އެއީ މީގެ ދިހަ އަހަރު ކުރިއެވެ.އަހަރުމެންގެ ފަސްއަހަރުވީ ފިރިހެން ދަރިފުޅު ވީތަނެއް ނޭގި ގެއްލުނީ އެރެއެވެ.އަހަރެންނަށް ހޭލެވުނު އިރު ގޭގެ ބޭރު ދޮރުހުރީ ހުޅުވާފައެވެ.އަދި ދަރިފުޅު ޢީން އެނދަކު ނެތެވެ.އޭރު އޭނާގެ އުމުރުން ވާނީ ފަސް އަހަރެވެ.
އަހަރުމެން ވަގުތުން ޢީން ހޯދުމުގެ މަސައްކަތް ފެށީމެވެ.ނަމަވެސް އެތައް މަހެއް ވީއުރުވެސް އެނަގެ އެއްވެސް ހަބަރެއް ނުލިބުނެވެ.އަހަރެންގެ އަންހެނުން އައިޝާ ހީވަނީ މަރުވެދާނެ ހެންނެވެ. ނުކައި ނުބޮއި އަބަދު ރޮނީއެވެ.ދަރިފުޅު ނުފެނިގެން އެކަމުގެ ހިތާމައިގައެވެ.ދަރިފުޅު ހޯދުމަށް އަހަރުން އޭނާގެ ފޮޓޯ ބަހާ ނޫސްތަކުގައި އިސްތިހާރުޖަހާ ވަރަށް މަސައްކަތް ކުރީމެވެ.ނޫސްތަކުގައި ޖެހި ފޮޓޯގައި ޢީން ލައިގެން ހުރީ ނޫކުލައިގެ ގޮޅިޖެހި ގަމީހެކެވެ. ކަރުގައި ފަށެއް އަޅާފައިވާނެއެވެ.އަދި ފަށުގައި ރިހިން ހަދާފައިވާ ފަށުފުޅެއް ވާނެއެވެ.
އޭގެ އަހަރުތަކެއް ފަހުން އަހަރުންނަށް ދެވަނަ ފިރިހެން ދަރިއަކު ލިބުނެވެ.މިދަރިފުޅުގެ ނަމަކަށް ދިނީ އަހުމަދު އެވެ.ފަހުން ލިބުނު އަހުމަދު،ޢީން އާއި ވަރަށް ވައްތަރެވެ.ޢީންގެ ހަށިގަނޑުގައި ހުރި ކަޅުތިލަތަކާއި އެންވެސް އުފެދުމުގަ ހުރި އެފަދަ ސިފަތައްވެސް ހަމަ އެގޮތަށް އަހުމަދު ގެ ގައިގައި ހުއްޓެވެ. ޢީންގެ ކުޅޭ އެއްޗެތިން އަހުމަދު ކުޅޭއިރު ހީވަނީ އަމިއްލަ ކުޅޭ އެއްޗެހިން ކުޅޭ ހެންނެވެ.އެހާވެސް އޭޗިއްސަށް ފަރިތައެވެ.
މިދަރިފުޅު ބެލެހެއްޓުމުގައި އަހަރެން ވަރަށް ފަރުވާތެރިވީމެވެ. ލޮލުގެ ކުރިމަތިން އެންމެ ހިނދު ކޮޅަކަށްވެސް ގެއްލުނަކަ ނުދެމެވެ. އެހެން ނަމަވެސް ގުދްރަތުގެ ޕްލޭން އަހަރެންނަކަށް ނޭގެއެވެ. އޭނަގެއްލޭ ދުވަސް އޮތީ ދާދި ކައިރީގައެވެ.
ކުއްލިއަކަށް އަހުމަދު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެކި ޑޮކްޓަރުންނަށް ދައްކާ ދައްކާވެސް އޭނާގެ ބަލި ރަނގަޅުވާގޮތެއް ނުވެއެވެ.އެންމެ ފަހުން ހޮސްޕިޓަލުން ގެއަށް ބަދަލު ކުރީމެވެ. ގޭގައިބާއްވައިގެން ދިވެހި ފަރުވާއިންވެސް ރަނގަޅުވޭތޯ ބެލުމަށެވެ.
މިހުރިހާ ދުވަހު އަހަރެންގެ އަންހެނުންނަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ނުކައި ނުބޮއި އުޅުމުގެ ސަބަބުން މީހާވަނީ ހިކި ކަށިގަނޑަކަށް ވެފައެވެ. އަބަދުހެން ފެންނަނީ ނަމާދު މުސައްލަ މަތީ އިންދައެވެ.ދެއަތް ނަގައިގެން ދުއާކުރާށެވެ.
އަހުމަދުގެ ހާލު ތަންކޮޅެއް ރަގަޅުވީ ދުވަހަކު އޭނަ އެދުނީ އޭނަ ގޮވައިގެން ގޭ ކައިރީގައިވާ ޕާކަށް ދިއުމަށެވެ. އަހަރެންވެސް ދެކޮޅެއް ނުހަދާ ގޮވައިގެން ދިޔައިމެވެ. ބޭރުގެ ވައި ތެރެޔަށް ނިކުމެލާ ހެދުމުންވެސް ރަނގަޅުވެދާނެ ކަމަށް ބަލާފައެވެ.
ޕާކަށް ގޮސް އަހުމަދު ބޭނުންވީ ވަކި ދިމާލަކަށް ދާށެވެ .އަދި ބައްޕައަށް އެއްޗެއް ދައްކާލަން ބޭނުން ކަމަށް ބުންނެވެ.
އަހަރެންގެ އަތުގައި ހިފައިގެން ޕާކުގެ މެދެއްހާ ހިސާބުގައި ހުރި ބެންޗެއް ކައިރިޔަށް ގޮސް އަހުމަދު ހުއްޓުނެވެ.ނަމަވެސް ބެންޗުގައި އިށީނުމުގެ ބަދަލުގައި އޭނާފެށީ ބިންމަތި ކޮންނާށެވެ. އިރުކޮޅަކުން ނޫކުލައިގެ ގޮޅިޖެހި ފޮތިކޮޅެއް ފެނިއްޖެއެވެ.އަހަރެން ފުންމައިގެންގޮސް ދަރިފުޅު ދުރަށް ލުމަށްފަހު އަމިއްލަޔަށް ކޮންނަން ފަށައިފީމެވެ. ފެނުނީ ކުޑަކުއްޖެއްގެ ކަށިގަނޑެވެ.ނަމަވެސް ކަރުގައި އަލާފައިވާ ފަށާ އަދި އޭގައިވާ ފޫ އަހަރެންނަކަށް ނޯޅުނެވެ.އެއީ ޢީންގެ ފަށާއި ފުލެވެ.
އަހަރެން ހައިރާންވެ އަންތަރީސްވެގެން ކުދަކުޑަ އަހުމަދުގެ މޫނަށް ބަލާލީމެވެ.އެވަގުތު އޭނާ ބުންޏެވެ.ތިޔައީ އަހުމަދުގެ ބޭބެއެވެ.ބޭބެ ތިޔަތަނުގައި ވަޅުލީ މަންމައެވެ.އެއްދުވަހަކު މަންމަ ބޭބެ ގޮވައިގެން ޕާކަށް އައިސް ބޭބެޔަށް އެއްޗެއްދީ ހޭނައްތާލިއެވެ.އަދި ބޭބެ ހޭނެތުމުން މަންމަ ގޭން ގެނައި އެއްޗަކުން ވަޅެއް ކޮނެ ބޭބެ ވަޅުލީއެވެ.
އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މިކަންތައް އަހުމަދަށް އިނގުނީ ކިހިނެއްބާވައެވެ. މިފެންނަނީ ފަހެ ހުވަފެނެއްބާވައެވެ. ހުވަފެނެއް ނޫންކަން އެގުނީ އަހުމަދު އަހަރެންގެ އަތުގަ ހިފާ ތަޅުވާލުމުންނެވެ. އަހުމަދު އެވަގުތު ވާހަކަ ދައްކަން ފެށިއެވެ.އެއުމުގެ ކުއްޖަކަށް ވުރެ މާ ބޮޑެތި ވާހަކަ ތަކެވެ.އޭނަ މަންމަދެކެ ވަރަށް ބިރުގަންނަ ކަމަށް ބުންޏެވެ. ބޭބެޔަށް ހެދި ގޮތަށް އޭނަޔަށްވެސް ހަދާފާނެތީ ކަމަށް ބުންޏެވެ. އޭނާ ބަލިވީވެސް މަންމަ ކުރިކަންތަކުގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އޭނަ ދާދި އަވަހަށް މަރުވާނެކަން އިނގޭކަމަށްވެސް ބުންޏެވެ.
އެވަގުތު ދުނިޔެ ވަރަށް ބާރަށް އެނބުރެން ފެށިހެން އަހަރެންނަށް ހީވިއެވެ. ހިތުގައި އެއްހާސް ސުވާލު އެއްފަހަރާ އުފެދުނެވެ. އެއްދަރި މަރާފަ ދެވަނަ ދަރި ދުނިޔޭގަ ބެހެއްޓިދާނެ ކަމަށް އައިސާ ހީކުރީ ހެއްޔެވެ.މިކުޑަކުޑަ ކުދިންގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އޭނަ މުސައްލަމަތީގައި އިންނަ ސަބަބު މިހާރު މަށަށް ވިސްނިއްޖެއެވެ.އަމިއްލަ ދަރި މެރުމަށްފަހު ތައުބާވުމަށެވެ. ކުޑަކުދިންނަކީ ސުވަރުގޭގެ ދޫނިތަކެއްފަދަ ބައެއް ކަމަށް ބުނާތީ އިވެއެވެ. އަމިއްލަޔަށް ދިފާއުވާންވެސް ނޭގޭ އެވަރު ކުޑަކުޑަ މައުސޫމް ކުއްޖަކު މަރާފަ ވެވޭނީ ކޮން ތައުބާއެއް ކަމެއް މަސަކަށް ނޭގެއެވެ.
އަހަރެންނަށް އިނގޭ އެއްޗަކީ ﷲގެ އިންޞާފް،އަހަރުމެން އިންސާނުންގެ ވިސްނުމަށްވުރެމާ ފުރިހަމަ ވާނެކަމެވެ.
އަހުމަދު މަރުވީ އޭގެ ބަރާބަރު އެއްހަފްތާ ފަހުންނެވެ.