ޖާދުލުގެ ގޮނޑި

Loading

Facebook
Twitter
WhatsApp
Vaahaka

’ޖާދުލުގެ ގޮނޑި’، މިއީ އިހު ޒަމާނުގެ ފުލޯކު ވާހަކަތައް ފަދަ، އޭގައި އެއް ވެސް ހަގީގަތެއް ނެތް، ވާހަކައެކެވެ. މިވާހަކައަކީ މުނިފޫހިފިލުވުމުގެ ގޮތުން ކިޔައި އަދި ކިޔައިދެވޭ ވާހަކައެކެވެ. މިފަދަ ވާހަކަތައް އެކި ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނިފައިވެއެވެ. ’އެއިސޮޕްގެ ފޭބްލްސް’އާއި ’ކަލީލާ ވަ ދިމްނާ’އާއި އަދި އަޅުގަނޑުމެން ކިޔައި އުޅޭ ’އަލިފުލައިލާ ވާހަކަ‘ ފަދަ ވާހަކަތަކެވެ.

ބުނެވޭ ގޮތުގައި އެއިސޮޕްއަކީ މީލާދުގެ ކުރިން ހަތް ވަނަ ގަރުނުގައި ޔޫނާނުގައި އުޅުނު ވާހަކަ ކިޔައިދޭ އަޅެކެވެ. އޭނާގެ ވާހަކަތައް ދޫދޫ މަތިން ނަކަލުވަމުން އައިސް އޭނާ މަރުވިތާ ދެތިން ގަރުނު ފަހުން ތަދުވީނުކުރެވި، ލިޔެވުނުކަމަށް ބުނެވެއެވެ. ކޮންމެ އަކަސް، އެއިސޮޕްއާއި އޭނާގެ ބައެއް ވާހަކަތަކަކީ އަޅުގަނޑުމެންގެ މަޖީދީ ދުވަސްވަރު ކިޔުމުގެ ފުރުސަތު ލިބުނު ވާހަކަތަކެކެވެ. އެއިސޮޕްގެ ވާހަކަތަކުގައި އިންސާނުންނާއި އެކިއެކި ޖަނަވާރުންނާއި އަދި ޖާމިދު ތަކެތި ވާހަކައި ޝަޚުސިއްޔަތްތަކުގެ (ކެރެކްޓާރސް) ތެރޭގައި ހިމެނިފައިވެއެވެ. އަދި މި ޝަޚުސިއްޔަތްތައް މެދުވެރިކޮށް ސަލާމަތް ބުއްދި، (ކޮމަން ސެންސް) ގަބޫލުކުރާ ކޮންމެ ވެސް ތެދު ހަގީގަތެއް ހާމަކޮށްދެއެވެ. މިސާލަކަށް ހިޔަޅާއި މޭބިސްކަދުރުގެ ވާހަކައެވެ. މޭބިސްކަދުރު ވެލުގައި އެލިފައި އޮތް މޭބިސްކަދުރު ކޯންޏައް ހިޔަޅުގެ ’އަތް‘ ނުފޯރުމުން، ހިޔަޅު ބުނީ އެމޭބިސްކަދުރު ކޯނި ހުތްވާނެކަމުގައެވެ. އާދެ، އެއްޗެއް ހާސިލު ނުވުމުން، އެއީ ހަގީގަތެއް ނޫންކަމުގައި ވިޔަސް، އެއެއްޗަކީ ކަމުނުދާ އެއްޗެއްގެ ގޮތުގައި ނިންމާލެވެއެވެ.

ކަލީލާ ދިމްނާގެ އަސްލު ގުޅެނީ ހިންދުކަރައާއެވެ. އެކަރާއިގެ ޕަންޗާތަންތުރާ (ފަސް ރިސާލަތު) އޭ ކިޔުނު ފޮތާއެވެ. މިފޮތް ލިޔެވިފައިވަނީ ސެންސުކުރީތު ބަހުންނެވެ. މިފޮތުގައި އެކުލެވިގެންވަނީ ތަފާތު ޖަނަވާރުތަކުގެ ދޫ މަތިން ހުށަހަޅާލެވޭ ހިކުމަތްތެރި އިރުޝާދުތަކެކެވެ. މިފޮތް ލިޔެވުނުކަމަށް ބުނެވެނީ މީލާދުގެ 200 އެއްހާ އަހަރުކުރިންނެވެ. ނަމަވެސް، އޭގެ ކުރިން ވެސް، ދޫދޫ މަތިން ވާރުތަވަމުން އައި ވާހަކަތަކެއްގެ ގޮތުގައި، މިފޮތުގައި އެކުލެވޭ ވާހަކަތައް ކިޔެމުން އައިކަމަށް ބުނެވެއެވެ.

މީލާދީ ސަނަތުން ފަސްވަނަ ގަރުނުގެ ތެރޭގައި މިފޮތް ޕަހެލަވީ ބަހަށް ތަރުޖަމާކުރެވުނެވެ.  ޕަހެލަވީ ބަހަކީ އެވޭލާ ޒަމާނުގެ ފާރިސީ ބަހާއި މި ޒަމާނުގެ ފާރިސީ ބަހުގެ ދެމެދުގައި ހިމެނުނު މެދު-ފާރިސީ ބަހޭ ކިޔޭ ބަހެވެ. އާދެ، މިޒަމާނުގެ ފާރިސީ ބަހުގެ ’ބައްޕަ’ކަމުގައި ހިމެނޭ ބަހެވެ. ޕެހެލެވީ ބަހަށް މިފޮތް ތަރުޖަމާކުރެވުނު އިރު، ’ބިޑުޕާއީގެ ފަލްސަފީ ވާހަކަތަކޭ‘ ކިޔައި މިފޮތް މިފަދައިން ސިފަކުރެވުނެވެ. މިފަދަ ވާހަކަތަކަށް ’ހިކުމަތުގެ އަދަބިއްޔާތޭ‘ ވެސް ކިޔެއެވެ. މިފޮތް އަރަބި ބަހަށް ތަރުޖަމާކުރެވި، މިފޮތަށް، ޕެހެލެވީ ތަރުޖަމާގައި ދެވިފައިވާ ނަމުން ނަންދީ، ’ކަލީލާ ވަ ދިމްނާއޭ‘ ކިޔުނެވެ. ފަހުން، ފޮތުގެ ޕެހެލެވީ އަސްލު ގެއްލުމުން، އަރަބި ތަރުޖަމާވީ ފޮތުގެ ’އަސްލަކަށެވެ‘. އިބްރީ ބަހަށާއި އަދި ޔޫރަޕުގެ ވެސް ވަރަށް ގިނަ ބަސްބަހަށް ބިޑްޕާއީގެ ހިކްމަތީ ވާކަތައް ތަރުޖަމާވީ މި އަރަބި އަސްލުންނެވެ.

އަރަބި ބަހަށް ކަލީލާ ވަ ދިމްނާ ތަރުޖަމާކުރެއްވީ އިބްނު މުގައްފައު އޭ ކިޔުނު ލިޔުންތެރިއެކެވެ. މިފޮތް ވެގެން ދިޔައީ އަރަބި ބަހުގެ އަދަބީ ނަސްރުގެ (ޕްރޯސްގެ) ނަމޫނާ ފޮތަކަށެވެ. ރީތިކޮށް، ފަސޭހަ އިބާރަތްތަކަކުން އިބާރަތްކުރެވި، އެކުލަވާލެވިފައިވާ ފޮތަކަށެވެ. މިފޮތުގެ އަސްލުގައި ހިމެނޭ ވާހަކަތަކުގެ ތެރެއަށް، އިބްނު މުގައްފައު، އޭނާގެ ބައެއް އަމިއްލަ ވާހަކަތައް އިތުރުކުރެއްވިއެވެ. މިފޮތުން ނެގިފައިވާ ބައެއް ވާހަކަތައް ދިވެހި ބަހުން ލިޔެވުނު ’ކުޑަކުދީންގެ ބަގީޗާ‘ މިފޮތުގައި ހިމެނިފައިވެއެވެ.

’އަލްފު ލައިލަތިން ވަ ލައިލާ’، (އެއްހާސް އެއް ރޭ ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު އަލިފުލައިލާ ވާހަކަ)  ލިޔެވުނީ އިސްލާމީ ރަންޒަމާން ކަމުގައި ހިމެނޭ ދުވަސްވަރުގައެވެ. މީލާދީ ސަނަތުން އަށްވަނަ ގަރުނުން ފެށިގެންނެވެ. އެއަށްފަހު، އަލިފުލައިގެ ވާހަކަތަކުގެ ލިޔުން ދެތިން ގަރުނަކަށް ދިގު ދެމިގެން ދިޔައެވެ. ބައެއް ލަފާކުރުންތަކުގައި މީލާދީން ތޭރަވަނަ ގަރުނާ ހަމައަށް ދާންދެން މި ފޮތަށް ވާހަކަތައް އިތުރުކުރެވި ލިޔެވެމުން ދިޔައެވެ. މި ފޮތުގެ އަސްލު ގުޅެނީ އަރަބި އަދި ފާރިސީ އަދި ހިންދީ ފޯކްލޯގެ ވާހަކަތަކާއެވެ. މީގެ އިތުރުން، އިބްރީ އަދި ޔޫނާނީ ފޯކްލޯއިން ނެގިފައިވާ ވާހަކަތައް ވެސް އަލިފް ލައިލާގެ ވާހަކަތަކުގައި ހިމެނޭކަމަށް ބުނެވެއެވެ. މި ފޮތުގައި އެކުލެވިގެން ވަނީ މުނިފޫހިފިލުވައި ދިނުމުގެ ގޮތުން ކިޔައިދެވޭ ވާހަކަތަކެކެވެ. ރަސްކަލެއްގެ އަނބިކަނބަލުން ގަތުލުކުރުމުން ސަލާމަތްކުރުމަށްޓަކައި، ރަސްގެފާނު މުނިފޫހިފުޅުފިލުވައިދީ، ކޮންމެ ރެއަކު ވާހަކައެއް ކިޔައިދީ، އެވާހަކައިގެ އަނެއްބައި، ޖެހިގެން އަންނަ ރޭ އަޑުއެއެއްސެވުމަށް ޝައުގުވެރިކުރުވައި، އަނބިކަނބަލުންނަށް މުހުލަތެއް ދެއްވުމަށް އުޒުރެއް މެދުވެރިކުރުވުމުގެ ބޭނުމުގައި، އަނބިކަނބަލުންގެ އުޚުތު، ރަސްގެފާނަށް ކިޔައިދޭ ވާހަކަތަކެކެވެ. އަލިފުލައިލާ ވާހަކަވަނީ އެތައް ބަހަކަށް ތަރުޖަމާ ކުރެވިފައިވެ. އޭގެ ތެރޭގައި ދިވެހި ބަސްވެސް ހިމެނެއެވެ. އަލިފުލައިލާގެ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ބައެއް ވާހަކަތަކަކީ އަޅުގަނޑުމެން އެންމެންހެން ދަންނަ ވާހަކަތަކެކެވެ. އަލާއުއްދީނުގެ ފާނޫޒުގެ ވާހަކަ، އަލީބާބާއާއި ސާޅީސް ވަގުންގެ ވާހަކަ ފަދަ ވާހަކަތަކެވެ.

މިއަދުގެ ވާހަކައަކީ ވެސް މިކަހަލަ ވާހަކައެކެވެ. އެއީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ލިޔެވޭ ވާހަކައެއް ނޫނެވެ. ނަމަވެސް، ކުރިން ނަންގަތް ބައެއް ފޮތްފޮތުގައި ހިމެނޭ ވާހަކަތައް ފަދައިން، މި ވާހަކަ ވެސް ހާމަކޮށްދޭން ބޭނުންވަނީ، އިންސާނީ ތަބީއަތާ ގުޅޭ ސިފައެކެވެ. އެހެން ކަމުން، ބައެއް ފަހަރަށް، އެއީ މިވެނި މީހަކަށް ނުވަތަ އެވެނި މީހަކަށް އަމާޒުކޮށްގެން ލިޔެވޭ ވާހަކައެކޭ ބުނެވެނީއެވެ. ހަގީގަތަކީ އެއީ ނޫންކަމަށް ވިޔަސް ވެހެވެ. އަދި މިހިސާބުން ނިންމާލެވެނީކީ ނޫނެވެ. އެ ލިޔުނު މީހަކީ މިވެނި މީހަކަށް ތާއިދުކުރާ ނުވަތަ މިވެނި މީހަކާ އިދިކޮޅު މީހެއް ކަމުގައި ނިންމާލެވެއެވެ. ރުހޭ ލޮލަށް އައިބެއް ނުފެނެއެވެ. ހަމަ އެހެންމެ، ނުރުހޭ ލޮލަށް ހެވެއް ވެސް ނުފެނެއެވެ. ކަންކުރި މީހަކަށް ނުބަލައި، ރަނގަޅު ރަނގަޅަށްވެ، ނުރަނގަޅު ނުރަނގަޅަށްވާ ގޮތް ފެންނަ ގޮތެއް ނުވެއެވެ. ތިމާގެ ނޭފަތު ކުރިއަށް ވުރެ ދުރު ދެކެން ބޭނުން ނުވުމުގެ ސަބަބެވެ. އަމިއްލަ މަސްލަހަތު ނޫން އެހެން ކަމަކަށް ރިއާޔަތް ނުކުރުމުގެ ނަތީޖާއެވެ.

ކޮންމެއަކަސް، އަދުގެ ވާކައާއިގެން ކުރިއަށްދަމާތޯއެވެ. މިވާހަކަ ލިޔެވިފައވަނީ މީގެ ތިރީހަކަށް ސާޅީހަކަށް ކުރިން، އަރަބި ދުވަހު ނޫހެއްގައެވެ. ލިޔުނު ލިޔުންތެރިޔާގެ ނަން އަޅުގަނޑު މިހާރު ހަނދާނެއް ނެތެވެ. މިވާހަކައިގެ ކޮޕީއެއް ވެސް ގެންގުޅުނީމެވެ. ނަމަވެސް، ބައެއް ލިޔުންތަކާއި ފޮތް ފޮތް ގެއްލޭފަދައިން މިހާރު އެ ލިޔުން ވެސްވަނީ ގެއްލިފައެވެ. ނަމަވެސް އެ ވާހަކަ އަދި ހަނދާނުން ފޮހެވިގެން ނުދެއެވެ. އެވާހަކައަށް ދެވިފައިއޮތީ ’އަލްކުރްސިއްޔު އައްސިޙްރިއްޔު މި ނަމެވެ. އާދެ، ’ޖާދުވީ ގޮނޑި‘ މިނަމެވެ.

ވާހަކައިގައި ބުނެފައިވާ ގޮތުން، މި ގޮނޑިއަކީ ވަރަށް ވެސް އަޖައިބުކުރުވަނިވި ޖާދުވީ ގޮނޑިއެކެވެ. މި ގޮނޑީގައި އާދަޔާ ޚިލާފު ސިހުރުވެރިކަމެއް ހުރެއެވެ. އެ ގޮނޑީގައި އިށީންނަ މީހަކުގެ ހާލަތު ހުރިހާ ގޮތަކުން ރަނގަޅުވެ، ބަދަލުވެދެއެވެ. އެމީހަކީ އޭނާ އަތުގައި އެއްވެސް އެއްޗެއް ނެތް، ފަގީރު ނިކަމެތި މީހެއްކަމުގައިވީ ނަމަ، މިޖާދުވީ ގޮނޑީގައި އިށީނުމުން، އޭނާ ފައިސާވެރި މުދާވެރި ބޮޑު މުއްސަންޖަކަށްވެ، އިއްޒަތްތެރިއަކަށް ވެއެވެ. އެމީހަކީ ތަނެއް ދޮރެއް ނުދަންނަ ޖާހިލެއްކަމަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، އޭނާއަކީ ދުނިޔޭގައި ނެތްވަރުގެ ބޮޑު އިލްމުވެރިޔަކަށް ވެއެވެ. އެ މީހަކީ، އޭނާގެ ދުލުގައި ގޮށްޖެހި، އެއްޗެއް ރަނގަޅަށް ބުނަން ނޭނގޭ މީހަކަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، ދޫ ހިނގާ، ބަލާޣާތްތެރި ކަމާއެކު، އެއްވެސް އުނދަގުލަކާ ނުލައި، ފަސޭހައިނ އިބާރަތްތައް ފަށުވިކޮށް އަމުނާލާ، ރަށުގައި އެވަރެއް ނެތްވަރުގެ، ވާހަކަދެއްކުންތެރިޔަކަށް ވެއެވެ. އޭނާއަކީ ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތް، އެހެން މީހުން ކިޔާ ނުކިޔާ އެއްޗެއް އުނދަގުލުން ނޫނީ ފަހުމު ނުވާ ގަބު މީހެއް ކަމުގައިވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން އޭނާގެ ހާލަތު ދިމާ އިދިކޮޅަށް ބަދަލުވެގެން ދެއެވެ. ކޮންމެ ކަހަލަ ވާހަކައެއް ވިޔަސް، ދާދި ފަސޭހައިން އެވާހަކަތައް ވިސްނި އެފަދަ ވާހަކަތަކާ މެދު ގޮތް ކިޔުމުގެ ކުޅަދާނަކަން ލިބެއެވެ. ފަލްސަފީ ވާހަކަތައް ދައްކައި، އެންމެ ފަހުގެ އިލްމީ ހޯދުންތަކާ ބެހޭ ގޮތުން ގޮތްކިޔޭ މީހަކަށް ވެއެވެ. ދީނީ މައްސަލަތަކާ ބެހޭ ގޮތުން ދީނީ ބޮޑެތި އިމާމުވެރި ބޭކަލުންނެކޭ ހަމަ އެއްފަދަވެ ދެއެވެ. އިގުތިސާދި މާހިރަކަށްވެ، ކުރިއަށް އޮތް ދެތިން ގަރުނުގެ ތެރޭގައި ދުނިޔޭގެ އިގުތިސާދު އޮންނާނެ ގޮތުގެ ވާހަކަތައް ކިޔާލަދޭން އެނގެއެވެ. ސިއްހީ މައްސަލަތަކުގައި އެތައް އަހަރުތަކައް ވަންދެން ސިއްހީ މައްސަލަތައް ދިރާސާކުރައްވައި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އިލްވެރި ޑަކުޓަރުންގެ ވާހަކަތަކަށް ވުރެވެސް ޖާދުލުގެ ގޮނޑީގައި އިށީންނަވާ ބޭފުޅާގެ ވާހަކަތައް މޮޅުފުޅުވެއެވެ. ބަލިބަލި ޖެހޭނީ ކޮން ބަޔަކަށްކަމާއި އެބަލިބަލީގައި މަރުވާނީ، ނުވަތަ ޝިފާލިބި ފަސޭހަވާނީ ކޮން ބަޔެއްކަން ވެސް، ޖާދުވީ ގޮނޑީގައި އިށީނުމުގެ ފުރުސަތު ލިބޭ މީހާއަށް އެނގެއެވެ. އެމީހަކީ ސިފަ ހުތުރު މީހަކަށްވީ ނަމަ، ޖާދުވީ ގޮނޑީގައި އިށީނުމުން، އަންހެނެއް ނަމަ އޭނާ ބަދަލުވެގެންދަނީ ދުނިޔޭގެ ރީތީގެ ރާނީއަކަށެވެ. ފިރިހެނެއް ނަމަ، އެންމެހައި އަންހެނުން ހިތްކިޔާ ކަހަލަ ދުނިޔޭގައި ނެތްވަރުގެ މަލަކީ ރީތި މީހަކަށެވެ.

ޖާދުވީ މި ގޮނޑީގެ އެންމެ އަޖައިބު ކުރުވަނިވި ކަމަކީ މި ގޮނޑި ލިބެން ހުންނަ ރާއްޖެތަކުގެ އާންމު މީހުންނަށް ވެސް މިކަން އޮންނަންޖެހޭނީ މިހެންކަން ގަބޫލުކުރެވޭކަމެވެ. ޖާދުވީ ގޮނޑީގައި އިށީނުމުން ފަގީރު މީހާ މުއްސަނދިވާނޭކަމާއި ޖާހިލު މީހާ އާލިމަކަށްވާނޭކަމާއި، މައް ގަބު މީހާ، މޮޅު ވިސްނުންތޫނު މީހަކަށްވާނޭކަމާއި ނިކަމެތި މީހާ ޝަރަފުވެރިވެ އިއްޒަތްތެރިވާނޭކަމާއި ހުތުރު މީހާ ރީތި މީހަކަށްވާނޭކަމެވެ. އެހެންވެ، އާންމުންގެ ހަމަ ކޮންމެ މީހަކު ވެސް މި ގޮނޑި ބޭނުންވެ އެއަށް އިންތިހާއަށް ދަހިވެތި ވެއެވެ. ނުލިބޭ ނަމަ، އެ ގޮނޑިއާ ކޮންމެވެސް ގޮތަކުން ކައިރިވޭތޯ މަސައްކަތްކުރެވެއެވެ. ޖާދުވީ ގޮނޑީ ޖާދުލުގެ ފުކެއްވަރު ނަމަވެސް އޭނާގެ ކައިރިއަށް ލައްގާތޯއެވެ. މިއީ ޝައްކެއްނެތް ގޮތުގައި އަޖައިބުކުރުވަނިވި ގޮނޑިއެކެވެ! އަދި މި ގޮނޑިއާ ބެހޭ އެއްކަމެއް ހަނދާނުން ކައްސާލައިފިއެވެ. އެއީ މިގޮނޑީގައި އިށީނދެވިއްޖެ މީހަކަށް، މީސްތަކުންގެ މައްޗަށް އަމުރު ހިންގައި، ފިކުރީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް، މީސްތަކުން އަޅުވެތިކުރުމުގެ ކުޅަދާނަކަން ވެސް ލިބެއެވެ. އަދި، މި ގޮތުގައި އަޅުވެތިވެ ތިބެން، އާންމުން ގިނަ ބަޔަކު ރުހި ގަބޫލުވެސްވޭ މެއެވެ.

ބުނެވޭ ގޮތުގައި މިފަދަ ގޮނޑި ލިބެން ހުންނަ ރާއްޖެތަކުގައި، މި ޖާދުވީ ގޮނޑީގެ ދެވައްތަރެއްގެ ގޮނޑި ލިބެން ހުރެއެވެ. ބޮޑު ސައިޒު ގޮނޑިއާއި ކުދި ސައިޒުގެ ގޮނޑިއެވެ. މިފަދަ ކޮންމެ ރާއްޖެއަކުން ވެސް، ލިބެން ހުންނަނީ ބޮޑު ސައިޒުގެ ހަމަ އެންމެ ގޮނޑިއެކެވެ. ކުދި ސައިޒުގެ ތަންކޮޅެއް ގިނަ ގޮނޑި ލިބިދާނެއެވެ. އާދައިގެ ސައިޒުގެ ހޯލެއް ފުރޭވަރުގެ އަދަދަކަށް ޖާދުލުގެ ކުދި ސައިޒުގެ ގޮނޑި ލިބެން ހުރެދާނެއެވެ.

