނީ، އެބޭފުޅުންގެ މައްޗަށް ބަސް ވިދާޅުވާން ތިއްބަވާ ކޮރަޕްޓް މީހުންގެ ކުޅޭކުޅޭ ބުދުތަކަށެވެ. 

ޖޯ ބައިޑަންގެ އެކުވެރިން ފަދައިން ޖޯ ބައިޑަންވެސް އުމުރުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ގިނަދުވަހު  ހަރަކާތްތެރި ވަޑައިގެންނެވީ ސިޔާސީ މައިދާނުގައެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ބައެއް މެންބަރުން ފަދައިން، މިފަދަ ސިޔާސީ ގިނަ ބޭފުޅުންނަކީވެސް ސެނެޓު ނުވަތަ ކޮންގެރެސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފަ ތިއްބެވި ބޭފުޅުންނެވެ. މިފަދަ ބޭފުޅުންނަށް ސިޔާސީ މަގާމް ލިބިވަޑައިގަތުމުން، އެ ބޭފުޅުންގެ ގިނަ ވަގުތު ހޭދަކުރައްވަނީ، އެބޭފުޅުންގެ ކެމްޕޭނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޚަރަދު ކުރި  ބޮޑެތި ކުންފުނި ތަކަށާއި އެހެން ގައުމުތަކުގެ ސަރުކާރުތަކުން ބޭނުންވާ ކަންކަން ހާސިލް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށެވެ. 

މިލިއަން މިލިއަން ޑޮަލަރުން ސިޔާސީ ބޭފުޅުންނަށް ޚަރަދު ކުރި  ބޮޑެތި ކުންފުނި ތަކަށާއި އެހެން ގައުމުތަކުގެ ސަރުކާރުތަކުގެ ނުފޫޒުތަކަށްވުރެ، ވޯޓު އަޅާމީހުންގެ ބާރުގަދަވާނެކަމަށް ހީވެފައި އޮންނަ ހީއަކީ ކުށް ހީ އެކެވެ. 

ފައިސާއަށްވުރެ އިންސާނިއްޔަތުކަމަށް އިސްކަން ދެއްވި ރިޔާސީ ކެންޑިޑޭޓު ބައިޑަން އާއި ދޭތެރޭ މީހުންގެ އުއްމީދު ވަރަށް ބޮޑޭވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނެތް އުއްމީދެކެވެ. އަލަށް އިންތިޚާބުވި ރައީސް، ބައިޑަން ސަރުކާރުގެ ތަފާތު އެޖެންސީތަކަށް މީހުން ނަންގަވަން ފެއްޓެވުމުން، އިންސާނީހައްގުތަކަށާއި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެންމެ މިސާލަކަށް ބަލާނަމަ އެމެރިކާގެ ތިމާވެށި ހިމާޔަތްކުރާ އެޖެންސީގެ އިސްވެރިއަކަށް ބައިޑަން ހޮއްވެވީ މައިކަލް މެކަބޭ އެވެ. މައިކަލް މެކަބޭއަކީ ބައިޑަންގެ ކުރީގެ މުވައްޒަފެކެވެ. އަދި  އެއީ އެމެރިކާގެ ތިމާވެށި ހިމާޔަތްކުރާ އެޖެންސީގެ  ކުރީގެ ޑެޕިއުޓީ އެޑްމިނިސްޓޭރޭޓަރެވެ. ފަހުން މިބޭފުޅާ މަސައްކަތްކުރެއްވީ ޑިއުޕޮންޓު ކިޔާ ކުންފުންޏެއްގެ ކޮމިއުނިކޭޝަން ސްޓްރަޓެޖީ ކޮންސަލްޓަންޓަކަށެވެ. މިދުވަސްވަރު މި ކެމިކަލް ކުންފުނިން މަސައްކަތް ކުރަމުންދިޔައީ އެ ކުންފުނިން ތައްޔާރުކުރާ އެންމެ ގެއްލުންބޮޑު ކެމިކަލް ކަމަށްވާ، ޕާފްލޮރޮކްޓަނޮއިކްއެސިޑް (ޕީ.އެފް.އޯ.އޭ) ނުވަތަ ސީ8 ބޭނުންކުރުމާއިބެހޭ ގަވާއިދުތައް ބަދަލު ކުރެވޭތޯއެވެ. މި ވިހަގަދަ ކެމިކަލަކީ ފެންހަރުނުލާ ފޮއްޗާއި، ލައް ނުޖެހޭ ފޮއްޗާއި، ކާތަކެތި ޕެކްކުރާ ތަކެތިން ފެށިގެން ތަތްނުލަވާ ތެލި، ތަށިފަދަ ތަކެތީގައިވެސް ބޭނުންކުރާ އެއްޗެކެވެ. މި ކެމިކަލްގެ ސަބަބުން ގިނަބަޔަކަށް ދަރިމައިވުމުގެ މައްސަލަތަކާއި، ކެންސަރު ޖެހުމާއި،  ޗިސްމޭ ހަލާކުވުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. 

މިހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައި، ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓު ކަމަށްވާ އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ބައިޑަން، ސަރުކާރުގެ މަގާމްތަކާއި ކުންފުނިތަކުގެ ވަޒީފާ، ތިމާވެއްޓާއި މީހުން ރައްކާތެރި ކުރުމަށް ޝައުގުވެރިކަމެއް ނެތް ބަޔަކަށް ދެއްވަމުން ގެންދަވަނީއެވެ. ތިމާވެށި ހިމާޔަތްކުރާ އެޖެންސީ(އީ.ޕީ.އޭ) ގެ އެންމެ މަތީމަގާމްވެސް އެ ދެއްވަނީ ތިމާވެއްޓާއި އާންމު ޞިއްހަތު ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ދެކޮޅަށް އެތައް އަހަރެއްވަންދެން މަސައްކަތްކުރެއްވި ކެމިކަލް ކުންފުންޏަކަށް އެހީތެރިވެދެއްވި ބޭފުޅަކަށެވެ. 

ޕީ.އެފް.އޯ.އޭގެ ސަބަބުން އެމެރިކާގެ ގާތްގަޑަކަށް އެންމެންގެ ލޭ ވަނީ ތަޣައްޔަރު ވެފައެވެ. އަދި މި ކެމިކަލްގެ ވިހައިގެ އަސަރު މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ކުރެއެވެ. މި ސިނާޢީ ވިހަ މާއްދާއަކީ ތިމާވެށީގައި އަދި އިންސާނާގެ ހަށިގަނޑުގައި ހުރެގެންވެސް ފަސޭހައިން ހަލާކު ނުވާ މާއްދާއެކެވެ. އެހެންވެ، މި ކެމިކަލްއަށް ވަނަމަކަށް ކިޔަނީ “ ދާއިމީ ކެމިކަލް“ އެވެ. ކަނޑުގެ އަޑީގައި އުޅޭ ދިރުންތަކުން ފެށިގެން، އެކަހެރި ރަށްރަށުގައި ދިރިއުޅޭ ދޫނިތައް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދިރޭތަކެތީގައިވެސް މި ކެމިކަލްވާކަން ސައިންސްވެރިންވަނީ ހޯދާފައެވެ. 

ޑިއުޕޮންޓުން އުފައްދާ ވިހަގަދަ ކެމިކަލްއާއިބެހޭގޮތުން އީ.ޕީ.އޭ އާއި  މެކަބޭ މުޢާމަލާތު ކުރައްވަންފެއްޓެވީ 2003 ވަނަ އަހަރުންފެށިގެންނެވެ. އެދުވަސްވަރަކީ ޕީ.އެފް.އޯ.އޭ އެކުލެވޭ 7،100 ޓަނުގެ ވިހަ ކުނި ޑިއުޕޮންޓުން ވާރޖީނިއާ އައިލޭންޑަށް އެޅުމާއި ގުޅިގެން، އެކުންފުންޏާޢި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ގޮވަމުންދިޔަ ވަގުތެކެވެ. މިކަމުގެ ސަބަބުން 100،000 އަށްވުރެ ގިނަ މީހުންގެ ބޯފެނަށް އެ ކެމިކަލްގެ އަސަރުކުރިއެވެ. އަދި މުޖުތަމަޢުގެ އެތައް ބަޔަކަށް ތަފާތުބަލިތައް ޖެހި ބަލިވިއެވެ. މި ކުންފުންޏާއި ދެކޮޅަށް ގާނޫނީގޮތުންކުރި މަސައްކަތް ދައްކުވައިދޭ ފިލްމެއް ކަމަށްވާ ”ޑާކް ވޯޓާސް“ 2019 ވަނަ އަހަރު ނެރުނެވެ. 

މަތީގައި އެވަނީ ބޮޑެތި ކުންފުނިތަކާއި ބޭރުގެ ސަރުކާރުތަކާއި ގާތް ގުޅުން އޮންނަ ފަރާތްތަކަށް ސަރުކާރުގެ މަތީ ފަންތީގެ ވަޒީފާ ދިނުމުގެ އެންމެ މިސާލެކެވެ. 

މިކަންކަމަށް ވިސްނައި ފިކުރުކޮށް، ވަކި ޕާޓީއަކަށް ނުވަތަ ރާއްޖޭގެ ސިޔާސީ ދާއިރާގެ ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވަކި ސިޔާސީ ބޭފުޅަކަށް ތާއީދު ކުރާ ދިވެހިން ވޯޓުލާއިރު ވިސްނަންވީ ރަނގަޅަށް ލޯހުޅުވައިގެން ތިބެ ވޯޓު ލުމަށެވެ. ޕާޓީއަށް ނުވަތަ ވަކި މީހަކަށް ކުރާ ތާއީދުގެ ސަބަބުން ވޯޓު ނުލުމަށެވެ. އެބޭފުޅުން ސްޓޭޖު ތަކުގައްޔާއި، ޓީވީގައި ދައްކަވާ ވާހަކަތަކާއި، ދެތިން މިނުޓަށް އެބޭފުޅުންނާއި ބައްދަލުވެ ދައްކާ ވާހަކަތަކުން ވޯޓުލާ މީހުންނަށް އިވޭނީ އެބޭފުޅުންގެ ޕްލޭންތަކުގެ %10 އެވެ. މިއީ ބޮޑަށް އެބޭފުޅުންގެ ނަން ރީތިކުރެއްވުމަށް ދައްކަވާ ވާހަކަތަކެވެ. އަނެއް%90 އަކީ ވޯޓުލާ މީހުންނަށް ނޭނގޭ ޕްލޭންތަކެވެ. 

އެއީ އެމެރިކާ ކަމުގައި ވިޔަސް، ދިވެހިރާއްޖެ ކަމުގައި ވިޔަސް، ސިޔާސީ ކުޅިގަނޑަކީ ހަމަ އެކައްޗެކެވެ. ”އެސްޓަބްލިޝްމަންޓު“ ސިޔާސީ ބޭފުޅުން ވަރަށް ގިނައެވެ. ވޯޓުލާ މީހުންނަށް ނޭނގޭ ކަމަކީ މިފަދަ ސިޔާސީ ބޭފުޅުންނަށް ޝަރުތެއްނެތި ތާއީދުކޮށް ވަފާތެރިވުމުގެ ސަބަބުން، އެބޭފުޅުންގެ ފަރާތުން ގައުމަށާއި ދަރިންގެ މުސްތަގުބަލަށް ކުރިމަތިވަމުންދާ، އަދި ކުރިމަތިވެދާނެ ނުރައްކާތަކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް