ދުނިޔެ ދުށް އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އުމުރުން 60 އަހަރުގައި އޭނާގެ އުފަން ގައުމު އާޖެންޓީނާގައި ބުދަދުވަހު ހެނދުނު މަރުވެއްޖެއެވެ. އޭނާ މަރުވީ އަމިއްލަ ގޭގައި އުޅެނިކޮށް ހިތް ހުއްޓިގެންނެވެ.
މީގެ ތިން ހަފުތާއެއްހާ ދުވަސްކުރިން މަރަޑޯނާގެ ސިކުނޑީގެ ކާމިޔާބު އޮޕްރޭޝަނެއް ވަނީކޮށްފައެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ކުރި އޮޕްރޭޝަނަށްފަހު އޭނާ ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
އޭގެފަހުން އޭނާ އިސްލާހީ މަރުކަޒަކަށް ގެންގޮސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމުގެ ފަރުވާ އޭނާއަށް ދޭންފަށާފައިވެއެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ވަނީ އާދަޔާ ޚިލާފު މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެފަހަރު އާޖެންޓީނާއަށް ދުނިޔޭގެ ފުޓުބޯޅަ ތަށި ލިބުނީ މަރަޑޯނާ އެ މުބާރާތުގައި ކުޅުނު އާދަޔާ ޚިލާފު މޮޅު ކުޅުމާއި ތަމްސީލުކޮށްދިން މޮޅު ހުނަރުގެ ސަބުންކަމަށް މުޅިދުނިޔެ ގަބޫލުކުރެއެވެ.
އެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި މަރަޑޯނާ ޖެހި ދެ ލަނޑު ވެފައިވަނީ ފުޓުބޯޅައިގެ ތާރީޚުގައި ދުވަހަކުވެސް ހަނދާންނައްތާނުލެވޭނެ ދެ ލަނޑަށްވެފައެވެ. އޭގެތެރެއިން ފުރަތަމަ ލަނޑު އޭނާ ޖެހީ ފުންމައިގެން އަރައި ބޮލުންޖަހަންކަމަށް ހަދައި އަތުންނެވެ. މެޗު އޮފިޝަލުންނަށް އެކަން ރޭކާވެސް ނުލިއެވެ. އޭގެ ފަހުން އޭނާ ޖެހި މޮޅު ލަނޑު ހިމެނިފައިވަނީ ފުޓުބޯޅައިގެ ތާރީޚުގައި މިދިޔަ ގަރުނުގައި ޖެހި އެންމެ މޮޅު ލަނޑުގެ ގޮތުގައެވެ. އަމިއްލަ ހާފުތެރެއިން ލިބުނު ބޯޅަ އިނގިރޭސި ޓީމުގެ ފަސް ކުޅުންތެރިންގެ ގައިން ނައްޓާފައި ޕެނަލްޓީއޭރިއާގެތެރެއަށް ވަދެ ޖެހި ލަނޑަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚަށް ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ލަނޑެއް ނޫނެވެ.
މަރަޑޯނާ ހަތަރު ވޯލްޑްކަޕުގައި އާޖެންޓީނާއަށް ކުޅުނެވެ. އަދި ގައުމީ ޓީމަށް 91 މެޗު ކުޅެ 34 ލަނޑު ޖަހާފައިވެއެވެ.
މަރަޑޯނާ ކްލަބް ފެންވަރުގައި ބާސެލޯނާގެ އިތުރަށް އެތައް ކްލަބަކަށް ކުޅުނުކަމަށްވިޔަސް އޭނާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ އިޓަލީގެ ނަޕޯލީންނެވެ. އޭނާ ވަނީ ނަޕޯލީން ސީރީއާ ދެ ފަހަރު ހޯދި ޓީމަށާއި ޔުއެފާ ކަޕް ހޯދި ޓީމަށް ކުޅެފައެވެ..ބާސެލޯނާގައި ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އިޓަލީގައި ހޭދަކުރީ އޭނާގެ ފުޓުބޯޅައިގެ ރަންޒަމާނެވެ.
މަރަޑޯނާގެ ފުޓުބޯޅައިގެ ޕްރޮފެޝަނަލް ހަޔާތް ނިންމާލީ 1997 ގައެވެ. އޭނާއަށް ކުރިމަތިވަމުންދިޔަ ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. އެ ހުރިހާ ކަމެއް މެދުވެރިވީ މަސްތުވާ ތަކެއްޗަށް އޭނާ ދޯޅުވެ ދެވި ހިފުމުގެ ސަބަބުންނެވެ.
ފުޓުބޯޅަ ކުޅުން ހުއޓާލުމަށްފަހު މަރަޑޯނާ ވަނީ ވަރަށް ގިނަ ޓީމުތަކަށް ކޯޗުކޮށްދީފައެވެ. އެގޮތުން ދެކުނު އެފުރިކާގައި ބޭއްވި ވޯލްޑުކަޕުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ. ކޯޗެއްގެ ގޮތުން އޭނާއަށް ފާހަގަކުރެވޭފަދަ ކާމިޔާބުތަކެއް ހޯދިފައެއްނުވެއެވެ.
މަރަޑޯނާގެ ކާމިޔާބު އަދި ކުލަގަދަ ފުޓުބޯޅައިގެ ހަޔާތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ އަވައިގައިޖެހި އޭނާގެ ސިއްހަތު ހަލާކުކޮށްލެވުމެވެ.
މަރަޑޯނާ މަރުވެގެންދިޔަކަމަށްވިޔަސް އޭނާގެ ހަނދާންތައް ފުޓުބޯޅަކުޅުންތެރިންގެ ހިތުންނާއި ފުޓުބޯޅައިގެ ތާރީޚުން ފިލައިގެނެއް ނުދާނެއެވެ.
One Response
ގަދަ ބަތޮލެއް. ހަމަ އެހެންމެ ވިސްނާލަންވީ ކިތަންމެ ވަރުގަދަ ބަތޮލަކަށް ނިމުން އަންނާނޭކަމެވެ. ފުޓުބޯޅައިގެ އެންމެ ރަންމެޑެލްގެ ބަނީ މަރަޑޯނާ.