ޖާދުވީ މި ގޮނޑީގެ އިތުރު އެހެން އަޖައިބު ކަމެއް ވެސް އޮވެއެވެ. އޭގައި އިށީނދެވޭ މީހަކު އެ ގޮނޑިން ފައިބާ ހިތެއް ނުވެއެވެ. މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްލުމުން، އެއަށް ދެވިހިފައި ދޫކޮށްލަން އުނދަގޫވާ ފަދައިންނެވެ. ދެން، އެމީހަކަށް ޖެހެނީ އަބަދުގެ އަބަދަށް އެ ގޮނޑީގައި އިށީނދެ އިނދެވޭތޯ ބަލާށެވެ. މިކަން ހާސިލުކުރުމަށްޓަކައި، ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. ހުރިހާ ކަމެއް ވެސް ހުއްދައެވެ. މަކަރާ ހީލަތް ހެދުމެވެ. މީހުންގެ ތާއީދު ގަނެ މީހުންގެ ތިމާގެ ކަމާއި ރަހުމަތްތެރިކަން ވިއްކުމެވެ. ދީނާއި ދައުލަތް ވެސް، ޖާދުލުގެ ގޮނޑި އަތުޖެހޭނޭ ކަމަށް ވަންޏާ ވިއްކާލުން އެއީ ހަމަ އެންމެ ރަނގަޅު، ބުއްދިވެރިކަމަށް ވެދެއެވެ. ތާރީޚުގެ ސަފުހާތައް އުކާލުމުން މީގެ މިސާލުތައް ފެނެއެވެ. ޓީވީގެ ޕުރޮގުރާމުތަކުން ވެސް މީގެ މިސާލުތައް ފެނެއެވެ. މަކާރާއި ހީލަތް ހަދައި، ދީނާ ދައުލަތް ވިއްކައިގެން ވިޔަސް ޖާދުލުގެ ގޮނޑި ހޯދުމުގެ މަސައްކަތް މީހުން އެކަންކުރާތަނެވެ.

ޖާދުލުގެ ބޮޑު ގޮނޑީ ގައްޔާއި އަދި ޖާދުލުގެ ކުދި ގޮނޑިތަކުގައި އިށީނުމުގެ ފުރުސަތު ހޯދަން، އެ ފަދަ ގޮނޑިތައް ލިބެން ހުންނަ ރާއްޖެތަކުގެ މީސްތަކުން ގަދައަޅާ މަސައްކަތްކުރެއެވެ. މިކަން މިހެން ނުވާންވީ ސަބަބަބެއް ނެތޭ ބުނެވިދާނެއެވެ. ޖާދުލުގެ ގޮނޑީގައި އިށީނުމުން، ދުނިޔަވީ ހުރިހާ ހެވެއް ލިބެން އޮތްކަމަށް ވަންޏާ، އެ ފަދަ ގޮނޑިއެއްގައި އިށީންނަން ނޫޅެންވީ ކީއްވެ ހެއްޔެވެ؟ ޖާދުވީ ގޮނޑީގައި އިށީނުމުން ދުނިޔެ މަތީގައި ސުވަރުގެ ލިބޭ ކަމަށް ވަންޏާ އެ ގޮނޑި ހޯދަން މަސައްކަތް ނުކުރާނީ މޮޔައިން ނޫން ހެއްޔެވެ؟ އަދި، ޖާދުވީ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، ހިތުން ރުހުމުން، އެ ގޮނޑިން ތެދުވާނީ ކާކު ހެއްޔެވެ؟ ޖާދުވީ ގޮނޑީގައި އިށީނދެވުމުން، އެކަމުން ލިބޭ ފައިދާތަކުގެ އިތުރުން، ދެން އެ ގޮނޑި، އޭގައި އިށީންނަ މީހާގެ އަށްޑަނަ ކަމުގައި ވެސް ވެއެވެ. ދޫކޮށްލުމުން، އަށްޑަނަ ގެއްލި، ނަފްސު ދިފާއުކުރުމުގެ ބާރު ނެތި، ޖަލަށް ވަންނަން ވެސް ޖެހިދާނެތީއެވެ. އެހެންވެ، ޖާދުވީ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، އިށީންނަ މީހާ ބޭނުން ވިޔަސް، އެ ގޮނޑިން ތެދުވެވޭނޭ މަގުތައް މުޅިން ބަންދުވެގެން ދެއެވެ.

ދެން، ނިންމާލަމުން، ހަނދާން ކޮށްލަދޭން ބޭނުންވަނީ، މިވާހަކަ ފެށިއިރު ބުނި ވާހަކައެވެ. ޖާދުލުގެ ގޮނޑިއަކީ ޚިޔާލީ ވާހަކައެކެވެ. މުނިފޫހިފިލުވުމުގެ ގޮތުން ކުޑަކުދިން ކިޔާއުޅޭ ފަރިޝްތީ ވާހަކަ (ފެއަރީ ޓޭލްސް) ފަދަ، ހަގީގަތެއް ނެތް ވާހަކައެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް