ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އިސްޓަންބޫލް ބައްދަލު ކުރި މެޗް 4-1ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
އޯލްޑް ޓްރެފޯޑްގައި ރޭކުޅެވުނު މިމެޗްގެ ފުރަތަމަ ގޯލް މެޗު ފެށިގެން 7 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް ބްރޫނޯ ފަރނާންޑޭޒް އެވެ. އެއަށްފަހު މާގިނައިރުތަކެއް ނުވެ މެޗްގެ 19 ވަނަ މިނިޓުގައި ވެސް އޭނާވަނީ ގޯލެއް ކާމިޔާބު ކޮށްދީ ޔުނައިޓެޑަށް ލީޑް ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުންވަނީ އަނެއްކާވެސް ލީޑް ފުޅާ ކުރިއެވެ. މިގޯލް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މާކަސް ރަޝްފޯޑެވެ. ފުރަތަމަ ހާފް ނިމުނީ 3-0 އަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
އިސްތަންބޫލް ޓީމުން ކާމިޔާބު ކުރި ހަމައެކެނި ގޯލް، މެޗްގެ 75 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޑ.ޓުރުކް އެވެ. ޔުނައިޓެޑްގެ ފަހު ގޯލް 90 މިނިޓް ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖޭމްސް އެވެ.
މިނަތީޖާއާއި އެކު ޔުނައިޓެޑް އޮތީ 9 ޕޮއިންޓާއިއެކު ގްރޫޕް އެހްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.
ޗެމްޕިއަންސް ލީގުގައި ރޭކުޅެވުނު މެޗްތަކަށް ބަލާއިރު، ޕީއެސްޖީ ވަނީ ލެއިޕްޒީގް ބަލިކޮށް 3 ޕޮއިންޓް ހޯދައިފައެވެ. ހަމައެއާއިއެކު ބާސެލޯނާއިންވެސް ވަނީ ބޮޑު ތަފާތަކުން ކުޅުނު މެޗް ކާމިޔާބު ކޮށްފައެވެ. އަދި ޖުވެންޓަސް، ޑޯޓްމަންޑް އަދި ލަޒިއޯއިން ވެސް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ.