މަންމައަކީ މަންމައެވެ.

Loading

Facebook
Twitter
WhatsApp

އަހަރެން އޮފީހަށްދާން ފެށިތާ ކުރީކޮޅު އެއްރެޔަކު އަހަރެންގެ މަންމަ ގާތުގައި ބުނީމެވެ. އަހަރެންގެ ސޯނާގަޑީގެ ބެޓެރީ ވަނީ ދަށް ވެފައެވެ.މާދަން ހެނދުނު ހެނދުނާ އޮފީހުގައި މުހިންމު ބައްދަލް ވުމެއް އެބައޮތެވެ. އެހެންވީމަ މަންމަ އަހަރެންނަށް ހެނދުނު 6 ޖަހާއިރު ގޮވާލަދެއްޗެވެ.މަންމަ ގޮވާދޭނެ ކަމަށް ބުންޏެވެ.


އަނެއްދުވަހު އަހަރެން ނިދާފަ އޮއްވާ ފޯނު ރިންގުވާ އަޑުއިވުނެވެ.މަންމަގެ ކޯލް އެކެވެ. ގަޑި ބަލާލިއިރު 6 ޖަހަން 15 މިނިޓް ހުއްޓެވެ.އެވަގުތު މަންމަ ލޯބިން ވާހަކަ ދައްކަން ފެށިއެވެ.ދަރިފުޅާ އަވަހަށް ތެދުވާށެވެ.މިއަދު އޮތް މުހިންމު ބައްދަލް ވުމަށް ތައްޔާރުވާން ޖެހޭ ނޫން ހެއްޔެވެ؟ އަހަރެން ގާތަށް އައީ ރުޅިއެވެ. އަހަރެން ބުނީ 6 ޖަހާއިރު ގޮވާށޭ ނޫންހޭ، އަދި ފަނަރަމިނެޓް އެބަހުރި ނޫންހޭ ބުނީމެވެ.އެވަގުތުކޮޅުވެސް އަހަރެންނަށް ނިދާލެވުނީސް ނޫންހޭ ފޫހި ރާގެއްގައި އަހަރެން ބުނީމެވެ.އަހަރެން މިގޮތަށް ވާހަކަ ދެއްކުމުން މަންމަ އެއްޗެކޭ ނުބުނެއެވެ.އަހަރެން ފޯނު ބޭއްވީއެވެ.
ފިނި ދުވަހެކެވެ.އެހެން ނަމަވެސް އެނދުން ތެދުވެ އޮފީހަށް ދިއުމަށްޓަކާ ތައްޔާރުވާން ފަށައިފީމެވެ.ތައްޔާރުވެ ނިމިގެން ބޭރަށް ނިކުތް އިރު ބިންމަތީގައިވަނީ ސްނޯގެ ދޫލައެއް އަޅާފައެވެ. ހަށިގަނޑުގެ ހޫނު ހިފެހެއްޓުމަށްޓަކާ އަހަރެން ހިނގާފަ ދިޔައީ ފައިގެ އިނގިލިތައްވެސް އިތުރަށް ހަރަކާތް ކުރަމުންނެވެ. އަދި ބަސް ސްޓޮޕް އާއިހަމަޔަށް ގޮސް ހުރި ވަގުތު ކޮޅުވެސް އަހަރެން ގެންދިޔައީ ދެފައި ހަރަކާތްތެރި ކުރަމުންނެވެ.
އަހަރެން ބަލާލިއިރު ތަންކޮޅެއް ދުރުގައި މުސްކުޅިވަރެއްގެ އަންހެނަކު ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހުދުވެފައެވެ. ބެލެވޭ ގޮތުގައި އަހަރެން އަރަން މިއުޅޭ ބަހަށް އޭނާވެސް އިންތިޒާރު ކުރަނީއެވެ. ތަންކޮޅެއް ދުރުގައި ހުރި ފިރިހެނަކު ކައިރިޔަށް އައިސް ވާހަކަ ދެއްކިއެވެ.ރޭ ކަލޭ އެއްގޮތަކަށްވެސް ރަނގަޅަށް ނުނިދަމުއެވެ. އަދި އެހާއަވަހަށް އަރެންނަށް ގޮވައިގެން މިތަނަށް ތިޔަގެނައީ ދެން ކީއްކުރަންހެއްޔެވެ. ބަސްވެސް އައިކީ ނޫނެވެ.
ފަސްމިނެޓް ފަހުން އަހަރެން އަރާ ބަސް އައިސް އޭގެ މަގާމަށް މަޑުކޮށްލިއެވެ.އަހަރެން އަވަސް އަވަހަށް ބަހަށް އެރީމެވެ.އެއަށްފަހު އިރުކޮޅަކުން ބަސް ދުއްވާލައިފިއެވެ.އަހަރެން ވަރަށް ބާރަށް ބުނީމެވެ.މަޑުކޮށްބަލާށެވެ. އަދިވެސް ބަހަށް އަރަން އައިސްތިބި މުސްކުޅި ދެމީހުން އެބަތިއްބެވެ. ބަސް ދުއްވަން އިން ޒުވާން ޑްރައިވަރު ހީނލަމުން ބުންޏެވެ. އެއީ ބަހަށް އަރަން އައިސްތިބި ބައެއްނޫނެވެ.އެއީ އަހަރެންގެ މަންމައާއި ބައްޕައެވެ.މިއަދު މިއީ އަހަރެންގެ ވަޒީފާގެ ފުރަތަމަ ދުވަހެވެ.އެހެންވެ މަންމަމެން އެތިބީ އަހަރެންގެ މަސައްކަތް ބަލާލުމަށް އައިހެވެ.
އަހަރެންނަށް ހުއްޓުން އެރިއެވެ.އަދި ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.އެ ވަގުތު އަހަރެންގެ މަންމަގެ ކިބައިން މައާފަށް އެދުމަށް ގުޅާލަން ކަމަށް ހިތަށް އަރާ ފޯނު ނެގިއިރު ބައްޕަގެ ޓެކްސްޓް މެސެޖެއް ފެނުނެވެ.މަންމަދެކެ ރުޅި ނައުމަށް ނަސޭހަތް ތެރިވެފައެވެ.ދަރިފުޅަށް ގޮވަން ޖެހޭ ކަމަށް ބުނެ މަންމަ އަށް ރޭ ހަމަ ނިދި ނުލިބޭ ކަމަށް ބުނެފައިވެއެވެ.އަދި ނިދިލާފަ ހޭލެވުމާއެކު އަވަހަށް ގުޅީކަމަށް ބުނެފައި ވެއެވެ.
ތެދެކެވެ. އަހަރެންގެ މަންމަ އަށް މިފަދަ ފިނި ދުވަހެއްގައި ބޭނުންވާނީ އަރާމުކޮށް ނިދާލާށެވެ. ނަމަވެސް އެއަރާމު ދޫކޮށްލާފައި ތެދުވެ އަހަރެންގެ ކަންތައް ފުރިހަމަ ކޮށްދޭން މިއަދުވެސް އެމަންމަ މަސައްކަތް ކުރަނީއެވެ. ބަސް ސްޓޮޕްގައި ހުރި މަންމަ ފަދައިންނެވެ.
އަހަރުމެން ހިނގަން ދަސްކުރަން އުޅުނުއިރު އަތުގައި ހިފަހައްޓައިގެން ހިނގަން ދަސްކޮށް ދިނެވެ.ބައްޔެއް ވެއްޖެ ނަމަ ރޭގަނޑު ހަތަރުދަމު ހޭލާ ހުރެއެވެ.ސްކޫލަށް ދިޔަހާ ދުވަހުވެސް ދިމާވި ކޮންމެ ކަމެއްގައި އަހަރެން ހިމާޔަތް ކުރުމުގައި އިސްކޮށް ހުންނަނީ މަންމައެވެ.އަދި ބޮޑެތި މީހުންގެ ދުނިޔެޔަށް ދޫކޮށްލުމަށްފަހުވެސް އެހީތެރިވާން އަބަދުވެސް މަންމަ ހުންނާނެ ކަމުގެ ޔަގީންކަން އޮވެއެވެ.
އެހެންވީއިރު މަންމަގެ ހިތުގައި ޖައްސައިގެން ނުވާނެއެވެ.އަހަރެންނަށް އަވަހަށް ގޮވުމުގެ ފަހަތުގައިވެސް ސަބަބެއް ވާނެއެވެ.އަހަރެން ތައްޔާރުވުމަށް ވަގުތުނަގާކަން އެންމެ ރަގަޅަށް އެނގޭނީ މަންމައަށެވެ.އަނެއްކާ ހޭލާފަ އަދި އޮވެލަން ބޭނުން ކަންވެސް އެންމެ ހަންދާން ހުންނާނީ މަންމައެވެ. މަންމައަކީ މަންމައެވެ.އަހަރުމެންނަށްޓަކާ އެފަދަ ދެވަނަ އިންސާނަކު ނުހުންނާނެއެވެ.
(މިއީ ބޭރު ގައުމެއްގައި ހިނގާފައިވާ ހާދިސާއެކެވެ.)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް