ވަރަށް ރީތި ޒުވާން ފިރިހެނަކު ހަމަ އެފަދަ ރީތި އަންހެނަކާ ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށިއެވެ.
ފިރިހެން ކުއްޖާގެ ގޭގައި އޭނާގެ މުސްކުޅި ބައްޕަ އުޅެއެވެ.ނަމަވެސް ބައްޕަޔަށް ކައްކާފަ ކާންދީ ޚިދުމަތް ކުރުމަކީ އަންހެން މީހާ ކުރަން ބޭނުން ކަމަކަށް ނުވިއެވެ.އެހެން ކަމުން ބައްޕަ ހުންނާނޭ އެހެން ތަނެއް ހޯދުމަށް އޭނާގެ ފިރިމީހާގެ ކައިރީ ބުނަން ފެށިއެވެ.
މީގެ ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ.މަންމަ މަރުވުމުން އެކަނި މާއެކަނި އަހަރެން ބަލާ ބޮޑުކޮށް ކިޔަވާދީ ހެދީ ބައްޕައެވެ. ބައްޕަ އެހެން ތަނަކަށް ފޮނުވާލާނީ ކިހިނެއް ހެއްޔެވެ. މިޒުވާބެއްގެ ސަބަބުން ދެމަފިރިންގެ ދިރިއުޅުމަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުން ދެއެވެ.
މިގޮތުގައި އެއް އަހަރު ފާއިތުވެފައި ވަނިކޮށް އަންހެންމީހާ ބުންޏެވެ.އަހަރެންނަށް ދެން އިތުރަށް ކެތެއް ނުކުރެވޭނެއެވެ.ބައްޕަ އެހެން ތަނަކަށް ފޮނުވާލާށެވެ.ނޫނީ އަހަރެން ބޭނުމީ ވަރިވެގެން ދާށެވެ.
އަންހެނުން މިހެން ބުނުމުން ބައްޕަ އެހެން ތަނަކަށް ލުން ނޫން ގޮތެއް ފިރިހެން މީހާއަކަށް ނެތެވެ.އޭރު އެކައިންޏަށް ދަރިއަކުވެސް ލިބިފައިވާތީ އަންހެނުން ވަރިކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
އެރޭ ބައްޕަ ނިދާފައި އޮއްވާ ބައްޕަ ކޮޓަރިޔަށް ގޮސް އޭނަ ބުންޏެވެ.ބައްޕްގެ ހުރިހާ އަންނައުނު ބޮޑިބަނދެގެން ތާކަށް ދިއުމަށް ތައްޔާރުވާށެވެ.ބައްޕަ ދެބަހެއްވެސް ނުވެ އޮތް މަދު ހެދުންކޮޅު ބެޑްޝީޓަކަށްލާ އައްސާލިއެވެ. އަދި ބުންޏެވެ.ބައްޕަ ތައްޔާރެވެ.
ފިރިހެން މީހާ އެއްވެސް އެއްޗެކޭ ނުބުނެ ބައްޕަ ގޮވައިގެން އެޔޮށް ދަންވަރު ގެއިން ނިކުމެގެން ހިނގަން ފަށައިފިއެވެ.ބައްޕަވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން ހިނގާފަ އާދެއެވެ.
ހިނގަމުން ހިނގަމުން ގޮސް އެހިސާބު ވަލުތެރެޔަށް ވަދެ އެތައް ތަނަކަށް ހިނގުމަށްފަހު ގަސް ބުޑެއްގެ މަތީގައި ބައްޕަ ބޭންދިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަންހެނުންގެ އެދުމުގެ މަތިން ބައްޕަ އެގޭގައި ބެހެއްޓެން ނެތް ކަމަށް ބުންޏެވެ.ބައްޕަގެ އުމުރުންދެން މާގިނަ ދުހެއް ނެތް ކަމަށާ ނަމަވެސް އެދެމަފިރިންގެ ދިރިއުޅުން އަދިމި ފެށުނީ ކަމަށް ބުންޏެވެ. އަދި ކުރެވޭކަހަލަ ބައެއް މަސައްކަތް ކޮށް ދިރިއުޅުމަށް ބައްޕަ ކޮންމެވެސް އެހެން ގޮތެއް ހޯދުމަށް އެދުނެވެ.އަދި ދެން ގެޔަށް ނައުމަށް އެދުނެވެ.
ދަރިފުޅުގެ މިވާހަކަ ތައް އަޑުއެހުމަށްފަހު މުސްކުޅި ބައްޕަ އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ.އަދި އިރުގަނޑެއްވަންދެން އެހެން އިނުމަށްފަހު ބުންޏެވެ. ދަރިފުޅު ބައްޕަ ތިޔަ ގޮތަށް ޖަންގަލި ތެރެޔަށް ދޫކޮށްލާނަމަ އަދި މިހިސާބުން ދެކިލޯމީޓަރު ދުރަށް ގެންގޮސްދޭށެވެ.މިހެން ބުނުމުން ދަރިފުޅު ވަރަށް ހައިރާން ވެގެން އެހިއެވެ. އެއީ ކީއްވެގެން ހެއްޔެވެ. ޖަވާބުގައި ބައްޕަ ބުންޏެވެ. މީގެ ތިރީސް އަހަރު ކުރިން ދަރިފުޅުގެ މުސްކުޅި ކާފަ ވެސް ގެނެސް މި ޖަންގަލި ތެރެޔަށް ބައްޕަ ދޫކޮށްލީމެވެ. އެދުވަހު ދަރިފުޅުގެ ކާފަ ފަކީރަށް ޖެހުނު ހާލާއި، އުފުލަން ޖެހުނު ތަކްލީފް އަހަރެންނަށް ރަނގަޅަށް އިހުސާސް ކުރެވޭނީ ކާފަ ދޫކޮށްލި ތަނަށް އަހަރެންވެސް ދޫކޮށްލީމަ ނޫން ހެއްޔެވެ.