އިންސާނުން މިވަގުތު ކުރަމުން އަންނަ މަސައްކަތުގެ ބޮޑުބައެއް އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމުމާއި ގުޅިގެން،ކުރިޔަށް އޮތް ތިންއަހަރުތެރޭ ހަތަރުހާސް މުވައްޒަފުން މަދުކުރަން ގަސްތުކުރާކަމަށް ސިންގަޕޫރުގެ އެންމެ ބޮޑުބޭންކް ޑީބީއެސް އިންބުނެފިއެވެ.
ނަމަވެސް މަސައްކަތުގެ ވާކްފޯސް މަދުކުރެވޭނީ މަޑުމަޑުން ކަމަށާ މިގޮތުން އުނިކުރެވޭނީ ވެސް ވަގުތީ މުވައްޒަފުންނާއި އަދި ކޮންޓްރެކްޓަށް ނަގާފައިވާ މުވައްޒަފުން ކަމަށް ޑީބީއެސްގެ ތަރުޖަމާން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މިގެނެވޭ ބަދަލުގެ ދަށުން ދާއިމީ މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާނެ ކަމަށާ،ވަޒީފާތައް އުނިކުރެވުނު ނަމަވެސް އޭއައި އާ ގުޅޭ އެއްހާސްވަޒީފާ އަލަށް އުފައްދަންވެސް ނިންމާފައިވާކަމަށް ބޭންކުގެ ޗީފް އެގްޒެކެޓިވް މައުލޫމާތު ދީފައި ވެއެވެ.
ޑީބީއެސް ގެ މިއިއުލާނާއެކު، އޭއައިގެ ސަބަބުން ވަޒީފާތަކަށް އަސަރުކުރާނެގޮތް އެންމެފުރަތަމަ ހާމަކުރި ބޮޑު އެއްބޭންކަށް ޑީބީއެސް ވަނީ ވެގެން ގޮސްފައެވެ.މިބަދަލާއެކު ސިންގަޕޫރުން އުނިކުރެވޭނީ ކިތައް ވަޒީފާކަމެއް އެފަރާތުން ހާމަ އެއްނުކުރެއެވެ.
ޑީބީއެސްގައި މިވަގުތު 8000 އާއި 9000 ދެމެދުގެ އަދަދަކަށް ވަގުތީ އަދި ކޮންޓްރެކްޓް މުވައްޒަފުން އެބަތިބި ކަމަށް ވެއެވެ.އަދި ބޭންކުގެ އެކި ބްރާންޗް ތަކުގައި މުޅިއެކު 41000މުވައްޒަފުން އެބަތިބިކަމަށް ވެއެވެ.