ހޯމް މިނިސްޓަރ ޢިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމައަށް އެޖެންޑާ ކޮށްފި

Loading

Facebook
Twitter
WhatsApp

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނާފައިވީ ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އިމްރާންގެ އިތުބާރު އޮތް ކަމަށެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެ ގަރާރުގައި 11 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރެކެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމާ ގުޅިގެން މަޖިލިހުގައި އާންމު ކޮމިޓީން ވަނީ އިމްރާންގެ މައްސަލަ އަށް ބަހުސް ކުރަން ދެ ގަޑިއިރު ކަނޑައަޅައިފައެވެ. އަދި އިމްރާނަށް ޖަވާބުދާރީވާން 30 މިނެޓް ވަނީ ކަނޑައަޅައިފައެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު އަސްލު ހިނގީ އާދައިގެ ކުޑަ ކަމެއް ކަމަށް އިމްރާން ވިދާޅުވުމުންނެވެ. އިމްރާން ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވިއެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ކެންޔާ އަންހެން މީހާގެ ގާނޫނީ ވަކީލުން ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް