ކުއްޖަކަށް އަމަލުން ދަސްކޮށްދިން ފިލާވަޅު

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި ވަރަށް ބަސްނާހާ،ހަޑިކޮށް އުޅޭ ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ.މި ކުއްޖާގެ ކަންތައްތައް ހުންނަ ގޮތުން އޭނާގެ މަންމައާއި ބައްޕަ ތިބެނީ ހަނދާނެގޮތް ހުސްވެ،ވަރުބަލިވެފައެވެ.އާންމު ގޮތެއްގައި އުޅޭ އުޅުމުގައިވެސް މޫނުމަތީގައި ޒުވާބުކުރުމާ ދޮގުހެދުމާއި އަދި ގަވާއިދަށް ހުރުމަތްތެރިކޮން ނުހިތުމަކީ ކުއްޖާގެ ކަށީގައި ހިފާފައިވާ ކަންތައް ކަހަލައެވެ.މިކަމާ ކުއްޖާގެ މަންމައާއި ބައްޕަ ނަސޭހަތްދީ އަދި އެއްޗެތިކިޔާ އަދަބުދީ ހަދައިގެންވެސް މިކުއްޖާގެ މި ނުބައި އާދަތައް ހުއްޓޭނެ ގޮތެއް ނުވިއެވެ.


ކުއްޖާގެ އުޅުން މިގޮތަށް ހުރުމުން އޭނާގެ މުސްތަގްބަލާމެދުވެސް ކަންތައް ބޮޑުވެ، ކުއްޖާގެ މައިންބަފައިން އެންމެފަހުން އޭނާ އެ ރަށުގެ ބުއްދިވެރި މުސްކުޅި ފިރިހެނެއް ކައިރީގައި ހަފްތާއެއްހާ ދުވަހު ބަހައްޓާލުމަށް ނިންމިއެވެ. މިގޮތުންވެސް ކުއްޖާއަށް ރަގަޅު ބަދަލެއް އައިސްދާނެ ކަމުގެ އުންމީދުގައެވެ.
މުސްކުޅި މީހާގެ ގެޔަށް ކުއްޖާ ދިއުމުން ވަރަށް ބޮޑަށް މަރުހަބާ ކިއުމަށްފަހު އެގޭގައި ބަހައްޓައިފިއެވެ.އަދި ބުންޏެވެ. މިގޭގައި އުޅޭއިރު ކިޔަމަންވާންޖެހޭ އެއްގަވާއިދު އޮންނާނެއެވެ. އެ ގަވާއިދަކީ އަހަރެން އެ ދުވަހަކު ދައްކާ މަސައްކަތެއް ކުރުމުން ނޫނީ ކާއެއްޗެއްވެސް ނުލިބޭނެއެވެ.ކުޅޭކަށްވެސް ނުދެވޭނެ އެވެ.އަދި މީހަކާ ވާހަކަ އެއްވެސް ނުދެއްކޭނެއެވެ. ކުއްޖާ ކުޑަކޮން ވިސްނާލުމަށްފަހު އެއްބަސްވިއެވެ.
އަނެއްދުވަހު ހެނދުނު މުސްކުޅި މީހާ ކުއްޖާގޮވައިގެން އެގޭކައިރީގައިވާ ދަނޑެއްކަހަލަ ހުސްބިމަކަށް ދިޔައެވެ.އަދި ވަކި ތަންގަނޑެއްގައި ހެދިފައި ހުރި ވިނަ ތަކެއް ދައްކާފައި ބުންޏެވެ.މިތަނުގައި މިހިރަ ވިނަތައް ނޮޅާ ސާފު ކޮށްލާށެވެ.އަދި މަސައްކަތް މުޅިން ނިންމާފަ ނޫނީ ގެއަށް ނާންނައްޗެވެ.
ކުއްޖާ މަލާމަތްކުރާ ޒާތަކަށް ބުނެލިއެވެ.ތިޔައީ ދެން އެވަރު ކަމެއް ހެއްޔެވެ.މިހެން ބުނުމަށްފަހު ދާދި އަވަހަށް ވިނަތައް ނޮޅާ ނިންމާލައިފިއެވެ.މުސްކުޅިމީހާ ބޯޖަހާލިއެވެ.އަދި އެދުވަހު އޭނަޔަށް ދޭން ކަނޑައަޅާފައިވާ އިނާމު ދިނެވެ.
އަނެއްދުވަހު މުސްކުޅިމީހާ އޭނާޔަށް ދެއްކީ ބިމަށް ގަދަޔަށް މޫފައިބާފައިވާ މާގަސްތަކެކެވެ. އެދުވަހު ގަސްތައް އެއްކޮން ނޮޅާ ނިމުނީ ތަންކޮޅެއް ގިނަ އިރުންނެވެ.ވިނަ ނޮޅުނުހާ ފަސޭހައިން ނޫންނަމަވެސް އެގަސްތައްވެސް ނޮޅާލެވިއްޖެ އެވެ.ދެވަނަ ދުވަހުގެ މަސައްކަތްވެސް ނިންމާލެވުނީތީ ކުއްޖާހުރީ ހިތް ހަމަޖެހިފައެވެ.
ތިންވަނަ ދުވަހު ދެއްކީ އިންސާނެއްގެ ކޮޑާހަމަޔަށް ހެދިފައިވާ ގަސްތަކެކެވެ.އަދި އެ ގަސްތައްވެސް އުފުރާ ނިންމާލުމަށް ބުންޏެވެ. ކުއްޖާ ދެބުމަ ގޮށްޖަހާލިއެވެ.މިއަދުގެ މަސައްކަތުގެ ބުރަކަން ހިތަށް އަރާފައެވެ.ވަރަށް ބާރުލާ ދަމައިގަތުމުން އެގަސްތައް ވެސް ލުހިއްޖެއެވެ.ވަރުބަލިވެގެން ކުއްޖާ ސުވާލު ކުރިއެވެ. މަށަށް ކުރަންޖެހޭ މަސައްކަތް ދުވަހެއް ދުވަހަކަށް ބުރަ މިވަނީ ކީއްވެގެން ހެއްޔެވެ.މުސްކުޅިމީހާ ހީނލާފައި ބުންޏެވެ.އަދި ކަލެއަށް އެނގޭނެއެވެ.
އެންމެ ފަހު ދުވަހު މުސްކުޅި މީހާގެންގޮސް ކުއްޖާ ބެހެންޓީ ބޮޑުސިންގާ ގަހެއްގެ ކައިރީގައެވެ.އަދި ބުންޏެވެ.މިއަދުގެ މަސައްކަތަކީ މި ގަސް އުފުރާލުމެވެ.
ބޮޑު ގަހާދިމާލަށް ބަލާލުމާއެކު ކުއްޖާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.އަދި ބުންޏެވެ.ތިޔައީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެވެ.ތިޔަގަސް އެޔަށްވުރެ ބޮޑެވެ.
މުސްކުލި މީހާ ބޯޖަހާލިއެވެ.އަދި ބުންޏެވެ. ކޮއްކޯ ބުނަން ހެއްޔެވެ. ކަލޭގެ ކިބައިގައި އަށަގެންފައި ތިޔަވާ ނުރަގަޅު އާދަތަކަށްވެސް ވާނީ ހަމަ އެހެންނެވެ.އެއާދަތައްވެސް ފުރަތަމަ ފެށޭއިރު،ވިނަ އުފުރަން ފަސޭހަވިގޮތަށް،ފަސޭހައިން ފިލުވާލެވޭނެއެވެ.ނަމަވެސް އަޅާނުލާ ގަހެއްހެން ހެދިބޮޑުވާން ދޫކޮށްލައިފިނަމަ، މިގަހެކޭ އެއްގޮތަށް ފިލުވާލަން ނުވަތަ އުފުރާލަން ވަރަށް އުނދަގޫ ވާނެއެވެ.
މުސްކުޅި މީހާގެ ވާހަކަ އަޑުއެހުމަށްފަހު ކުއްޖާވަރަށް ގިނައިރު ހިމޭނުން ހުއްޓެވެ.އަދި އިރުކޮޅަކުން ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނާގެ ގޯސް އާދަތަކާމެދު އޭނާގެ މަންމައާއި ބައްޕަ އެހާ ކަންތައް ބޮޑުވަނީ ކީއްވެގެންކަން ފުރަތަމަ ފަހަރަށް އޭނާޔަށް ވިސްނުނެވެ.ކުއްޖާ އެވަގުތު މުސްކުޅި މީހާކައިރީ ބުންޏެވެ. މިއަދުން ފެށިގެންވެސް ގޯސް އުޅުން ބަދަލުކުރުމަށް އަޅުގަނޑު މަސައްކަތްކުރާނަމެވެ. ރަގަޅު ކުއްޖަކަށް ވާނަމެވެ.
ކުދިންގެ ކިބައިގައި އަށަގަންނަ ނުރަގަޅު އާދަތައް،އެކަމުގެ ކުރީކޮޅު ފިލުވާލުމަށް މަސައްކަތް ނުކޮށްފިނަމަ ފަހުން އެކަމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް