ޑިޖިޓަލައިޒްކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރައިގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ.
އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި ރައީސް އެސްޓޯނިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި 2 ވަނައަށް އޮތް ޤައުމުކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަށާޖެހޭ، މާނަހުރި، ދެމެހެއްޓިނިވި ތަރައްޤީ، ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އުމްރާނީ ތަރައްޤީގެ އިތުރުން މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް ’ގްޑް ގަވަރނަންސް’ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެހެންމެ އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާމަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުންވެސް ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ޚާއްޞަ ކަންކަން ކުރައްވަމުންގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މުޅި ’ދިވެހިރާއްޖެ 2.0 މަޝްރޫޢު ފުރިހަމަ ކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކޮށް ރާއްޖެއަށް އެންމެ ފެތޭނެގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެ ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.