ކަނޑުއަޑީގައި އަޅާފައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ ކޭބަލް-ކަޓަރ ޗައިނާއިން ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ. މިއީ ޗައިނާ ޝިޕް ސައެންޓިފިކް ރިސާރޗް ސެންޓަރގެ އުފެއްދުމެކެވެ. މި އުފެއްދުން ޑިޒައިންކުރެވިފައިވަނީ 4000 މީޓަރގެ ފުންމިނުގައި އަޅާފައި ހުންނަ އާރމާރޑް ކޭބަލްތައް ބުރިކޮށްލެވޭ ފެންވަރަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުވާސަލާތީ ގުޅުންތައް އަގުހެޔޮކޮށް އިންތިޒާމްކުރުމަށްޓަކައި ބޭނުންކުރަނީ ކަނޑުއަޑީގައި އަޅާފައި ހުރި އާރމާރޑް ކޭބަލްގެ ވަސީލަތެވެ.
ކަނޑުއަޑީގައި އަޅާފައިހުންނަ މުވާސަލާތީ ކޭބަލްތައް ހުންނަނީ ސްޓީލް ރި-އިންފޯސްޑް ކޮށްފައެވެ. މި ސަބަބަށްޓަކައި އާންމުކޮށް ބޭނުންކުރާ ކަޓިންގ ވީލުން އެ ކޭބަލްތައް ބުރި ނުކުރެވޭނެތީ ޗައިނާގެ މި އުފެއްދުމުގައި ބޭނުންކުރާނީ 6 އިންޗީގެ ޑައިމަންޑްކޯޓެޑް ވީލް ކަމަށާއި ކޭބަލް ބުރިކޮށްލުމަށްޓަކައި އެ ވީލް އެނބުރޭއިރު މިނިޓަކު 1600 ބުރު އަޅާނެ ކަމަށް ވެއެވެ.
ކޭބަލް-ކަޓަރ ބޭނުންކުރާނީ ރޮބޯޓިކް އަތަކުން ކަމަށާއި ލޮލަށްފެންނަފެނުން ސުމެއްގައި ހުންނައިރުވެސް ބުރިކޮށްލަން ބޭނުންވާހިސާބު ދެނެގަތުމަށްޓަކައި އެންމެ ކުރިއަރާފައިވާ ޕޮޒިޝަނިންގ ޓެކްނޯލޮޖީ އޭގައި ގާއިމްކުރެވިފައި ހުންނާނެކަންވެސް ބަޔާންކޮށްފައި ވެއެވެ. މި ކޭބަލް-ކަޓަރ އޮޕަރޭޓްކުރުމަށްތަކައި އިންސާނުން ބޭނުމެއް ނުވެއެވެ.
މި ކޭބަލް-ކަޓަރ ޓެސްޓްކުރުމަށްޓަކައި އެއްގަމުގައި 60 މިލިމީޓަރގެ ބޯމިން ހުރި ކޭބަލް ވަނީ ބުރިކޮށްލާފައެވެ.
ޗައިނާގެ މި އީޖާދާއި އުފެއްދުމުގެ މަގްސަދަކީ ކަނޑުއަޑިއަށް ފެތޭ އުޅަނދުފަހަރު ސަލާމަތް ކުރުމާއި އަދި ކަނޑުއަޑީގެ ތަޙްލީލުތަކުގައި ބޭނުން ކުރުމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އުފެދެމުންދާ ދެކޮޅުވެރި ކަމުގެ ނަތީޖާއެއްގެ ގޮތުން ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ކޭބަލްތަކަށްވެސް މިހާރު ރައްކާތެރިކަން އޮތް ކަމަކަށް ނުބެލެވެއެވެ. ތައިވާނުން މިހާރުވެސް ގެންދަނީ ކަނޑުއަޑީގެ މުއާސަލާތީ ކޭބަލްތަކަށް ކުރިމަތި ވެދާނެ ނުރައްކަލާ ދޭތެރޭ އިންޒާރު ދެމުންނެވެ.
އިންސާނުންނާއެކު އަދި އިންސާނުންނާނުލައި ދުނިޔޭގެ ކަނޑުތަކުގައި ހަރަކާތްތެރިވަމުންގެންދާ ސަބްމެރީންގެ އެންމެ ބޮޑު ފްލީޓް މިހާރުވެސް އޮންނަނީ ޗައިނާގައެވެ، މި އާ އީޖާދަކީ ކަނޑު އަޑީގެ ވެށީގައި ޗައިނާގެ ބާރު އަދިވެސް ގަދަކުރުމަށްޓަކައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.
ކަނޑުމަތީގައްޔާއި އަދި ކަނޑުއަޑިގެ ބޮޑުބާރަކަށްވުމަށްޓަކައި ޗައިނާއިން ގެންދަނީ ވަރަށްބޮޑަށް މަސައްކަތްކުރަމުންނެވެ. އެންމެ ފަހުން ލިބިފައިވާ ޚަބަރުތަކުގައި ޗައިނާ ސީގެ ކަނޑުއަޑީގެ 2000 މީޓަރ ފުނުގައި އެތައްދުވަހަކު އިންސާނުންނަށް ދިރިތިބެވޭނެ އިންތިޒާމް ތަކާއެކު ސްޕޭސް ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް މި ހުސްވިމަހުގެތެރޭގައި ޗައިނާއިން ވަނީ ފަށާފައެވެ.
ބްލެކްސީގެ ކަނޑުއަޑީގައި އަޅާފައިހުރި ރަޝިޔާގެ ގޭސް ޕައިޕްލައިން މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގާ ގޮތްނޭންގޭ ގޮތަކަށް ގޮއްވާލާފައި ވަނިކޮށް ޗައިނާގެ މި އުފެއްދުން ހާމަކުރެވިގެން ދިއުމުން ދުނިޔޭގެ މިލިޓްރީ އިސްފަރާތްތަކުން ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އެބަ ގެންދެއެވެ.