ލިބިފައިވާ ނިއުމަތްތަކާމެދު ކިބުރުވެރި ނުވާށެވެ!

Loading

February 24, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ވަރަށް މުއްސަނދި ބައްޕައަކު އޭނާގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން އެއްދުވަހަކު ވަރަށް އަގުބޮޑު ޝޮޕިންގ މޯލް އަކުން ބާޒާރު ކޮށްލަން ދިޔައެވެ. ބާޒާރުކޮށް ނިމިގެން ކާރަށް އަރަން ދަނިކޮށް،ކުއްޖާ އުމުރުގެ ފަގީރު ކުއްޖަކު އެމީހުންގެ ކުރިމައްޗަށް އަރާފަ ސަލާން ޖެހިއެވެ.އެކުއްޖާބުންޏެވެ.އަޅުގަނޑު އަތުގައި އެއްވެސް އަންނައުނެއް ނެތެވެ.އަޅުގަނޑަށްވެސް އެއްޗެއް ގަނެ ދެއްވާށެވެ.ބައްޕަ ފަގީރު ކުއްޖާއާއި ދިމާލަށް ބަލާލުމުން ފެނުނީ އެކުއްޖާ ލައިގެން ހުރި ގަމީހާއި ފަޓުލޫނު ވީދި ހަލާކުވެފައި ވާތަނެއެވެ. އެވަގުތު އެކުއްޖާގެ މައްޗަށް ހަމްދަރުދީ އުފެދި ބައްޕަ ސުވާލު ކުރިއެވެ. ކޮއްކޮ އުމުރުން ކިހާވަރެއް ހެއްޔެވެ.މިހެން އެހުމުން އެކުއްޖާ ދިހައަހަރުކަމަށް ބުނެ ޖަވާބު ދިނުމުން ބައްޕަ ބުންޏެވެ.އަހަރެންގެ ދަރިފުޅަށްވެސް ދިހަ އަހަރެވެ.އެހެންވީމަ ދަރިފުޅުގެ ގަމީހާ ފަޓްލޫނު ކޮއްކޮއަށް ހެޔޮވަރުވާނެކަމަށް ފެނެއެވެ.
ދެން ބައްޕަ ދަރިފުޅާދިމާލަށް ބަލާލުމަށްފަހު ބުންޏެވެ.ދެންމެ ގަތްތަނުން ބައެއްހެދުން މިކުއްޖާއަށް ދެމާހެއްޔެވެ.އަހަރުންނަށް އަލުން މާދަމާވެސް އާދެވިދާނެ ނޫން ހެއްޔެވެ.މީގެ ޖަވާބުގައި ކުއްޖާބުންޏެވެ.އަވަހަށް ދެއްވާށެވެ. އެކުއްޖާއަށް އެއްޗެއް ދެވޭތީ އަޅުގަނޑު ވަރަށް އުފާވެއެވެ. ދެން ބައްޕަ އެމީހުން ގެނައި ކޮތަޅު ތަކުން ހެދުންތަކެއް ނަގާ އެކުއްޖާޔަށް ދިނެވެ.އައު ހެދުން ތަކެއް ލިބުމުން ފަގީރު ކުއްޖާގެ މޫނު އުފަލުން ފޮޅުނެވެ.ބައްޕަ އެވަގުތު ބުންޏެވެ.ކޮއްކޮ އުޅެނީ ކޮންތަނެއްގައި ހެއްޔެވެ. މީގެ ޖަވާބުގައި ކުއްޖާ ބުންނެވެ.އަޅުގަނޑު އުޅެނީ މަގުގެ އެއްކޮޅުގައި އެވާ ބްރިޖްގެ ދަށުގައެވެ. އެހާހަމައިން އެކުއްޖާ އާއި ސަލާމް ކޮށް ހެދުމަށްފަހު މުއްސަނދި ބައްޕައާއި ދަރިފުޅު އެމީހުންގެ ކާރަށް އަރައިގެން ދުއްވާލާފަ ދާތަން ބަލަހައްޓައިގެން ފަގީރުކުއްޖާ ވަރަށް އުފަލުން ހުއްޓެވެ.


އޭގެ ތިންމަސް ފަހުން އެއްކަލަ މުއްސަނދި ބައްޕަ،އެދުވަހު ދިމާވި ފަގީރު ކުއްޖާ ހޯދުމަށްޓަކައި ކާރުގައި ބްރިޖް ކައިރިޔަށް އަޔެވެ.އަދި ފަގީރު ކުއްޖާ ފެނުމުން އޭނާ ގޮވައިގެން ކާރު ކައިރިޔަށް ގެންގޮސް ފޮށިތަކެއް ފުރެންދެން ހުރި ގަމީހާއި ފަޓްލޫނާއި ބޫޓާފައިވާނުގެ އިތުރުން އަގުބޮޑު ކުޅޭ ސާމާނު ތަކެއް އެކުއްޖާޔަށް ދިނެވެ.އަދި ބުންޏެވެ. ތިޔައީ އަހަރެންގެ ދަރިފުޅުގެ ހުރިހާ ތަކެއްޗެވެ.އެހުރިހާ ތަކެތީގެ ވެރިއަކީ މިއަދު ކޮއްކޮއެވެ.
ފަގީރު ކުއްޖާ ވަރަށް ހައިރާން ވިއެވެ.އަދި ވަގުތުން ރޯން ފެށުނެވެ.އަދި ސުވާލު ކުރިއެވެ. ބޭބެގެ ދަރިފުޅު ކޮބައި ތޯއެވެ.އޭނަޔަށް މިތަކެތި ބޭނުން ނުވަނީ ކީއްވެގެން ތޯއެވެ.މީގެ ޖަވާބުގައި ބައްޕަ ވަރަށް މޮޅިވެރިކަމާއެކު ބުންޏެވެ. އޭނާޔަށް ތިޔަތަކެތީގެ ބޭނުމެއް މިއަދަކު ނެތެވެ. އޭނާވަނީ އަހަރުމެންނާއި ވަކިވެގެން ގޮސްފައެވެ. މީގެ ދެތިން ހަފްތާކުރިން ކެންސަރުގެ ބަލީގައި އަހަރެންގެ ދަރިފުޅު ވަނީ މަރުވެފައެވެ. އޭނައެބަލީގައި އުޅޭތާ ތިންއަހަރުވެއްޖެއެވެ.
ކޮއްކޮޔަށް އެނގޭ ހެއްޔެވެ. އޭނާ މަރުވަމުން ބުންޏެވެ.އަހަރެން ދިއުމުން އަހަރެންގެ ހުރިހާ އެއްޗެތި އެދުވަހު މޯލް ކައިރިން ދިމާވި ކުއްޖާއަށް ގެންގޮސްދޭށެވެ.
ރޮވޭވަރުން ބައްޕަ ވާހަކަ މެދުކަނޑާލުމަށްފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ. ކޮއްކޮއަކީ ފަގީރެއް ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ލައްވާ، އަދި މިއަދުވެސް ދިރިހުރި ކަމީ ވަރަށްވެސް ބޮޑަށް ހެއްދެވިފަރާތަށް ޝުކުރުވެރިވާން ޖެހޭނެ ކަމެއްކަން އަބަދުވެސް ހަނދާން ކުރާށެވެ.ކޮއްކޮއަށް ލިބިފައި ތިޔަވާ ނިއުމަތްތަކީ ފައިސާޔަށް ގަނެވޭނެ ތަކެއްޗެއް ނޫނެވެ.ފައިސާޔަށް ދިރިހުރުން ގަނެވޭނެނަމަ މިއަދު ސަތޭކަ ފުރާނަވެސް އަހަރެން،އަހަރެންގެ ދަރިފުޅަށް ގަނެދިނީމުހެވެ.
ކޮއްކޮޔަށް އަހަރެންގެ ދަރިފުޅުގެ މުއްސަނދި ދިރިއުޅުން ފެނި ހިތުގައި ހަސަދަވެރިކަމެއް އުފެދުނު ކަމަށްވެސް ވެދާނެއެވެ.ނަމަވެސް އޭނާޔަށް ލިބިފައިވާ މުއްސަނދި ކަމާމެދު އޭނާ ކިބުރުވެރިއެއް ނުވެއެވެ.އެދުވަހުވެސް ވަގުތުން ކޮއްކޮއަށް ހެދުންތައް ދިނެއް ނޫން ހެއްޔެވެ.
ކޮއްކޮޔަށް ފަގީރުކަން އެއީ ކުރިމަތިވެފައިވާ ބޮޑު ދައްޗަކަށް ވެފައިވާ ފަދައިން،އޭނާޔަށްވެސް އެޔަށްވުރެ ބޮޑު ދަތިތައް ވަނީ ކުރިމަތިވެފައެވެ. އޭނާއަށް ޖެހުނު ބޮޑުބައްޔާއެކު އުފުލަންޖެހުނު ވޭން ތަކެވެ. ހަނދާން ކުރާށެވެ. ހަޔާތަކީ އެއީ އެވެ. އެކި މީހުން ނަށް ދައްކަވާނީ އެކި ކުލައެވެ. އެހެން މީހުންގެ ހަޔާތާ އަހަރުމެންގެ އަމިއްލަ ހަޔާތާ އަޅާކިޔޭގޮތް އަހަރުމެންނަށް އަބަދުވެސް ވެއެވެ. އަހަރުމެން ހަނދާން ކުރަންޖެހޭ ކަމަކީ ހަމަ އެކަކުގެ ހަޔާތަކީވެސް ހުރިހާކަމެއް ފުރިހަމަވެފައިވާ ހަޔާތެއް ނޫންކަމެވެ.
އެހެންވީމަ އެހެން މީހުންގެ ހާޔާތާމެދު ހިތުގައި ނަފްރަތު ގެންގުޅުމުގެ ބަދަލުގައި އަހަރުމެން ވިސްނަންވީ އަހަރުމެންގެ އަމިއްލަ ހަޔާތް ފުރިހަމަ ކުރުމަށް ކުރެވެން އޮތް ކަމެއް ކުރެވޭތޯ އެވެ.މުއްސަނދިކަން ލިބިފައިވީނަމަވެސް ބޮޑާވެ ކިބުރުވެރިނުވެ،އެހެން މީހުންނަށްވެސް ވީވަރަކުން މަދަދުވެރި ވުމަށެވެ. އިރާދަ ކުރެއްވިއްޔާ ކޮއްކޮ ކިޔަވާ މޮޅުވެ ކާމިޔާބް މީހަކަށް ހަދާދިނުމަށް އެހީތެރިވުމަށް އަހަރެން މިހުރީ ތައްޔާރަށެވެ. އުންމީދަކާ އެކު މަސައްކަތް ކުރާ މީހަކަށް އަބަދުވެސް ކާމިޔާބު ދެއްވާނެކަން ހަނދާން ކުރާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް